ކީރިތި ޤުރްއާނުގެ މާނަކިޔާ އަންހެނަކަށް އެންމެ ބޮޑަށް އަސަރުކޮށް ރޮވޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކީރިތި ޤުރްއާނުގެ މާނަކިޔާ އަންހެނަކަށް އެންމެ ބޮޑަށް އަސަރުކޮށް ރޮވޭ ސަބަބު-

ކީރިތި ޤުރްއާނުގެ މާނަ ކިޔަމުންދާއިރު އަހުރެންނަށް އެންމެ ބޮޑަށް ރޮވޭ އެއް ސަބަބަކީ ޤުރްއާނުގައި މައިންނަށާއި އަންހެނުންނަށް ދެއްވަވާފައިވާ މަތިވެރިކަމާއި ޤަދަރު ބަޔާންކުރާ އާޔަތްތަކުގެ މާނަ ކިޔުމުންނެވެ. މައިންނަށާއި އަންހެނުންނަށް ހެޔޮކޮށްހިތަން ކުރައްވަވާފައިވާ އަމުރުފުޅުތައް އެނގުމުންނެވެ. 

އެކަމުން އަހުރެންނަށް ވިސްނެނީ އަންހެނުންނަކީ ހަށިގަނޑުގެ ގޮތުން ކިތަންމެ ޟަޢީފް ބައަކަށްވީނަމަވެސް ﷲ ތަޢާލާ އަންހެނުންނަށް ލޯބިވެވޮޑިގަންނަވާ މިންވަރެވެ. ނޫންނަމަ އެވާހަކަތައް ޤުރްއާނުގެ އެތައް އާޔަތްތަކެއްގައި ތަކުރާރުކުރައްވަވާފައެއް ނުވީހެވެ. 

އިސްލާމް ދީނުގެ މަތިވެރިކަމާއި ބޮޑުމިނަށް ބަލައިފިނަމަ ޤުރްއާނަކީ ވަރަށް ކުޑަކުޑަ ފޮތެކެވެ. އެފޮތުގައިވަނީ ދީނުގެ އެންމެ މުހިންމު ކަންކަމުގެ ވާހަކަތަކެވެ. ވީމާ އެންމެ މުހިންމު ކަންކަމުގެ ތެރޭގައި އަނހެނުންނަށް މިހައިބޮޑު ސަމާލުކަމެއް ދެއްވަވާފައި އޮތުމުން އަންގައިދެނީ އެކަމަށްޓަކައި ﷲ ތަޢާލާއަށް އަންހެނުން ޝުކުރުއަދާކުރަންޖެހޭ މިންވަރެވެ. 

ލޮބުވެތި އުޚުތުންނޭވެ! ﷲ ތަޢާލާ އަންހެނުންނަށް ދެއްވަވާފައިވާ މަތިވެރި ޤަދަރާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ އަންހެނަކަށްވެސް އޮތް އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަންޖެހޭ އެންމެ ބޮޑު ސަބަބެވެ. ޝައިޠޯނާގެ މަގާއި ދުރުހެލިވާންޖެހޭ ސަބަބުވެސްމެއެވެ. 

ޤުރްއާނަކީ ހަމައެކަނި ދެލިގަނޑު ކިޔައިލުމުން ފުދެން އޮތް ފޮތެއް ނޫނެވެ. މާނަވެސް ކިޔައި އުނގެނެން އެބަޖެހެއެވެ. ހަމައެކަނި ދެލިގަނޑު ކިޔައިލުމަކުން މިބުނި ފަދަ އިޙްޞާޞްތަކެއް ނުކުރެވޭނެއެވެ. އެކަން ޙާޞިލްކުރެވޭނީ މާނަވެސް ކިޔައި އުނގެނެން މަސައްކަތްކުރުމުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން