ސެއިންޓް ރެޖިސް ސިންގަޕޫރުގައި ބޭއްވި ޓްވިމްބިޓް އެވޯޑްސްގެ "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" ގެ އެވޯޑް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެ އެވެ.
މި އެވޯޑު އުރީދޫއަށް ލިބުނީ އެވޯޑަށް ނޮމިނޭޓުވި ދިރާގު އަދި ބުރުނާއީގެ ޑީއެސްޓީއާ ވާދަކޮށްގެންނެވެ.
މިކަމާގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ މި ކާމިޔާބީ ފާހަގަކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައިވެސް އީޖާދީ، ފެންވަރު ރަގަޅު ޚިދުމަތް ދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
"ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2024 ގައި "ސްމޯލް މާކެޓްސް ޓެލްކޯ އޮފް ދަ އިޔާ" އެވޯޑް ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. މިއީ މިކާމިޔާބީ އަށް މަގުފަހިކޮށްދިން އަޅުގަނޑުމެންގެ ޓީމްގެ ހިތްވަރާއި ބުރަ މަސައްކަތުގެ ހެއްކެއް. މިކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
މި އެވޯޑްސްގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބޮޑެތި ޓެލެކޮމް އަދި ޓެކް ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ބާރްތީ އެއާޓެލް، ސިންގްޓެލް، ސްޓާހަބް، ރަކުޓެން މޮބައިލް ޖަޕާން، ރިލަޔަންސް ޖިއޯ، އިންޑޯސެޓް އުރީދޫ ހަޗިސަން، ޗައިނާ މޮބައިލް ފަދަ ކުންފުނިތައް ހިމެނެ އެވެ.