ޒަކަރިއްޔާގެފާނުގެ ވާހަކަ- 6: ޒަކަރިއްޔާގެފާނުގެ މަސައްކަތްޕުޅު

ކިޔުމަށް ހޭދަވާނީ 8މ 58ސ
ޒަކަރިއްޔާގެފާނުގެ ވާހަކަ- 6: ޒަކަރިއްޔާގެފާނުގެ މަސައްކަތްޕުޅު

ޢަލީ އިޙްޞާން ފިރާޤް

 

އަރަހުށި މާތްسبحانه وتعالى  މީސްތަކުންނަށް ތެދުމަގުދެއްކެވުމަށްޓަކައި ފޮނުއްވި އެންމެހައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަކީ އަމިއްލަފުޅަށް މަސައްކަތް ކުރައްވައިގެން ދިރިއުޅުއްވުމުގެ ކަންތައްތައް އިންތިޒާމު ކުރައްވަމުން ގެންދެވި ބޭކަލުންނެވެ. އެގޮތުން زكريّا عليه السّلام  ވެސް ދިރިއުޅުއްވުމުގެ ކަންތައްތައް އިންތިޒާމު ކުރައްވަމުން ގެންދެވީ އަމިއްލަފުޅަށް މަސައްކަތް ކުރައްވައިގެންނެވެ. އެކަލޭގެފާނު މައިގަނޑުގޮތެއްގައި ކުރެއްވި މަސައްކަތްޕުޅަކީ ވަޑާންކުރެއްވުމުގެ މަސައްކަތްޕުޅެވެ.

އަބޫ ހުރައިރާ ރަޟިޔަޢަންހުގެ އަރިހުން އިމާމު މުސްލިމު ރިވާ ކުރައްވައިފައިވެއެވެ. މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ.

[‏ كَانَ زَكَرِيَّاءُ نَجَّارًا] {صحيح مسلم، كتاب الْفَضَائِلِ، بَابٌ فِي فَضَائِلِ زَكَرِيَّاءَ عَلَيْهِ السَّلَامُ، حديث رقم 4510}

މާނައީ: [زكريّا عليه السّلام އަކީ ވަޑާންކުރައްވާ އުޅުއްވި ބޭކަލެކެވެ.]

يحيى عليه السّلام އާއި އެކަލޭގެފާނުގެ ބައްޕާފުޅު زكريّا عليه السّلام އާއި މަންމާފުޅު اشياع އަކީ ނުހަނު ތަޤްވާވެރި ތިން ބޭފުޅުންނެވެ. އެބޭފުޅުންގެ ގިނަވަގުތު ވަޤުފުކުރައްވައިފައިވަނީ މާތް ހަނދުމަކޮށް ޒިކުރުކުރުމާއި އެކަލާނގެއަށް އަޅުކަން ކުރެއްވުމަށެވެ. ތަސްބީޙައާއި ތަޙްލީލު ވިދާޅުވުމަށެވެ. ކީރިތި ޤުރްއާނުގެ އަންބިޔާއު ސޫރަތުގެ 90 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ ۚ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ﴿٩٠

މާނައީ: [ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް يحيى ގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން (ދަރިމައިވާގޮތަށް) ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ].

ޝަހީދުކޮށްލުން

އަލްބިދާޔަތު ވައްނިހާޔަތުގައިވާގޮތުން، ބަނީއިސްރާއީލުބާގައިގެ މީހުންވަނީ زكريّا عليه السّلام އާއި އެކަލޭގެފާނުގެ ދަރިކަލުން يحيى عليه السّلام  ޤަތުލު ކޮށްފައެވެ. ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކެއްގައި ބަނީއިސްރާއީލުބާގައިގެ މީސްތަކުން ނަބީބޭކަލުން ޤަތުލު ކުރިކަމަށް އައިސްފައިހުރެއެވެ. އެގޮތުން ސޫރަތުލް މާއިދާ 70 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

لَقَدْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ وَأَرْسَلْنَا إِلَيْهِمْ رُسُلًا ۖ كُلَّمَا جَاءَهُمْ رَسُولٌ بِمَا لَا تَهْوَىٰ أَنفُسُهُمْ فَرِيقًا كَذَّبُوا وَفَرِيقًا يَقْتُلُونَ ﴿٧٠

މާނައީ: [ހަމަކަށަވަރުން، އިސްރާއީލު ގެދަރިންގެ ކަށަވަރުވެގެންވާ عهد ތިމަންރަސްކަލާނގެ ހިއްޕެވީމެވެ. އަދި އެއުރެންގެ ގާތަށް رسول ންތަކެއް ފޮނުއްވީމެވެ. އެއުރެންގެ ހިތް ނޭދޭގޮތަކާއިގެން، އެއުރެންގެ ގާތަށް رسول އަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއުރެން އޭގެތެރެއިން ބައެއް رسول ންގެ ބަސްފުޅު ދޮގުކުރެތެވެ. އަދި އެއުރެން އަނެއްބައި رسول ން قتل ކުރެތެވެ.]

މިދެންނެވި އާޔަތުގެ ތަފްސީރުގައި އިމާމު ޤުރުޠަބީ ލިޔުއްވައިފައިވެއެވެ. ބަނީއިސްރާއީލުބާގައިގެ މީސްތަކުން ޤަތުލުކުރި ނަބީބޭކަލުންގެ ތެރޭގައި زكريّا عليه السّلام އާއި އެކަލޭގެފާނުގެ ދަރިކަލުން يحيى عليه السّلام  ހިމެނެއެވެ. އަދި މިނޫންވެސް އެތައް ނަބީބޭކަލުންނެއް އެބައިމީހުން ޤަތުލުކޮށްފައިވެއެވެ. އެބައިމީހުން ދޮގުކުރި ރަސޫލުބޭކަލުންގެ ތެރޭގައި عيسى عليه السّلام  ހިމެނެއެވެ. {އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، މާއިދާ ސޫރަތުގެ 70 ވަނަ އާޔަތުގެ ތަފްސީރު}

يحيى عليه السّلام ޝަހީދުކޮށްލެވުނު ޙާދިޘާއާމެދު ތަފާތު ރިވާޔަތްތައް ބަޔާންވެގެންވެއެވެ. އެގޮތުން އެންމެ މަޝްހޫރު ރިވާޔަތެއްކަމުގައި އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވަނީ މިދަންނަވާ ރިވާޔަތެވެ. އޭރު ދިމިޝްޤުގެ ވެރިއަކަށް ހުރި ރަސްގެފާނު އޭނާ ކާވެނި ކުރުން ޙަރާމް އަންހެނަކާ ކާވެނި ކުރަން ޤަޞްދުކުރިއެވެ. އެކަން އެނގިވަޑައިގެންނެވުމުން يحيى عليه السّلام  އެކަން ވަރުގަދަޔަށް މަނާކުރެއްވިއެވެ. އެންމެފަހުން އެ އަންހެނާގެ ބަހަށް އެކަލޭގެފާނު ޤަތުލުކުރެވުނެވެ.

އަނެއް ރިވާޔަތެއްގައިވަނީ އެ ރަސްގެފާނުގެ އަނބިކަނބަލުން يحيى عليه السّلام  ދެކެފައި އެކަލޭގެފާނު ދެކެލޯބިފުޅުވިއެވެ. އެކަން يحيى عليه السّلام  ދެންނެވުމުން އެކަލޭގެފާނު އެކަމަނާގެ އަރިހަށް ދިއުމަށް އިންކާރުކުރެއްވިއެވެ. އެކަމާ އޭނާ ރުޅިއައިސްގެން ރަސްގެފާނުގެ އަރިހުގައި ތަފާތު ބަހަނާދައްކައިގެން އެކަލޭގެފާނު ޤަތުލުކޮށްލިއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 411}

އަދިވެސް އަލްބިދާޔަތު ވައްނިހާޔަތު މި ފޮތުގައިވެއެވެ.  شمر بن عطية ވިދާޅުވެފައިވެއެވެ. [يحيى عليه السّلام  ޝަހީދުކުރެވުނީ ބައިތުލްމަޤުދިސުގެ صخرة ގެ ކައިރީގައެވެ. އެތަނުގައި ހަތްދިހަ ނަބީބޭކަލުން ޤަތުލުކުރެވިފައިވެއެވެ.] އަދި އެކަލޭގެފާނު ޝަހީދުކުރެވުނީ ދިމިޝްޤުގައި ކަމަށްވެސް ރިވާވެގެން އައިސްފައިވެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 414-413}

އަދިވެސް ރިވާވެގެންވާ ތާރީޚީ ރިވާޔަތެއްގައިވެއެވެ. އަލްޙާފިޡު އިބްނު އަސާކިރު، ވަލީދު ބުނު މުސްލިމުގެ  އަރިހުން ރިވާކުރައްވާފައިވެއެވެ. ޒައިދު ބުނު ވާޤިދީ ވިދާޅުވެފައިވެއެވެ. ދިމިޝްޤުގެ މިސްކިތް ބިނާ ކުރަމުން ގެންދަނިކޮށް يحيى عليه السّلام ގެ އިސްތަށިފުޅުފެނުނެވެ. ޚުދު އަހަރެންވެސް އެކަލޭގެފާނު ގެ އިސްތަށިފުޅު ދުށީމެވެ. އެ އިސްތަށިފުޅު ވަޅުލެވިފައިވަނީ މިސްކިތުގެ މިޙުރާބުގެއާ ދާދި ކައިރީގައެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގެ ހަންކޮޅަކަށްވެސް އިސްތަށްޓަކަށްވެސް އެއްވެސް ބަދަލެއް އައިސްފައެއްނުވެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 414}

އިބްނު ޝިހާބު ވިދާޅުވެފައިވާކަމަށް އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. މާތް ރަސޫލާ އެއްދުވަހަކު އެކަލޭގެފާނުގެ ޞަޙާބީބޭކަލުންގެ އަރިހަށް ނުކުމެވަޑައިގެންނެވިއެވެ. އެވަގުތު ޞަޙާބީބޭކަލުން އެކިއެކި ނަބީބޭކަލުންގެ މާތްކަމުގެ ވާހަކަ ދައްކަވަމުން ގެންދެވިއެވެ. އެތަނުން އެއްބޭކަލަކު ވިދާޅުވިއެވެ. [މޫސާގެފާނަކީ كليم الله އެވެ. އަނެއް ބޭކަލަކު ވިދާޅުވިއެވެ. ޢީސާގެފާނަކީ روح الله އެވެ.] އަނެއް ބޭކަލަކު ވިދާޅުވިއެވެ. [އިބްރާހީމުގެފާނަކީ، خليل الله އެވެ.] މިބޭކަލުންގެ މިވާހަކަތައް އަޑު އައްސަވައި މާތް ރަސޫލާ ޙަދީޘު ކުރެއްވިއެވެ. [ޝަހީދުގެ ދަރިކަލުން ޝަހީދު ވާހަކަ ބަޔާން ނުކުރީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނު ފާފައެއް ކުރެވިދާނެތީ ތުރުކުރެއްވީ ކެހެރީގެ ފޭރާމެވެ. ފަރީއްކުޅުއްވީ، ގަސްގަހުގެ ފަތެވެ.] އިބްނު ވަހަބު ވިދާޅުވަނީ މާތް ރަސޫލާ އެ އިޝާރާތް ކުރެއްވީ يحيى عليه السّلام އަށް ކަމަށެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު، ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 403-404}

މިއަދު އޮންލައިން