ސަމާސައަށްވެސް މީހުން އުފައްދަވާފައިވާ ސިފަނުކިޔާށެވެ! އެއީ ބޮޑު ފާފައެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ސަމާސައަށްވެސް މީހުން އުފައްދަވާފައިވާ ސިފަނުކިޔާށެވެ! އެއީ ބޮޑު ފާފައެކެވެ!

މީސްތަކުންނޭވެ! އަހުރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާ އަހުރެމެން އުފައްދަވާފައިވާ ގޮތަށް ރުހި އަމިއްލަ ނަފްސް ދެކެ ލޯބިވާންޖެހޭނެ މީހެކެވެ. އެހެނީ އަހުރެމެންނަށް ﷲ ތަޢާލާ މިންވަރުކުރައްވަވާ ހަށިގަނޑުގެ ސިފަތަކުގެ ތެރެއިން ކިތަންމެ ކުޑަނަމަވެސް ބަދަލެއް ގެނެވޭނީ ވަރަށް މަދު ކަމަކަށެވެ. 

މިޘާލަކަށް ބުޅި އިސްތަށި ފަންކުރެވިދާނެއެވެ. ފަންއިސްތަށި ބުޅި ކުރެވިދާނެއެވެ. ހަށިގަނޑުގެ ކުލަ ކޮންމެވެސް މިންވަރަކަށް ދޮން ކުރެވިދާނެއެވެ. އެހެނަސް އިސްކޮޅުން ދިގުވުން ކުރުވުން ފަދަ ކަންކަމަކީ ބަދަލުގެނެވޭނެ ކަންކަމެއް ނޫނެވެ. ބަދަލުިގެންނަން އުޅެފިނަމަ ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ. ވީމާ އޮތް އެންމެ ރަނގަޅު ގޮތަކީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ސިފައަށް ރުހިޤަބޫލުވުމެވެ. 

ހަމައެއާއިއެކު ސަމާލުކަންދޭންޖެހޭނެ ކަމަކީ އަނެކާ ހައްދަވާފައިވާ ސިފައަށް ފާޑުނުކިޔުމެވެ. ނަފްރަތުވެސް ނުކުރުމެވެ. އެކަމަކު އަހުރެމެންނަށް އެކަން އެބަ ކުރެވެއެވެ. 

މިޘާލެއް ބުނެފާނަމެވެ. ތިބާ ރުހެނީ އިސްކޮޅު ދިގު، ގައިގެ ކުލަ ދޮން، ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ މީހަކު ބައިވެރިއަކަށް ލިބުމަށް ކަމަށް ވެދާނެއެވެ. އެހެނަސް އެއިގެ އިދިކޮޅު ސިފަތައް ހުންނަ މީހުންނަށްވެސް އިޙްތިރާމްކޮށް ޤަދަރުކުރާށެވެ. ރުޅި އައިސް ނަފްރަތުި ނުކުރާށެވެ. އެފަދަ ކަމެއް ހިތަށް އެރިނަމަވެސް ތައުބާވެ އެމީހަކަށް ހެޔޮދުޢާކުރަންވާނެއެވެ. 

މިކަމުގެ ހުރިނުބައިކަން އެނިގެންދަނީ ޙަދީޘްފުލަކުންނެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލަކަށް އެހެން އަނބިކަލެއްގެ ސިފަފުޅަށް ފާޑުވިދާޅުވެވުނު ހިނދު ކުރެއްވެވި ޙަދީޘްފުޅުނެނެވެ. އެއީ މުޅި ކަނޑުގެ ލޮނުގަނޑުވެސް އެނުބައިކަމުން ތަޣައްޔަރުވެގެން ހިނގައިދާނެ ފަދަ ނުބައި ޢަމަލެއްކަން ބަޔާންކޮށް ދެއްވަވާފައިވާތީއެވެ. 

މީސްތަކުންނޭވެ! ކޮންމެ އިންށާނަކުވެސް ﷲ ތަޢާލާ އުފައްދަވަނީ އެމީހަކު ދުނިޔޭގައި ހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފައިގައެވެ. 

" އެއީ އީމާންވި މީހުންނަށް އެހީތެރިވެ، ނަޞްރު ދެއްވާ ފަރާތެއްކަމުގައި ﷲ ވޮޑިގެންވާކަމުންނެވެ. އަދި، ކާފިރުވި މީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނުވެއެވެ."

(މުޙައްމަދު: 11) 

މިއާޔަތުން އެނގިގެންދަނީ ﷲ ތަޢާލާއަށް އީމާންވެގެން ތިބި އެންމެންނަކީ ﷲ ތަޢާލާގެ ބެލެނިވެރިކަމުގައި ތިބި ބައަކު ކަމާއި އީމާންވި މީހުންނަށް އެހީތެރިވެ، ނަޞްރު ދެއްވާ ފަރާތެއްކަމުގައި ﷲ ވޮޑިގެންވާކަމެވެ. އެފަދަ މީހަކަށް ނުބައިކޮށް ހީކުރަންވެސް ހެޔޮނުވާނެ ނޫން ހެއްޔެވެ؟

ވީމާ މިއީ ސަމާސައަކަށްވެސް ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ. ވަނަމަކަށްވެސް ކުރޭ، ދިގޭ، ފެޓޭ ފަދަ ނަންތައް އެއްވެސް މީހަކަށް ނިޞްބަތްކޮށް ނުކިޔާށެވެ! އެކުރެވެނީ ބޮޑު ފާފައެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން