ރަންނަމާރީގެ ވާހަކަ – މިޙަޤީޤަތްތައް އެނގެން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ރަންނަމާރީގެ ވާހަކަ – މިޙަޤީޤަތްތައް އެނގެން އެބަޖެހޭ!

މަޝްހޫރު ރަންނަމާރިއަކީ އެއިރު ހުންނެވި ރަސްގެފާނުތޯ އަޅުގަނޑުގެ ދަރިފުޅު ސުވާލުކުރާތީ ދޭނެ ޖަވާބެއް ބުނެދެއްވަފާނަންތޯ؟ 

ކިޔުންތެރިޔާއަށް ދަންނަވަން އޮތީ ތިރީގައިވާ ލިޔުމުން ސުވާލުގެ ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ 

ލިޔެވިފައިވާ ތާރީޚު ފޮތްތަކުގައި ރާއްޖެ އިސްލާމްވީ ސަބަބުގެ ވާހަކަ ލިޔެފައިވަނީ ވަރަށް ކުޑަމިންވަރަކަށް ކަމަށްވުމުން ގިނަބައަކަށްވަނީ އޮޅުންތަކެއް އަރައިފައެވެ. މިއަދު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އެކަމުގެ ފުރިހަމަ މައުލޫމާތު ވަނީ އޮޅިފައެވެ. އެކަމާއިބެހޭގޮތުން ގިނަ ބައަކު ސުވާލުތައް ކުރެއެވެ.

ވީމާ ތިރީގައި އެވަނީ އެކަމުގެ ބައެއް ޙަޤީޤަތްތައް ޙާމަކުރައްވައި ޝައިޚް އާދަމް ނިޝާން ވިދާޅުވެފައިވާ ބަސްކޮޅެކެވެ.

ދަރުމަވަންތަ ރަސްގެފާނު ރާއްޖެ އިސްލާމް ކުރެއްވި ގޮތުގެ ވާހަކައިން ގިނަ ބައަކަށް ނުއެނގޭ ކަންކަން ވަރަށް ގިނައެވެ. 

ދިވެހިރާއްޖޭގެ ރައްޔިތުން ބުދުދީނަށް އުޅެމުން ދަނިކޮށް ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ކުރެއްވެވި ރަސްގެފާނު، އައްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ، (ދަރުމަވަންތަ ރަސްގެފާނު) އަށް އެއްވެސް މިންވަރެއްގެ ކުޑައިމިސް ބަހެއް ބުނެވޭނެ އެއްވެސް ގޮތެއް ނެތެވެ.

ރާއްޖެ އިސްލާމް ވީ ގޮތުގެ ވާހަކައިގައި ކިޔައި އުޅޭ ރަންނަމާރިއަކީ ޙަޤީޤީ ރަންނަމާރިއެއް ނުވަތަ ޖިންނި ފުރޭތައެއް ނޫންކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ސަބަބަކީ ރާއްޖެ އިސްލާމްވީތާ 300 ވަރަކަށް އަހަރުފަހުން އިބްނު ބަޠޫޠާ ރާއްޖެ އައިސް ހުރިއިރު ވެސް ކަނޑުމަތިން އެގޮތަށް ދިއްލާފައި ހުރި އުޅަނދެއް ފަދަ އެއްޗެއް މާލެ އާއި ދިމާއަށް އަންނާތީ ފެނިގެން ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން މަގުތަކަށް ނުކުމެ އަޑުހަރުކޮށް ތަކްބީރު ކިޔައި ކަންކަން ކުރިއެވެ. އެ އަޑު އިވޭ ހިސާބަށް ކައިރިވުމަށްފަހު އެ އެއްޗެއް ދުރަށް ގޮސް ގެއްލުނު ކަމުގެ ވާހަކަ އިބްނު ބަޠޫޠާ އޭނާގެ ތާރީޚްފޮތުގައި ލިޔެފައި އެބަ އޮތެވެ.

ދެވަނަ ސަބަބަކީ ބުދުދީނުގައި ސިއްރިޔާތުގައި އަންހެންކުދިންނާއިމެދު އެފަދަ އަމަލުކުރަމުން އައިސްފައިވާކަން ސާބިތުކަމާއިއެކު އެނގެން އޮތުމުން އެއީ އެއިރު ރާއްޖޭގައި ތިބި ހާމުދުރުން ކުރި ކަމެއް ކަމަށްވެސް ބެލެވިދާނެ އެވެ.

އެއިރުވެރިކަމުގައި ހުންނެވި ދަރުމަވަންތަ ރަސްގެފާނަކީ އިސްލާމްވެވަޑައިގަތުމަށްފަހު ރާއްޖޭގެ ރައްޔިތުން އިސްލާމް ކުރައްވަވައި އިސްލާމް ދީނަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކުރެއްވެވި ބޭކަލެއްކަން ތާރީޚު ފޮތްތަކުން އެނގެން އެބަ އޮތެވެ. 

ވީމާ ރަސްގެފާނު ބަދުނާމު ކުރުމަށް ތަފާތު ވާހަކަތައް ދައްކަނީ އިސްލާމް ދީނުގެ އަދާވާތްތެރިންނެވެ. ބޭނުންވަނީ ރާއްޖޭގެ ރައްޔިތުން އިސްލާމްދީން ޤަބޫލު ކުރީ މަޖުބޫރުންކަމަށް ދައްކުވަން ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ގޮތަކުން ޤަބޫލުކުރެވެންއޮތް ވާހަކައެއް ނޫންކަން ފެންނަން ހުރި ތާރީޚީ ލިޔުންތަކުން ސާބިތުވެއެވެ.  

ދަރުމަވަންތަ ރަސްގޭފަނަށް ޙައްޤު ޤަދަރާއި އިޙްތިރާމް އަބަދުވެސް އަދާކުރަން ޖެހޭނެއެވެ.  އެއްވެސް ކަމެއް ވާނެ ގޮތް ބުނަން ނުއެނގުނު ނަމަވެސް އެ ރަސްގެފާނު ދިވެހި ރައްޔިތުން އިސްލާމް ނުކުރެއްވި ނަމަ ދިވެހި ރައްޔިތުން އަދިވެސް ތިބޭނީ ބުދީނުގައިކަމަށް ބެލެވެއެވެ. އެހެންކަމުން ދިވެހިންނަށް ލިބިފައިވާ އެންމެ މަތިވެރި އިއްޒަތާއި ޝަރަފަކީ އިސްލާމް ދީނުގެ މަތިވެރި ނިޢްމަތް ކަމަށްވާއިރު އިސްލާމް ދީނުގެ ހިދާޔަތް ދިވެހިންނަށް ލިބުމަށް ﷲ ތަޢާލާ މެދުވެރިކުރެއްވެވި ރަސްގެފާނަށް ޙައްޤު ޝުކުރާއި ތަޢްރީފް އަބަދުވެސް ކުރަން ޖެހޭނެ ކަމަށެވެ.

 

މިއަދު އޮންލައިން