ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ އާއި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިންތިޚާބުކުރައްވައިފިއެވެ.
މަޖިލިހުގެ ޖަލްސާގައި އަބްދުއްރަހީމް، މަޖިލިހުގެ ރައީސް ކަމަށް އިންތިހާބުވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލްއާ ވާދަކުރައްވައިގެންނެވެ.
މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި އަބްދުއްރަހީމަށް ލިބިވަޑައިގެންނެވީ 71 ވޯޓެވެ. ނާޒިލް އަށް 14 ވޯޓު ލިބިވަޑައިގެންނެވިއިރު، ބާތިލް ވޯޓުގެ ގޮތުގައި ހަތް ވޯޓު ވަނީ ކަނޑައަޅައިފައެވެ. މި ވޯޓުގައި ޖުމްލަ ބައިވެރިވެވަޑައިގެންފައި ވަނީ 92 މެމްބަރުންނެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަނީ އިންތިޚާބުކޮށްފައެވެ.
ނައިބު ރައީސަކަށް ނާޒިމް އިންތިޚާބުވެވަޑައިގެންފައިވަނީ 80 މެންބަރުންގެ ވޯޓުންނެވެ. އެމަނިކުފާނާ ވާދަކުރެއްވި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.
އަޙްމަދު ނާޒިމް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އިންތިޚާބުވެވަޑައިގަތީ 2000 ވަނަ އަހަރު މ. އަތޮޅުގެ މެންބަރެއްގެ ގޮތުގައެވެ. ނާޒިމް ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައެވެ. ދިއްގަރު ދާއިރާ ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 2000 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަަމައަށް އަދާކުރެއްވިއެވެ.