ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ށާފުޠޯހިރުކަންމަތީގައިކަމަށް މުސްލިމުންގެ އިތުރުން ކަރިސްޓިއަނުންވެސް ޤަބޫލުކުރެއެވެ. ބައެއް މީހުން އުފައްދާ ސުވާލަކީ އެހެންވީއިރު އެކުއްޖާ ފާފަކުރަނީ ކީއްވެގެންހެއްޔެވެ؟
އެސުވާލުގެ ޖަވާބާއިމެދު ވިސްނާލަމާ ހިނގާށެވެ. އެކުއްޖާ ނަޞްރާނީކޮށް، މަޖޫސީކޮށް އަދި ޔަހޫދިކުރަނީ ކުއްޖާގެ މައިންބަފައިންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ކުރިންވެސް ބުނާ ފަދައިން މިލިސްޓަށް މިހާރު މިވަނީ އެއްވެސް ދީނެއް ޤަބޫލުނުކުރާ އަދި ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ ކުދިންވެސް އިތުރުކުރަންޖެހިފައެވެ.
ދެން އުފެދޭ ސުވާލަކީ އެހެންކަމަށްވާނަމަ ކުއްޖާގެ ކުށަކީ ކޮބައި ހެއްޔެވެ؟ މިސުވާލަށް އަހުރެން ދޭނެ ޖަވާބަކީ އެއްވެސް ކުޑަކުއްޖަކު ކުށްވެރިއެއް ނުވާނެއެވެ. ނަމަވެސް އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކުޑަކުއްޖެއްގެ ޢުމުރުގައެވެ. އެކުއްޖާ ބޮޑުވުމަށްފަހު ޙައްޤު މަގު އޮޅުންފިލުވައި ދަސްކުރުމަކީ އެމީހެއްގެ ކަމެކެވެ. އެކަން ނުކޮށްފިނަމަ އެއީ އެމީހެއްގެ އަމިއްލަ ކަމެކެވެ.
ދަންނާށެވެ! މީހާ ބޮޑުވެ ތަޝައްރަފް ފުދުމުން އެމީހަކު ކުރާ އެއްވެސް ކަމަކަށް އެހެން މީހަކު ފާފަވެރިއެއް ނުވާނެއެވެ. އަދި އެމީހަކު ކުރާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ.
ވީމާ ތިމާ ފާފަކޮށްފައި އެހެން މީހެއްގެ ބޮލަކު ނުއެޅުވޭނެއެވެ. ޝަރީކުކުރާ މީހެއްގެ ގޮތުގައި ދުނިޔޭގައި އުޅެފައި އެކަމުގެ ޒިންމާވެސް އެހެން މީހެއްގެ ބޮލަކު ނުއެޅުވޭނެއެވެ. ނަމާދުނުކޮށް ފާފަކުރާ މީހެއްގެ ގޮތުގައި އުޅެފައި އެކަންކަންވެސް އެހެން މީހެއްގެ ބޮލަކު ނުއެޅުވޭނެއެވެ.
މިކަންކަމަށް ވިސްނާށެވެ! އާޚިރަތް ދުވަހު ޖަވާބުދާރީވާން ތައްޔާރުވާށެވެ! އެހެން މީހެއްގެ ބޮލުގައި ކަންކަން އަޅުވާފައި ސަލާމަތްވެވޭނެ ކަމަށް ހީވެސް ނުކުރާށެވެ! މައިންބަފައިން ކުރި ނުބައި ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެމީހުންނަށެވެ. ނަމަވެސް އެއީ ތިމާ ކުރި ފާފަތަކުން ސަލާމަތްވާން ދެއްކޭނެ ޙުއްޖަތެއް ނުވަތަ ސަބބަކަށް ނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން