ޢީސާގެފާނުގެ ވާހަކަ- 1

ކިޔުމަށް ހޭދަވާނީ 12މ 46ސ
ޢީސާގެފާނުގެ ވާހަކަ- 1

ޢަލީ އިޙްޞާން ފިރާޤް

 

عيسى عليه السّلام 

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެންނެވިތާ ދިހަވަނަ އަހަރު ހިނގި ޙާދިޘާއެކެވެ. މިދެންނެވި ދުވަސްވަރަކީ ކައުސާހިބާގެ އަރިހަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަފުދުތަށް އަންނަމުން ދިޔަ ދުވަސްވަރެވެ. އެ ދުވަސްވަރު ނަޖުރާނުން އިތުރު ސާހިބާގެ އަރިހަށް ނަޞާރާއިންގެ ވަފުދެއް އައެވެ. ނަޖުރާނަކީ ޙިޖާޒުކަރައާއި ޔަމަނުކަރައާއި ދެމެދުގައިވާ ރަށެކެވެ. އެރަށް އެކުލެވިގެންވަނީ ހަތްދިހަ ތިން ގަރްޔާގެ މައްޗަށެވެ. އެ ވަފުދުގައި އަސްމައްޗަށް ސަވާރުވެގެން އައި ފަސްދޮޅަސް މީހުންތިއްބެވެ. އޭގެ ތެރެއިން ސާދަ މީހުންނަކީ އެބައިމީހުންގެ މެދުގައި ކަންތައްތަކުގައި ގޮތްނިންމާ ލަފާދީ އުޅޭ އަޝްރާފުންނެވެ.

އޭގެ ތެރެއިން ތިން މީހުންނަކީ އެ ވަފުދުގެ ބޮޑުންގެ ތެރެއިން ވާ މީހުންނެވެ. އޭގެ ތެރެއިން العاقب އަކީ އެބައިމީހުންނަށް ޖެހޭ ބޮޑެތި ކަންކަމުގައި މަޝްވަރާ އަރުވައި ލަފާދީ އުޅޭ މީހާއެވެ. އޭނާގެ އަސްލު ނަމަކީ عبد المسيح އެވެ. ދެވަނަ މީހަކީ السيد އެވެ. އޭނާއަކީ އެބައިމީހުންގެ ތެރޭގައި ހުރި ބޮޑު ޢިލްމުވެރިއެކެވެ. ދަތުރުގެ އެންމެ އިސް ލީޑަރެވެ. ދެން ތިންވަނަ މީހަކީ أبو حارثة بن علقمة އެވެ. އޭނާއަކީ އެބައިމީހުންގެ أسقف އެވެ. އެބައިމީހުންގެ އެންމެ އިސް ޙިބުރެވެ. ދީނުގެ އިމާމެވެ.

މި ވަފުދުގެ ތެރެގައި ހިމެނޭ أبو حارثة بن علقمة އަކީ ޢަރަބިންގެ ތެރޭގައި ހިމެނޭ މީހެކެވެ. بني بكر بن وائل ގެ ވަންހައަށް ނިސްބަތްވާ މީހެކެވެ. އޭނާ ނަޞާރާދީން ޤަބޫލު ކުރުމުން އޭރު ރޯމުގެ ވެރިކަމުގައި ހުންނެވި ރަސްގެފާނު އޭނާއަށް ވަރަށް މާތްކޮށް ހިތައި އަޅުކަން ކުރާނެ ކަނީސާތައް ބިނާކޮށްދިނެވެ. އޭނާގެ ޚިދުމަތަށް ވަރަށް ގިނަ ޚާދިމުންނާއި އަޅުންދެއްވިއެވެ. އޭނާއަށް މާލީއެތަކެއް އެހީތެކެއްދީ ހެދިއެވެ. އެހެނީ أبو حارثة بن علقمة އަކީ ނަޞާރާދީނުގައި ގަދައަށް ސާބިތުވެ ހުރި މީހެއްކަން އެބައިމީހުންނަށް ވަނީ އެނގިފައެވެ.

أبو حارثة ވަނީ އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ގެ ސިފަފުޅުތައް އެބައިމީހުންގެ މުޤައްދަސް ފޮތްތަކުން ކިޔަވައި ދެނެގެންފައެވެ. ނަމަވެސް އޭނާގެ ޣާފިލުކަން އޭނާ އިސްލާމްވުން މަނާކުރިއެވެ. ނަޞާރާއިންގެ ތެރޭގައި އޭނާގެ ޤަދަރާއިން ޢިއްޒަތް ވެސް އޭނާ އިސްލާމްވުމަށް ހުރަސް އަޅަމުން ގެންދިޔައެވެ. އެހެނީ އިސްލާމްވެއްޖެނަމަ އޭނާއަށް އެބައިމީހުން ކުރާ އިޙްތިރާމާއި ޢިއްޒަތް ކުޑަވެގެންދާނެތީއެވެ.

މިބައިމީހުން ކައުއިތުރު ރަސޫލާގެ އަރިހަށް މަސްޖިދުއްނަބަވީއަށް އައީ އެއްދުވަހެއްގެ ޢަޞްރުނަމާދަށްފަހުގައެވެ. އެބައިމީހުން އެއައިގޮތަށް އައިސް ކައުއިތުރު ރަސޫލާއަށާއި އަޞްޙާބުންނަށް ސަލާމްކުރުމަށްފަހު ބައިތުލްމަޤުދިސަށް ކުރިމަތި ލައިގެންތިބެ ނަމާދެއް ކުރަންފެށިއެވެ. ބައެއް އަޞްޙާބު ބޭކަލުން އެކަން މަނާ ކުރެއްވުމަށް އުޅުއްވުމުން އިތުރު ސާހިބާ ޙަދީޘް ކުރެއްވިއެވެ. އެބައިމީހުން އެކުރާކަމެއް ކުރިއަދޭށެވެ.

ދެން އެބައިމީހުން ނަމާދުކޮށް އަވަދިވުމުން ކައުސާހިބާ އެބައިމީހުންނަށް އިސްލާމްދީން ހުށައެޅުއްވިއެވެ. ޖަވާބުގައި އެބައިމީހުން ދެންނެވިއެވެ. އަޅުގަނޑުމެންވެސް މިތިބީ އިސްލާމްދީނަށްވުރެ މާކުރިން އައި ދީނެއް ޤަބޫލުކޮށްގެންނެވެ. އެދީނުގެ ފޮތް ޤަބޫލުކޮށް އެފޮތަށް އީމާންވެ އިސްލާމްވެގެންނެވެ. އެދީނަކީ އެންމެ ރަނގަޅު ދީނެއްކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަމެވެ. މިބައިމީހުންގެ ވާހަކަތައް އަޑުއައްސަވައި މާތް ރަސޫލާ ޙަދީޘްކުރެއްވިއެވެ.

[ތިންކަމެއްގެ ސަބަބުން ތިޔަބައިމީހުންގެ ދީނަކީ ރަނގަޅު ދީނަކަށް ނުވެއެވެ. ފުރަތަމަކަމަކީ ތިޔަބައިމީހުން ޞަލީބަށް ކަމޭހިތައި އެއީ މުޤައްދަސް އެއްޗެއްކަމުގައި ބަލައި އެއަށް އަޅުކަންކޮށް އުޅެއެވެ. ދެވަނަކަމަކީ އޫރުމަސް ހުއްދަކޮށްގެން ކައިއުޅުމެވެ. ތިންވަނަ ކަމަކީ މާތްއަށް ދަރިކަލަކުވާކަމަށާއި އެދަރިކަލަކީ عيسى عليه السّلام  ކަމަށް ބުނެއުޅުމެވެ.]

ކުރިންވެސް ދެންނެވުނު ފަދައިން ނަޖުރާނުގެ ވަފުދުގެ އެންމެ ބޮޑުއެއް މަޤްޞަދަކީ عيسى عليه السّلام  އާ މެދު ޖަދަލު ކުރުމެވެ. އެބައިމީހުން ބުނެއެވެ. [عيسى عليه السّلام އަކީ މާތްއެވެ.] އަނެއްބަޔަކު ބުނެއެވެ. [عيسى عليه السّلام އަކީ މާތް ގެ ދަރިކަލެކެވެ.] އަނެއްބަޔަކު ދަޢުވާ ކުރަމުން ގެންދިޔައީ عيسى عليه السّلام އަކީ ތިން އިލާހުންގެ ތެރެއިން އިލާހެއް ކަމަށެވެ. އެބައިމީހުންގެ މި ބާޠިލު ދަޢުވާތަކުން އަރަހުށި މާތްވަނީ ހުސްދުރުވެވޮޑިގެންވެއެވެ.

عيسى عليه السّلام  އަކީ ކަލެއްކަމުގައިބުނެ އެބައިމީހުން ދަލީލުތަކެއްވެސް ދައްކަމުންގެންދިޔައެވެ. އެއީ އެކަލޭގެފާނު މާތް ގެ އިޒުނަފުޅާއެކުގައި މަރުވެފައިވާ ތެކެތި ދިރުއްވުމާއި ކަނުމީހުން ރަނގަޅު ކުރެއްވުމާއި ޖުޒާމުބައްޔާއި އަދި މިނޫންވެސް ބަލިތަށް ޖެހިފައިވާ މީހުން ރަނގަޅުކުރެއްވުމެވެ. ކުރިއަށް ވާން ހުންނަ ބައެއްކަންތައް ބުނެ ޚަބަރުދެއްވުމާއި މަށިން ދޫންޏެއް ހައްދަވައި އެއަށް ފުމެލެއްވުމުން މާތް ގެ އިޒުނަފުޅާއެކު އެއަށް ފުރާނައެޅި އުދުހިގެންދެއެވެ. ނަމަވެސް މި ހުރިހާކަމަކީ މާތް އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތްތަކެވެ. މިއިން އެއްވެސްކަމަކުން އެކަލޭގެފާނުގެ އިލާހުވަންތަކަމަކަށް ދަލީލެއް ނުލިބެއެވެ.

މި ދެންނެވި އަސްލެއްނެތް ދަލީލުތައް ދައްކާ ނަޖުރާނުގެ ވަފުދުގެ މީސްތަކުން އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އާ ޖަދަލުކުރަން ފެށުމުން މާތް އާލު ޢިމްރާނު ސޫރަތުގެ އެތައް އާޔަތެއް ބާވައިލައްވައިފައިވެއެވެ. މުފައްސިރުން ވިދާޅުވާގޮތުގައި އާލު ޢިމްރާނު ސޫރަތުގެ ފަސްދޮޅަސް އެތައް އާޔަތެއް ބާވައިލައްވާފައިވަނީ ނަޖުރާނުން އައި ވަފުދުގެ މީހުންނާމެދުގައެވެ. ބައެއް ރިވާޔަތްތަކުގައިވަނީ އަށްޑިހަ އެތައް އާޔަތެއް ބާވައިލެއްވިކަމުގައެވެ. އެ އާޔަތްތަކުގައި އަރަހުށި މާތްالله سبحانه وتعالى ވަނީ عيسى عليه السّلام  ގެ ވާހަކަ ވަރަށް ތަފްޞީލު ގޮތެއްގައި ބަޔާން ކުރައްވައިފައެވެ. އެކަލޭގެފާނުގެ ކާފާފުޅާއި މާމާފުޅާއި މައިކަނބަލުންގެ ވާހަކައެވެ. އެކަލޭގެފާނުގެ ބޮޑުދައިތާފުޅާއި ބޮޑުދައިތާފުޅުގެ ފިރިކަލުން زكريّا عليه السّلام ގެ ވާހަކަފުޅެވެ. زكريّا عليه السّلام ގެ ދަރިކަލުން يحيى عليه السّلام ގެ ވާހަކައެވެ. ޚުދު عيسى عليه السّلام ގެ ރިސާލަތާއި އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތްތަކުގެ ވާހަކަ ވަރަށް ތަފްޞީލުކޮށް ބަޔާން ކުރައްވައިފައިވެއެވެ.

ކޮންމެއަކަސް ނަޖުރާނުގެ ވަފުދުގެ މީސްތަކުންނަށް ދައްކަންޖެހޭ ދަލީލުތަކާއި ޙުއްޖަތްތައް އިތުރު ސާހިބާ ދެއްކެވުމުންވެސް އެކަން  އެބައިމީހުން ޤަބޫލެއް ނުކުރިއެވެ. ދެން އެންމެ ފަހުން މުބާހަލާކުރުމަށް މާތް އެންގެވިއެވެ.  އާލު ޢިމްރާނު ސޫރަތުގެ 61 ވަނަ އާޔަތުގައި އަރަހުށި މާތް ވަޙީ ކުރައްވައިފައިވެއެވެ.

فَمَنْ حَاجَّكَ فِيهِ مِن بَعْدِ مَا جَاءَكَ مِنَ الْعِلْمِ فَقُلْ تَعَالَوْا نَدْعُ أَبْنَاءَنَا وَأَبْنَاءَكُمْ وَنِسَاءَنَا وَنِسَاءَكُمْ وَأَنفُسَنَا وَأَنفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَل لَّعْنَتَ اللَّـهِ عَلَى الْكَاذِبِينَ ﴿٦١

މާނައީ: [ފަހެ، ކަލޭގެފާނަށް علم ގެ ތެރެއިން (عيسى ގެފާނާމެދު) އައި އެއްޗެއްގެ ފަހުން، އެކަލޭގެފާނާ މެދުގައި ކަލޭގެފާނާ ޖަދަލުކުރި (نصارى އިންގެ) މީހުންނަށް ވިދާޅުވާށެވެ! އަހަރެމެންގެ ދަރިންނަށާއި، ތިޔަބައިމީހުންގެ ދަރިންނަށް އަދި، އަހަރެމެންގެ އަންހެނުންނަށާއި، ތިޔަބައިމީހުންގެ އަންހެނުންނަށް އަދި، އަހަރެމެންގެ އަމިއްލަ نفس ތަކަށާއި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް، އަހަރެމެން ގޮވައި އެއްކުރަމާ އަންނާށެވެ! ދެން، ދޮގުވެރިންގެ މައްޗަށް اللَّه ގެ لعنة ލެއްވުމަށްއެދި، އަހަރެމެން دعاء ކޮށް ابتهال ކުރާނީއެވެ.]

މުބާހަލާކުރުމަކީ ދެފަރާތުންކުރެ ކުށްގޮތުގައިތިބެ ޙަޤީޤަތާއި ޚިލާފުވާހަކަ ދައްކައި ޖަދަލުކުރުމުގެ ގޮތުން ދޮގުހަދައި އުޅޭބަޔަކަށް މާތް ގެ ލަޢުނަތް ލެއްވުމަށް  ދެ ފަރާތުން މާތް އަށް އިބްތިހާލުވެ ދުޢާކުރުމެވެ. މި ދުޢާކުރާއިރު ދެފަރާތުން އަންހެނުންނާއި ކުދިން ބައިވެރި ކުރަންޖެހެއެވެ. އެއީ ތިމާ ދަޢުވާކުރާ ގޮތުގެ މައްޗަށް އޮތް ޔަޤީންކަމުގެ ބޮޑުކަން ފާޅުކުރުމެވެ. ކިރިޔާވެސް ޝައްކުކަމެއްވާނަމަ އެކަމެއްގައި އަނބިދަރިން ބައިވެރި ނުކުރާނެތީއެވެ.

ދެން އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم، ނަޖުރާނުގެ ވަފުދުގެ މީސްތަކުންނަށް މުބާހަލާއަށް ގޮވައިލެއްވިއެވެ. އެބައިމީހުން ދެންނެވިއެވެ. ތިމަންމެން މުބާޙަލާއަށް ނުކުންނާނީ ތިމަންމެންގެ أسقف އާ ތިޔަކަމާ ވާހަކަދައްކާ މަޝްވަރާ ކުރުމަށްފަހުއެވެ. ދެން އެބައިމީހުން ފޭލިގެތަކަށް ގޮސް މިފަދަ ކަންތައްތަކުގައި އެބައިމީހުންނަށް ލަފާނުލަފާ ބުނެދީ އުޅޭ އިސްމީހާއަށް ބުނެފިއެވެ.

[އޭ عبد المسيح އެވެ. މުބާހަލާ ކުރުމާމެދު ފެނިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯއެވެ.] އޭނާ އެބައިމީހުންނަށް ބުންޏެވެ. [އޭ ނަޞާރާއިންގެ މީސްތަކުންނޭވެ. މާތްގަންދީބުނަމެވެ. މުޙައްމަދުގެފާނަކީ ރަސޫލުކަމާއިގެން ފޮނުއްވި ނަބީއަކުކަން ތިޔަބައިމީހުންނަށް އެނގިފައެވެ. އަދި عيسى عليه السّلام  އާމެދު ކަނޑައެޅިގެންވާ ނިޔާބަސްފުޅު އެ ނަބިއްޔާ، ތިޔަބައިމީހުންނަށް އިއްވަވައިފިއެވެ. މާތްގަންދީބުނަމެވެ. އެއްވެސް ބަޔަކު، ނަބީބޭކަލަކާއި މުބާހަލާކޮށް އެބައެއްގެ ތެރެއިން މުސްކުޅީން ދުނިޔޭގައިތިބެ އަލުން ޅަކުދީންލިބި ބޮޑެތިވެ މިހެންވެފައެއްނެތެވެ. ތިޔަބައިމީހުންވެސް އެކަން ކޮށްފިނަމަ ހަލާކުވެގެންދާނެކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ދީނާއި ވަކިނުވެ ތިޔަބައިމީހުން ތިބިގޮތުގައި ތިބުންނޫންގޮތެއް ތިޔަބައިމީހުން ޤަބޫލުކުރަނީނަމަ އެނަބިއްޔާ އާ  ދެކޮޅުވެރިވުން ދޫކޮށްލައި ތިޔަބައިމީހުންގެ ރަށަށް އެނބުރި ހިނގައިދާށެވެ!]

ދެން އަނެއްދުވަހު ރަސޫލާ صلّى اللّـه عليه وسلّم ގެ  އަރިހަށް ނަޖުރާނުގެ ނަޞާރާއިން ހާޒިރުވުމުން ކައުސާހިބާ ނުކުމެވަޑައިގެންނެވީ ޙުސައިންގެފާނު އުރުވަޑުވައިގެންނެވެ. ޙަސަނުގެފާނުގެ އަތްޕުޅުގައި ހިއްޕަވައިގެންނެވެ. السّيّدة فاطمة الزّهراء رضى اللّـه عنــها އެކަލޭގެފާނުގެ ފަހަތްޕުޅުން ނުކުމެވަޑައިގެންނެވިއެވެ. އެކަމަނާގެ ފަހަތްޕުޅުން على كرّم اللّـه وجهه ނުކުމެވަޑައިގެންނެވިއެވެ. އެބޭފުޅުންނާ މުޚާތަބު ކުރައްވާ ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ތިމަންކަލޭގެފާނު ދުޢާ ކުރައްވާހިނދު ތިޔަބައިމީހުން އާމީން ކިޔާށެވެ!.]

މިތަންދެކެފައި ނަޖުރާނުގެ أسقف ބުންޏެވެ. [އޭ ނަޞާރާއިންގެ މީސްތަކުންނޭވެ. ތިމަންމިދެކޭ މޫނުތަކަކީ މިހިރަ ފަރުބަދަތައް ހުރިތަނުން ލުހި  ނެތިދިއުމަށް ދުޢާ ކުޅަޔަސް އެތަންތަން ނެތިހިނގައިދާފަދަ އަލި މޫނުތަކެކެވެ. ފަހެ ތިޔަބައިމީހުން މުބާހަލާ ނުކުރާހުށިކަމެވެ. އެހެނީ އެކަންކޮށްފިނަމަ ތިޔަބައިމީހުންގެ އެންމެން އެކުގައި ނެތިހަލާކުވެދާނެއެވެ.]

ދެން ރަސޫލާ صلّى اللّـه عليه وسلّم އަށް އޭނާ ދެންނެވިއެވެ. [ތިމަންމެންނަށް ފެނުނީ ކަލޭގެފާނާއިއެކު މުބާހަލާ ނުކުރުމަށެވެ. ކަލޭގެފާނުގެ ދީނާމެދު އެއްބަސްވެ ޤަބޫލުކުރުމަށެވެ. އަޅުގަނޑުމެންގެ ދީނުގައި އަޅުގަނޑުމެން ތިބުމަށެވެ.] މިއަޑު އައްސަވައި މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. [ތިޔަބައިމީހުން މުބާހަލާ ނުކުރާނެނަމަ އިސްލާމްވާށެވެ. އޭރުން މުސްލިމުންނަށް ހުރި ޙައްޤުތަކާއި ވާޖިބުތައް ތިޔަބައިމީހުންނަށްވެސް ހުއްޓެވެ.]

އެބައިމީހުން މިގޮތް ޤަބޫލުނުކުރުމުން ޙަދީޘް ކުރެއްވިއެވެ. ދެން އޮތީ ހަނގުރާމައެވެ. އެބައިމީހުން ދެންނެވިއެވެ. ހަނގުރާމަކުރުމުގެ ކުޅަދާނަކަމެއް ތިމަންމެންގެ ނެތެވެ. ތިމަންމެން އެދެނީ ޞުލްޙަވުމަށެވެ. ތިމަންމެންގެ ރަށަށް ކަލޭގެފާނު ޙަމަލާނުދެއްވުމަށާއި، ހަނަގުރާމަ ނުކުރެއްވުމަށާއި، ތިމަންމެންނަށް ބިރުނުދެއްކެވުމާއި، ތިމަންމެންގެ ދީނުން ބޭރުނުކުރެއްވުމާއި، އަހަރުން އަހަރަށް ޖިޒީދިނުމަށާއި މިގޮތްގޮތުގެ މައްޗަށް ޞުލްޙަވާން އެދިތިބީމުއެވެ. ދެން ރަސޫލާ صلّى اللّـه عليه وسلّم މިގޮތް ޤަބޫލުކުރެއްވިއެވެ.

މިދެންނެވުނު ނަޖުރާނުގެ އަހުލުވެރީންގެ މުބާހަލާގެ ޙާދިޘާއާމެދު ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ. [ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ ބާރުފުޅުދަށުގައިވާ ފަރާތް ގަންދީ ހުވާކޮށް ބުނަމެވެ. ހަލާކުވެ ނެތިދިޔުން ނަޖުރާނުގެ އަހުލުވެރީންނާ ދާދިގާތްވިއެވެ. އެބައިމީހުން މުބާހަލާ ކުރިނަމަ އެބައިމީހުން ރާމާމަކުނު އޫރަށް، ވެގެން ހިނގައްޖައީހެވެ. ގަސްގަހުގެ ކުރީގައިވާ ދޫނިތަކަށް ދާންދެން ނަޖުރާނުގެ އެންމެހައި އަހުލުވެރީ މާތްއަސްލުން ނެތިކުރެއްވީހެވެ. އަދި އެކަމަށް އެއްއަހަރުނުވަނީސް އެންމެހައި ނަޞާރާއިން ނެތިފަނާވެގެން ހިނގައްޖައީހެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދެވަނަ ޖިލްދު، ޞަފްޙާ 176-179 އަދި މުޙައްމަދު ޖަމީލުދީދީ ލިޔުއްވައިފައިވާ ބަޔާން އޭ ކިޔުނު ތަފްސީރު ފޮތް}

 

މިއަދު އޮންލައިން