ކައިވެނި ރޫޅެންއުޅޭކަމުގެ ބިރު އޮތަސް މީހަކު ގެއްލުމެއްދޭން އުޅޭކަމުގެ ބިރު އޮތަސް މިދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ކައިވެނި ރޫޅެންއުޅޭކަމުގެ ބިރު އޮތަސް މީހަކު ގެއްލުމެއްދޭން އުޅޭކަމުގެ ބިރު އޮތަސް މިދުޢާކުރާށެވެ!

ގިނަ ބައަކު އެންމެ ބޮޑަށް ބިރުގަންނާނީ މީހަކު ދީފާނެ ގެއްލުމަކަށެވެ. އަނިޔާއަކަށެވެ. އަދި ޙަސަދަވެރިން ދީފާނެ ދެރައަކަށެވެ. ކައިވެނި ރޫޅި ނިކަމެތިކަން ލިބިދާނެކަމަށެވެ. 

އެއްވެސް މީހެއްގެ ކިބައިން އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތްނަމަ އެމީހަކާއިމެދު ކަންބޮޑުނުވާށެވެ! ތިމާ ކުރަންޖެހޭ ކަންކަން ކޮށް ނިންމުމަށްފަހު ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! އަދި މިފަދައިން ދުޢާކޮށްގެން ނިދާށެވެ! ނިދީންހޭލާއިރު އެމީހަކު ހުންނާނީ ﷲ ތަޢާލާގެ ރައްކައުތެރިކަމުގެ ދަށުގައެވެ. މީހަކު ދީފާނެ ގެއްލުމަކަށް ފަސްނުޖެހި ކުރިއަށް ދިއުމުގެ ހިތްވަރު ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ 

بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ 

މިދުޢާގައި އެކުލެވިގެންވާ މާނައީ ﷲ ތަޢާލާގެ މަތިވެރި ނަންފުޅުން ފަށަމެވެ. އަދި ބިމާއި އުޑުގައިވާހައި ނުބައިކަމަކުން އެންމެ މަތިވެރިވަންތަ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމެވެ. އަދި ﷲ ތަޢާލާއީ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. 

މިފަދައިން ދުޢާ ކުރާމީހަކަށް ﷲ ތަޢާލާގެ ރައްކައުތެރިކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

ކައިވެނި ރޫޅެން އުޅޭކަމުގެ ބިރު އޮތަސް މިދުޢާކުރަން މިބުނަނީ އެއީ މީހަކުދޭން އުޅޭ އަނިޔާއަކަށްވާނަމަ އެއަނިޔާއިން ސަލާމަތްކަން ދެއްވަވާނެތީއެވެ. މާނައަކީ ފަހަރެއްގައި ކަންދިމާވާ ގޮތަކުން ކައިވެނި ޜޫޅުނަސް އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތީއެވެ. އިން ޝާ ﷲ 

ﷲ ތަޢާލާގެ ރައްކައުތެރިކަމަށް އެދިގެން ހުންނަ މީހަކަށް އެކަން ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ. މިދުޢާކުރަންވީ ވަކިކަމަކަށް އޮންނަ ބިރުން ސަލާމަތްވުމަކަށް ނޫނެވެ. އެކަމަކުން ތިމާއަށް ދެރައެއް ނުވަތަ ގެއްލުމެއް ލިބިދާނެހެން ހީވާ ކޮންމެ ކަމަކުން ސަލާމަތްކަމަށް އެދިގެންނެވެ. ކުރިން ބުނިފަދައިން ތިމާކުރަންޖެހޭ ކަންކަންކުރުމަށްފަހު މިދުޢާކުރުމުން އެމީހަކަށް ބޭނުންވާ ހުރިހާ ރައްކައުތެރިކަމެއް ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން