މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އަދަދު ގިނަވުމަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު އިޖުތިމާޢީ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ނާޒިމް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އަދަދު ގިނަވުމަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު އިޖުތިމާޢީ މައްސަލައެއް ކަމަށާއި އެ މައްސަލަތައް ޤާނޫނުތަކަށް އިސްލާހު ގެނެސްގެން ނަމަވެސް ހައްލުކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ނުކުރެވެނީ ޤާނޫނީ ހުރަސްތަކެއް ހުރުމުންކަމަށް އެފަދަ މައްސަލަތައް ހައްލުކުރަން ރާއްޖޭގައި މަސައްކަތްކުރާ ފަރާތަތްކުން ފާހަގަކުރައްވާ ކަމަށާޢި މައްސަލަތައް ހައްލުކުރަން ހުރި ޤާނޫނީ ހުރަސްތައް ދެނެގަނެ ޤާނޫނުތައް އިސްލާހުކުރަން ކޮމިޓީތަކުން ވީހާވެސް އަވަހަކަށް މަސައްކަތް ފަށައި އެކަމުގައި މަޖިލީހުގެ ރިޔާސަތުން ފުރިހަމައަށް އެއްބާރުލުންދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
"މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން މީހުން މަރުވެފައި އޮންނަ ތަން ފެނޭ. އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ ކޮން ޤާނޫނެއް ކޮން ގަވައިދެއް ކޮން ގޮތަކަށް އޮންނާތީތޯ މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވެގެން މިއުޅެނީ ބަލަން. ދައުލަތުން ފުދޭވަރުގެ ބޮޑު ބަޖެޓެއް ދެމުންދަނީ ނެޝެނަލް ޑްރަގް އެޖެންސީއަށް. އަދި ރީހެބިލިޓޭޝަނަށްވެސް. އެކަމަކު ރީހެބިލިޓޭޓްކޮށްގެން މީހުން މުޖުތަމަޢަށް ނެރެވޭ ތަނެއް ނުފެނޭ. އެހެންވީމަ ކޮށްދެއްވީ ކޮންކަމެއްތޯ އަޅުގަނޑުމެން އެބަ ޖެހޭ ބަލަން. އަންނަ ހަފްތާގައި ޑްރަގް އެޖެންސީއާ އަޅުގަނޑުމެން ބައްދަލުކުރާނަން. މި ބައްދަލުވުމުގައި ބަޖެޓާ ގުޅޭގޮތުންވެސް އަދި ޤާނޫނީ ގޮތުން ހުރި ހުރަސްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެ." މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓަކުގެ ތެރޭގައި ގެދޮރުވެރިކަމާ ގުޅުންހުރި ކަންކަމަށް ޚާއްޞަކޮށްގެން ކޮމިޓީއެއް އުފައްދަވާނެކަމަށާއި މި ކޮމިޓީ އުފެއްދުމަށް ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީއެންސީން ބޭނުންވި ނަމަވެސް ވިހިވަނަ މަޖިލިސް ފެށި ޖަލްސާގައި އެކަން ނުކުރެވުނީ ގެދޮރުވެރިކަމާބެހޭ އެކި ކަންކަމުގެ މެންޑޭޓް އޮތް ކޮމިޓީތައް މިހާރު ވެސް ހުރުމުން ކަމަށެވެ. ނަމަވެސް އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުތަކާއެކު އެ ކޮމިޓީ އުފެއްދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އަންނަ ޖޫން މަސް ނިމޭއިރު ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ އުފެއްދޭނެ ކަމަށާއި މި ކޮމިޓީއާއެކު ގެދޮރުވެރިކަމާ ގުޅިގެން މީގެ ކުރިން ދިމާވެފައިހުރި މައްސަލަތަކަށް ޙައްލު ލިބިގެންދާނެކަމަށެވެ.