"އިސްރާއީލުގެ ދިފާއީ ބާރުން ފަލަސްޠީނުގައި ގަސްދުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއްކަމަށާއި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް" ދިވެހިރާއްޖޭގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް ގޮވާލެއްވި ގޮވާލެއްވުމަކީ ފަހަކަށް އައިސް ރާއްޖެއިން ފަލަސްޠީނަށްޓަކާ ގޮވާލެވުނު އެންމެ ބާރުގަދަ ގޮވާލުން ކަމުގައި ފާހަގަކުރެވެއެވެ.
އިތުރަށް ފާހަގަކުރަންޖެހޭ ކަމަކީ އެންމެ ބާރުގަދަ މުސްލިމް ޤައުމުތަކަށްވެސް ކުރެވޭ ކަމަކީ ހަމަމިއީއެވެ. ކުށްވެރިކުރުމާއި ގޮވާލުމެވެ. އެހެން އެއްވެސް ކަމެއް ކުރެވޭތަނެއް އަދި ނުފެނެއެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ރާއްޖޭގެ ރައްޔިތުން ގެންދަނީ ނަމޫނާ ދައްކަމުންނެވެ. ހަމައެކަނި ތަނަވަސް މީހުންނެއް ނޫނެވެ. މަސްވެރިންނާއި ދަނޑުވެރިންވެސް އަދި އެންމެ ނިކަމެތި ފަޤީރުންވެސް ގެންދަނީ އެމީހުންނަށް ލިބޭ މިންވަރުން ބޮޑު ހޭދައެއް ކުރަމުންނެވެ.
ރާއްޖޭގެ މިސްކިތްތަކުގައި ގެންދަނީ ކޮންމެ ފަރުޟް ނަމާދަކަށްފަހު ޤުނޫތު ކިޔަމުންނެވެ. ދުޢާކުރަމުންނެވެ.
ވީމާ ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި އަދި މަސްޖިދުލްއަޤްޞާގެ ޙައްޤުގައި ދިވެހިން މިގެންދަނީ ދިވެހިންނަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