ކިތަންމެ ސިއްރުން އެއްވެސް މީހަކަށް ނޭނގޭނެ ފޭކްނަމެއްގަ ނަމަވެސް ކުރާ ޢަމަލުތައް މަލާއިކަތުން ލިޔުއްވަވާނީ ހަމަ އެމީހާގެ ފަތުގަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކިތަންމެ ސިއްރުން އެއްވެސް މީހަކަށް ނޭނގޭނެ ފޭކްނަމެއްގަ ނަމަވެސް ކުރާ ޢަމަލުތައް މަލާއިކަތުން ލިޔުއްވަވާނީ ހަމަ އެމީހާގެ ފަތުގަ!: މުފްތީ މެންކް

ބައެއް ކަންކަމަކީ އެކަމެއް ކުރުމުން ތިމާ ފާފަވެރިވާނެ ކަންކަން ނަމަވެސް ގިނަ ބައަކު އެކަމެއް ކުރަން ފެށުމުން އެއީ ކުރެވޭ ފާފައެއް ނޫންކަމަށް ވިސްނޭތަން އައުދެއެވެ. އެގޮތުން ބަލައިފިނަމަ މިއަދު ސޯޝަލް މީޑިއާ ވެފައި މިއޮތީ އެންމެ ގިނަ ބައަކު އެންމެ ގިނައިން ފާފަކުރާ ޕްލެޓްފޯމަށެވެ. މިހެން މިބުނަނީ މުސްލިމުން ބެލުން ހުއްދަ ނޫން ކަންކަމާއި މަންޒަރުތައް ބެލުން އިތުރުވުމުގެ އިތުރަށް މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުންވެސް އިތުރުވެފައިވާތީއެވެ. 

އެކަން ފާހަގަ ކުރައްވައި ޢިލްމުވެރިން ގެންދަވަނީ ނަޞޭޙަތްތެރިވެލައްވަމުންނެވެ. މުފްތީ މެންކް ވިދާޅުވެފައިވަނީ މިފަދައިންނެވެ.   

"ކިތަންމެ ބޮޑަކަށް ފިލައި ހުރެ ސޯޝަލް މީޑިއާގައި ފޭކް ނަމެއްގައި ލިޔެގެން ނަމަވެސް އަދި ތަޞްވީރެއް، ނުވަތަ ކާޓޫނެއް ކުރަހައިގެން ނަމަވެސް އަދި އެނޫން ގޮތަކުން ނަމަވެސް އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެ، ޙައްޤު ނޫން އިލްޒާމެއް އެއްވެސް މީހެއްގެ ބޮލުގައި އަޅުވައިފިނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެ އެވެ. ކިތަންމެ ފޭކް ނަމެއްގައި ލިޔުނު ނަމަވެސް އެކަންކުރީ ކާކުކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ! އެމީހެއްގެ ކޮނޑުގައި ތިއްބަވާ މަލާއިކަތުން އެމީހެއްގެ ފަތުގައި އެމީހާގެ އެ ޢަމަލު ލިޔުއްވަވާނެ އެވެ." 

މިބާވަތުގެ އަމަލުތައް ކުރާ މީހުން މިކަންކަމަށް އިތުރަށް ވިސްނައި ހޭލުންތެރިވެ ޢާޚިރަތް ހޯދަން ވިސްނުމުން ނޫނީ ދެން މެދުވެރިވެދާނެ ޙާލަތަށް ވިސްނައިލުން ކިތަންމެހައިވެސް މުހިންމުކަން ފާހަގަކުރެވެއެވެ.  

މީސްތަކުންގެ ޙައްޤުތައް އަރައިގަންނަމުންދާ މީހުން މިއަދު އަޅުގަނޑުމެންގެތެރޭގައި ވަރަށް ގިނައެވެ.މީހުންގެ ޙައްޤުތައް އަދާކުރުމުގައި އިންތިހާއަށް ފޭލްވެފައިވާއިރު ސޯޝަލް މީޑިއާގައި ދައުރުކުރާ މެސެޖުތަކުގެ 70 އަށްވުރެ މަތީ އިންސައްތައަކީ މީސްތަކުންގެ އަބުރަށާއި ކަރާމާތަށް އަރައިގަނެފައިވާ ޢަމަލުތައް ކަމުގައިވާތީއެވެ. ނަފްރަތުކުރާ މީހާގެ ޙައްޤުތަކަށް އަރައިގަނެ ލޭ ބުއިމުގައި ހައްދު ފަހަނައަޅާފައިވާތީއެވެ.  

ހޭލުންތެރިކުރުވަން އަބަދުހެން މަސައްކަތްކުރިނަމަވެސް ފޭކް ނަންނަމުގައި މަކަރާ ހީލަތް ހަދައި ބޮޑެތި އޮޅުވާލުންތައް އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަތައްވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެމީހާއަށް ޙަޤީޤަތް އޮޅުވައިލެވިދާނެއެވެ. ނަމަވެސް ކުރިން މިބަޔާންކުރި ފަދައިން ކޮނޑުގައި ތިއްބެވި މަލާއިކަތުންނަކަށް އޮޅުވައެއް ނުލެވޭނެއެވެ. އަދި ﷲ ތަޢާލާއަށް ބަންހަނާއެއްވެސް ނުކުރެވޭނެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން