ކޮވިޑަށްފަހު އަދިވެސް ގިނަ ބައަކު ސުންނަތާ އެއްގޮތަށް މިސްކިތުގެ ސަފުގައި ހުންނަން ބިރުން އުޅޭކަން ފާހަގަކުރެވެއެވެ. އިމާމް ގާތްގާތުގައި ތިބެން ގޮވާލުމުން ކައިރިވެލައިގެން ތިބެފައި ދެން ފެންނަނީ ދުރަށް ޖެހި ސަފު މެދުކަނޑާތަނެވެ.
އަޅުގަނޑުގެ ސުވާލަކީ ހިތުގައި އޮންނަ ބިރުވެރިކަމެއްގެ ސަބަބުން ގައިދުރުކޮށް ނަމާދުގައި ތިބުން ހުއްދަވާނެތޯއެވެ؟
ގައިދުރުކޮށް ސަފުހަދަން ފަށައިފިނަމަ ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވާ މައްސަލަތައް ތިއަގޮތަށް ކުރިމަތިވާނެކަން ޢިލްމުވެރިން އެއިރުވެސް ފާހަގަކުރެއްވިއެވެ. މިއަދު މިފެންނަނީ އެބަސްފުޅުގެ ތެދުކަމެވެ. ތިރީގައިވާ ލިޔުންތަކުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.
މަގުފުރެދުމަކަށް ގޮވާލައިފި މީހަކު އެކަމުގެ ފާފަ އާއި އޭނާ އަށް ތަބަޢަވީ އެންމެންގެ ފާފަ އިން އެއްވެސް މިންވަރެއް އުނިނުވެ ފާފަ އުފުއްލަން ޖެހޭނެ!: ޙަދީޘް
ޞަޙާބީންގެ ޒަމާނުގައިވެސް ގައިން ގައަށް އަރާ ބަލިތައް ފެތުރިގެން ދިއައެވެ. ނަމަވެސް ނަމާދުގައި ޞަފުތައް ދުރުދުރުގައި ހައްދަވާފައެއް ނުވެއެވެ. ދީނުގެ ތެރެއަށް އަލަށް އީޖާދު ކުރާ ކަންތައް ވެއްދުން އެއީ ވަރަށް ބޮޑު ނުބައެކެވެ.
ނަމާދުގެ ޞަފުތައް ހަދާއިރު ބައިބައިވެ ނުގަންނާށޭ (ދުރަށް ނުދާށޭ)، އެގޮތަށް ކަންތައް ކޮށްފިނަމަ ތިއަބައިމީހުންގެ ހިތްތައް ބައިބައިވެގެން ހިނގައިދާނެއެވެ. ޙަދީޘް ކުރައްވާ ކައިރި ކައިރީ ޞަފުތައް އަތުރާލުމަށް ވަނީ އިރްޝާދު ދެއްވަވައިފައެވެ. މިއަށް ވުރެ މޮޅު ގޮތެއް ހަދާނީ ކިހިނަކުންތޯ؟!
ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވަނީ މަގުފުރެދުމަކަށް ގޮވާލައިފި މީހަކު އެކަމުގެ ފާފަ އާއި އޭނާ އަށް ތަބަޢަވީ އެންމެންގެ ފާފަ އިން އެއްވެސް މިންވަރެއް އުނިނުވެ ފާފަ އުފުއްލަން ޖެހޭނެ ކަމަށެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް