ﷲ ތަޢާލާ ހަނދުމަކުރުމުން ހާސްކަން ފިލައި ހިތްތަކަށް ހަމަޖެހުން ލިބޭނެކަމުގެ ހެކި ސައިންސުން ހޯދައިފި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ﷲ ތަޢާލާ ހަނދުމަކުރުމުން ހާސްކަން ފިލައި ހިތްތަކަށް ހަމަޖެހުން ލިބޭނެކަމުގެ ހެކި ސައިންސުން ހޯދައިފި-

އިންސާނުން ހާސްވެ ކަންބޮޑުވާ ވަޤުތުތަކުގައި ނުވަތަ ހިތާމަތައް ކުރިމަތިވާ ހިނދުގައި ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުކުރުމުން ހިތްހަމަޖެހުން ލިބޭނެކަމަށް އޮތް ބަސްފުޅަށް މިއަދުގެ ސައިންސުގެ ހޯދުންތަކުންވެސް ހެކިލިބިއްޖެއެވެ. 

ސައިންސުގެ ހޯދުންތަކުގެ އަލީގައި ބުނަނީ ހާސްވެ ކަންބޮޑުވުންތައް ކުރިމަތިވުމުން ނުވަތަ ހިތާމައިގެ ވަޤުތުތަކުގައި ސިކުނޑީގެ ދައުރު ހަނިވެ ތިމާއަށް ގެއްލުންހުރިކަމެއް މެދުވެރިވާން އުޅޭކަމަށް ވިސްނައިދޭން ފަށާނެ ކަމަށެވެ. ޙައްލަކީ އެމީހަކު ހިތްހަމަޖެހޭ، އުފާވެރިކަން ލިބޭ ކޮންމެވެސް ކަމެއްކުރުން ކަމަށެވެ. އެއިރުން ސިކުނޑި ހުޅުވި ހާސްކަން ފިލައިގެންދާނެ ކަމަށެވެ. 

މިހޯދުން އަހުރެމެންގެ ދީނާއި ގުޅުވައިލާށެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއި ޤުރްއާން ކިޔެވުން ފަދަ ކަންކަމަކީ މުސްލިމުން އެންމެ ބޮޑަށް ކުރާހިތްވާ އަދި ކުރަން ބޭނުންވާނެ ކަންކަމެވެ. އަދި އަޅުކަންކުރުންވެސްމެއެވެ. މިކަންކަމުން މުސްލިމުންނަށް އުފާވެރިކަން ލިބޭނެކަމާއިމެދު ބަހުސްކުރުމެއް ނެތެވެ. މާބޮޑަށް ޔަޤީންކަންކަމަށްވާތީއެވެ. 

ވީމާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާހިތްވެގެންހުރެ، ޤުރްއާން ކިޔަވާހިތްވެގެން ހުރެ އަދި އަޅުކަންކުރާހިތްވެގެން ހުރެ އެކަންކަން ކުރުމުން ސިކުނޑި ހުޅުވިގެންދާނެކަމާއި އެކަންކަމުގެ ސަބަބުން އުފާވެރިކަން ލިބޭނެކަން މިއޮތީ ފެންނާށެވެ. 

"އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟"

(އައް ރަޢްދް: 28) 

މުސްލިމުން ނޫން މީހުން ދައްކާނީ އުފާ ހޯދަން ދީނުގައި ހުއްދަ ނޫން ކޮންމެވެސް ކަމެއް ކުރުމުން އުފާވެރިކަން ލިބޭނެ ވާހަކައެވެ. މުސްލިމުން ދައްކަންވީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުން އުފާވެރިކަން ލިބޭނެ ކަމުގެ ވާހަކައެވެ. އަދި ޙަޤީޤީ އުފާވެރިކަން ލިބުންވަނީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުންކަން ޔަޤީނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން