ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ތިން މަސް ދުވަސް ތެރޭ ހަވާލު ކުރުން ލާޒިމުވާ ގޮތަށް ކުރީގެ މަޖިލީހުން ފާސްކުރި ބިލު، މަޖިލީހުން ބާތިލުކޮށްފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލާމެދު އަލުން ވިސްނާވަޑައިގަތުމަށް، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން، އެ ބިލު ތަޞްދީޤް ނުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް، ފޮނުއްވާފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހުގައެވެ.
ބިލު ކޮމިޓީއަށް ފޮނުވަން މިއަދު ފާސްނުވުމުން ބަދަލެެއް ނުގެނެސް ބިލު ފާސްކުރަން ނެގި ވޯޓުގައި ނުފެންނަ ކަމަށް 76 މެންބަރުން ވޯޓު ދެއްވި އެވެ. ބިލު ފާސްކުރަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވިއެވެ. މިއާއެކު ރިޔާސަތުން ނިންމީ އެ ބިލު ބާތިލްވެފައިވާ ކަމަށެވެ.