ޖިބްރީލްގެފާނު ރަސޫލް ޞޢވ, އަށް އުނަގަންވައި ދެއްވެވި މިދުޢާއަށްވުރެ ރިޒުޤަށް އެދިގެން ކުރަން މަތިވެރި ދުޢާއެއް އެނގިފައެއް ނެތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ޖިބްރީލްގެފާނު ރަސޫލް ޞޢވ, އަށް އުނަގަންވައި ދެއްވެވި މިދުޢާއަށްވުރެ ރިޒުޤަށް އެދިގެން ކުރަން މަތިވެރި ދުޢާއެއް އެނގިފައެއް ނެތް-

އަޅުގަނޑުގެ ފިރިމީހާ ވަރަށް ބޮޑު ބައްޔެއްގައި އުޅޭތާ 2،3 އަހަރުވަނީއެވެ. 2 ދަރިން ގޮވައިގެން އުލެންޖެހިފައިވަނީ ވަރަށް ދަތި ޙާލުގައެވެ. އެހެންކަމުން ރިޒުޤް ތަނަވަސްކޮށްދެއްވެވުން އެދިގެން ކުރާނެ ދުޢާއެއް ބުނެދެއްވަފާނަންތޯ؟

ކިޔުންތެރިޔާގެ ޢާއިލާއަށް ތަންވަސްކަން މިންވަރުކުރެއްވެވުން އެދިގެން ދުޢާކުރަމެވެ. މިލިޔުމުގައި އެވަނީ ވަރަށް ރަނގަޅު ދުޢާއެކެވެ. ހަމަ އެންމެ ރަނގަޅު ދުޢާއެވެ. އިން ޝާ ﷲ 

އެއްރެއަކު ރަސޫލް ގެ ދަރިކަނބަލުން ފާޠިމަތިގެފާނުގެ ގަނޑުވަރުކޮޅުގައި ފަރިއްކުޅުއްވަވާނެ އެއްވެސް އެއްޗެއްނެތި ދަރިދަރިކަލުންނަށްވެސް ދެއްވަވާނެ އެއްވެސް އެއްޗެއް ނެތް ޙާލުކޮޅުގައި ބައްޕާފުޅުގެ ގަނޑުވަރުކޮޅަށް ވަޑައިގެން ކޮންމެވެސް އެއްޗެއް ދެއްވެވުން އެދި ދެންނެވުމަށް ފިރިކަލުން ޢަލީގެފާނު އެދިވަޑައިގެންނެވިއެވެ. 

އެހިނދު އެކަމަނާ ރަސޫލް ގެ ގަނޑުވަރުކޮޅަށް ވަޑައިގެން ދޮރުކޮޅުގައި ޓަކި ޖެއްސެވިއެވެ. ޓަކި ޖެއްސެވުމާއިއެކު ރަސޫލް ޙަދީޘްފުޅު ކުރެއްވެވިއެވެ. "އެއީ ތިމަންކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމާއެވެ. މިފަދަ ވަގުތަކު އެކަނާ ވަޑައިގަންނަވާނީ ވަރަށް ބޮޑުކަމެއް ޖެހިވަޑައިގަތުމުންނެވެ." 

ދޮރުކޮޅު ހުޅުވުމުން ވަދެވަޑައިގެން އާދައިގެމަތިން ސަލާމްކުރައްވަވައި ވިދާޅުވީ އެކަމަނާއާއި ދަރިދަރިކަލުންނާއި ފިރިކަލުން ޢަލީގެފާނު ތިއްބެވީ ފަރިއްކުޅުއްވަވާނެ އެއްވެސް އެއްޗެއް ނެތިގެން ހައިހޫނުކަމުގައިކަމަށެވެ. 

