އަލަށް އިސްލާމްވި އަންހެނަކު ޤުރްއާނާއިމެދު މިހެން ބުނާއިރު އަހުރެމެންނަށް ޤުރްއާނަށް ލޯބިނުކުރެވިގެން މިއުޅެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
އަލަށް އިސްލާމްވި އަންހެނަކު ޤުރްއާނާއިމެދު މިހެން ބުނާއިރު އަހުރެމެންނަށް ޤުރްއާނަށް ލޯބިނުކުރެވިގެން މިއުޅެނީ ކީއްވެ؟

އަހުރެން އިސްލާމްދީނާއިމެދު ވިސްނަންފެށީ އެކުގައި މަސައްކަތްކުރާ އެކުވެރިންގެ ކިބައިން ފެނުނު ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުންނެވެ. އެއިގެ ތެރެއިންވެސް ފާހަގަކުރެވުނު އެއްކަމެއްވެސް ބުނެލާނަމެވެ. 

އެކަމަކީ ކިތަންމެ އަވަސްއަވަހަށް ބައްދަލުވިނަމަވެސް "އައްސަލާމް ޢަލައިކުމް" ކިޔާކަމެވެ. ބައްދަލުވާ ކޮންމެ ފަހަރަކު އެހެން ކިޔާތީ އަހުރެން އެއިގެ މާނަ ދަސްކުރީމެވެ. އެއިގެ މާނައިން ދެކަމެއް އަހުރެންނަށް ފާހަގަކުރެވުނެވެ. 

ފުރަތަމަކަމަކީ ތިމާގެ ކިބައިން އަނެކާއަށް އެއްވެސް ގެއްލުމެއް ނުދޭނެކަމުގެ ޔަޤީންކަން ދެވޭކަމެވެ. ދެވަނަ ކަމަކީ އަނެކާއަށްޓަކައި ކުރެވޭ ހެޔޮދުޢާއެއް ކަމެވެ. އެހިސާބުން އަހުރެން އިސްލާމް ދީން އުނގެނެން މަސައްކަތްކުރީމެވެ. ފޮތްތައް ކީމެވެ. ޤުރްއާންވެސް ކީމެވެ. 

އިސްލާމް ދީނަކީ އެންމެ ރަނގަޅު ދީންކަން ޔަޤީންކުރެވުމުން އަހުރެން އިސްލާމްވީމެވެ. އެކުވެރިންނަށް އެކަން އެނގުނީ އަހުރެން ބުރުގާއަޅައިގެން އޮފީހަށް ދިއުމުންނެވެ. އެކުވެރިން އުފަލުން ފޮޅުނެވެ. ބައްދައި އޮޅުލައި ބޮސްދީ ހެދިއެވެ. 

ހަމަތެދެއް ބުނަން ހެއްޔެވެ؟ ޔުނިން އެންމެ މަތީ ދަަރޖައިގައި ފާސްވުމުން ޢާއިލާއިން ކީ މަރުޙަބާއަށްވުރެވެސް މާފުރިހަމަ މަރުޙަބާއެއް އެކުވެރިން ކިޔެވެ. އެއީ އަހުރެންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. 

އެކުވެރިން އަހުރެންނާއި ކުރި ސުވާލުތަކުން އެއްސުވާލުވެސް ފާހަގަކޮށްލާނަމެވެ. "ދީނަށް ޢަމަލުކުރާނެ ގޮތް ދަސްކުރުމާއިމެދު ނިންމާފައި އޮތީ ކޮން ގޮތެއް ހެއްޔެވެ؟" ޖަވާބުގައި އަހުރެން ބުނީމެވެ. "ދީނަށް ޢަމަލުކުރެވޭނީ ޤުރްއާނާ ސުންނަތް އެނގިގެންކަން ޤަބޫލުކުރެވޭތީ މިގެންދަނީ ދަސްކުރަމުންނެވެ. އެކަމަކު ބުނަންހެއްޔެވެ؟ ދިރިއުލުމުގައި ދިމާވާ ހުރިހާ މައްސަލަތަކެއްގެ ޖަވާބު ޤުރްއާނުން އެބައެނގެއެވެ. އަހުރެން ޤުރްއާން ޤަބޫލުކުރަން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީވެސް ހަމައެއީއެވެ. ޤުރްއާން ދެކެ އެހައިބޮޑަށް ލޯބިވެވުނު އެންމެ ބޮޑު ސަބަބަކީވެސް ހަމައެއީއެވެ." 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އޭނާއަށް އެބުނެވުނީ އެކަން އޮތް ގޮތެވެ. ޤުރްއާނުން ޙއްލުނުފެންނާނެ މައްސަލައެއް ނެތެވެ. ނަމަވެސް ހައްލު ފެންނާނީ ހޯދައިބަލާ މީހަކަށެވެ. ހެޔޮ ގޮތުގައި ވިސްނަން އެނގޭ މީހަކަށެވެ. 

ދެން ބުނެލަން ބޭނުންވަނީ ޤުރްއާނުގެ ޢިލްމް ނެތްނަމަ ބައެއް ކަންކަން ހޯދަން އުނދަގޫވެދާނެއެވެ. އެޙާލަތުގައި ޢިލްމްވެރިންގެ ބަސްފުޅު ހޯދާށެވެ. އެއިރުން ޙަދީޘްފުޅުތަކުން އެކަމެއް އެނގިގެންދާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން