މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާއާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއާއި ހިއްސާކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ އައު މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާއާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއްކަމަށެވެ. އެގޮތުން ކޮންމެ މެންބަރަކަށްވެސް ރައިސުލްޖުމްހޫރިއްޔާއާއި ވާހަކަ ދެއްކޭނެކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މީގެ ކުރީގެ ސަރުކާރުތަކުގައި މަޖިލިސްތަކުގެ މެންބަރުންނާއި ރައީސާއި ބައްދަލުނުކުރެވި ގިނަ ދުވަސްވެފައި އެބަހުރިކަމަށާއި، މެންބަރުންނާއި ސަރުކާރާ ދެމެދު މައްސަލަތައް ދިމާވާން ދިމާވަނީ އެހިސާބުންކަން އަމިއްލަފުޅު ތަޖުރިބާގެ ޢަލީގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ. "މައްސަލަ ދިމާވަނީ މެންބަރާ ވަޒީރުންނާ ރައީސާ ބައްދަލު ނުވާތީ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣަލަބިއްޔަތެއް ސަރުކާރު ހިންގާ ޕާޓީއަށް ދިނީ ރައްޔިތުންގެ އުންމީދުތަކެއް އެޕާޓީއާއި މިހާރުގެ ވެރިކަމާއި، އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާއާއި ގުޅިފައިވާތީކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ތާޢީދު އޮތްކަން ވަރަށް ސާފުކޮށް ފެންނަން އޮތްކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެހެންކަމުން އަމާޒަކަށް ވާނީ ރައްޔިތުން ބޭނުންވާ ކަންތައްތައްކުރުންކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
"އެއްވެސް ދަތިކަމެއް ނޫން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހަތްދިހަ އެތަށް މެންބަރުންނަކާ އެކީގަ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާކަށް. ފިތުނަ ފަސާދައަކަށް، ބައިބައިވުމަކަށް ޖާގައެއް ނޯންނާނެ. އެއަށްވުރެ މާ ގާތުން ރައީސް ޑރ. މުޢިއްޒު ޕާޓީގެ ކަންކަން ބައްލަވާ." ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
މިމަހުގެ 28ގައި ހުވާކުރާ އައު މަޖިލީހުގެ ރައީސަކަށް ޢަބްދުއްރަޙީމް އިންތިޚާބުކުރުމަށް ޕީއެންސީގެ އިންތިޚާބީ މެންބަރުން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.