އެވަގުތު ކޮންމެ ބައްޕައަކަށްނަމަވެސް ކުރާނެ އަސަރުހިތަށް ގެންނާށެވެ. އެއަސަރާއިއެކުވެސް ރަސޫލް ޙަދީޘްފުޅުކުރެއްވެވިއެވެ. "މިއަދު ލިބިވަޑައިގެންނެވި 5 ކަންބަޅިބަކަރި އެބައޮތެވެ. އަދި މިއޮތީ ޖިބްރީލްގެފާނު ތިމަންކަލޭގެފާނަށް އުނގަންނަވައި ދެއްވެވި ދުޢާއެކެވެ. ބޭނުންފުޅު އެއްޗެއް ގެންދަވާށެވެ." 

މިފަދައިން ވިދާޅުވެ ޙަދީޘްފުޅުކުރެއްވެވީ މިދުޢާއެވެ. 

يَا أَوَّلَ الْأَوَّلِيْنَ، وَيَا  آخِرَ الْآخِرِينَ، وَيَا رَاحِمَ الْمَسَاكِينَ، وَيَاذَا الْقُوَّةِ الْمَتِينَ، وَيَا اَرْحَمَ الرَّاحِمِينَ، 

އެކުލެވިގެންވާ މާނައީ: "އެންމެ ފުރަތަމަ ކަމުގެ ސިފަ ލިބިވޮޑިގެންވާ އިލާހްއެވެ. އެންމެ ފަސްކަމުގެ ސިފަ ލިބިވޮޑިގެންވާ އިލާހްއެވެ. (އެބަހީ އެއިލާހަށް ފެށުމެއް އަދި ނުމުމެއް ނުވާކަމެވެ.) އަދި އޭ މިސްކީނުންނަށް ރަހުމް ކުރައްވަވާ އިލާހްއެވެ! އަދި އޭ ގަދަފަދަ ބާރުގެ ވެރި އިލާހްއެވެ. އަދި އޭ ރަޙްމްކުރާ މީހުންކުރެ އެންމެ ބޮޑަށް ރަޙުމްވެވޮޑިގެންވާ އިލާހްއެވެ." 

ވިސްނައިލާށެވެ! އެންމެ ލޯބިފުޅުވާ ދަރިކަނބަލުން ފާޠިމަތުގެފާނާއި ދަރިދރިކަލުންނާއި ފިރިކަލުން ތިއްބެވީ އެހަިބޮޑު ހައިހޫނުކަމެއްގައިކަން އެނގިވަޑައިގަންނަވާއިރުވެސް ޙަދީޘްފުޅު ކުރެއްވެވީ 5 ކަންބަޅިބަކަރި ނުވަތަ ދުޢާ ގެންދެވުމަށެވެ. ފާޠިމަތުގެފާނު އިޚްތިޔާރު ކުރެއްވެވީ ދުޢާއެވެ. ގަނޑުވަރުކޮޅަށް ވަޑައިގަތީ ދުޢާހިއްޕަވައިގެންނެވެ. ފިރިކަލުން ޢަލީގެފާނަށްވެސް ހަމަ އެދުޢާއިން ހިތްޕުޅުހަމަޖެހުން ލިބިވަޑައިގެންނެވިއެވެ. 

އަހަރެމެން މިދުޢާގެ ވާހަކަ މިދައްކަނީ ބަނޑުފުރާ ކައިގެން ތިބެއެވެ. ވީމާ ދުޢާގައި ހުރިބަރަކާތާއި ކަރާމާތްތެރިކަން އިޙްޞާޞް ނުކުރެވިދާނެއެވެ. އެކަން އިޙްޞާޞް ކުރެވޭނީ އެފަދަ ހައިހޫނުކަމުގައި ހުރެގެން ދުޢާކުރުމުންނެވެ. ދުޢާއަކީ އެފަދަ ނިކަމެތި ޙާލަތެއް ކުރިމަތި ނުކުރެއްވެވުމެވެ. ނަމަވެސް ކުރިމަތިވެއްޖެނަމަ މިދުޢާކުރާށެވެ! ހިތްހަމަޖެހުން ލިބޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

https://www.facebook.com/watch/?v=181550623978038

 

މިއަދު އޮންލައިން