ފިރިމީހާ ދީން ފަތުރަން ދަތުރުތައް ކުރާއިރު އަނބިން ގޭގަ ތިބުމުން އަނބިންނަށް ލިބޭ ޘަވާބު މަދެއް ނުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ފިރިމީހާ ދީން ފަތުރަން ދަތުރުތައް ކުރާއިރު އަނބިން ގޭގަ ތިބުމުން އަނބިންނަށް ލިބޭ ޘަވާބު މަދެއް ނުވާނެ! އިން ޝާ ﷲ

އަޅުގަނޑުގެ ފިރިމީހާއަކީ ދީނީ ޢިލްމްވެރިއެކެވެ. އަބަދުހެން އުޅެނީ ދީނީ ކޮންމެވެސް ކަމެއްގައި ރަށްރަށަށް ދަތުރުކުރުމުގައެވެ. އަޅުގަނޑުވެސް ބޭނުންވަނީ ހަމައެގޮތަށް އެމަސައްކަތްކުރާށެވެ! އަޅުގަނޑަކީ ދީނީ ޢިލްމުވެރިއެއް ނޫންނަމަވެސް މީހުންނާއި ވާހަކަދައްކައި ހެދުމުގެ ކުޅަދާނަކަން އަޅުގަނޑުގެ ކިބައިގައިވެސް އެބަހުއްޓެވެ. އަދި އެއީ ކުރަން އެންމެ ބޭނުން އެއް މަސައްކަތެވެ. 

މައްސަލައަކީ ދަރިން ބަލަހައްޓަންޖެހޭ ކަމެވެ. އެވާހަކަ ދެއްކުމުން ފިރިމީހާ ބުނަނީ ދަރިންބަލަން ގޭގައި އިންނާތީ އަޅުގަނޑަށް ޘަވާބުލިބޭނެ ކަމަށެވެ. ޔަޤީންކޮށްލަން ބޭނުންވަނީ ފިރިމީހާ އެބުނަނީ ތެދެއް ކަމެވެ. 

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިއަ މޭރުމުން ކުރިންވެސް ޝަކުވާ ލިބެއެވެ. ފިރިކަލުން އެވިދާޅުވަނީ ހަމަ ތެދެކެވެ. ކަން އޮތް ގޮތެވެ. ގޭގައި އިންނަވައިގެން ވަޤުތު ލިބިލައްވާ ވަރަކުން ފޯނުން މަސައްކަތްކުރައްވާށެވެ. ޢާއިލާގެ މީހުންނަށާއި ރައްޓެހިންނާއި ވާހަކަދައްކަވައި ދީނަށް ޢަމަލުކުރަން ހިތްވަރުދެއްވާށެވެ. ސޯޝަލް މީޑިއާ ބޭނުންކުރައްވާށެވެ! 

ޔަޤީންކޮށްލައްވަން ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

އިސްލާމް ދީން ފެތުރުމަށް ޢިލްމުވެރިން ގެންދަވަނީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުންނެވެ. ބައެއް ޢިލްމުވެރިން ކޮންމެ ހަފްތާ ބަންދެއްގައިހެން ރަށްރަށަށް ވަޑައިގެން ދަރުސް ދެއްވައި މީސްތަކުން ހޭލުންތެރިކުރުވަން މަސައްކަތް ކުރައްވައެވެ. 

މިހިސާބުން ބައެއް އުޚުތުން އުފައްދާ ސުވާލަކީ އަހަރެމެން މިތިބެނީ ގޭގައެވެ. ފިރިމީހާ ކުރާ މަސައްކަތުން އޭނާގެ ދަރަޖަ އެދަނީ މާބޮޑުތަނުން އުފުލިގެންނެވެ. އަހަރެމެންނަށް ގޭގައި ތިބެންޖެހޭތީ ފުރުޞަތުތައް މިވަނީ ގެއްލިފައެވެ. އެހެންވީއިރު އަހަރެމެން ކަންކަން ކުރަންވީ ކިހިނަކުން ހެއްޔެވެ؟ 

މިފަދައިން ސުވާލު އުފައްދާ އުޚުތުންނަށް ޢަބްދުއްރަޙީމް ގްރީން ވިދާޅުވެފައިވާ ބަސްފުޅުން އެކަނބަލުންގެ ކަންބޮޑުވުމަށް ޖަވާބު ލިބިގެންދާނެކަމަށް ބެލެވެއެވެ. 

"ދަރުސް ދީ އިސްލާމް ދީން މަތިވެރިކުރަން އަހުރެން މިކުރާ މަސައްކަތުގައި އަހަރެންނަށްވުރެ ބޮޑު ނުވަތަ ގިނަ ޘަވާބު އަހަރެންގެ އަނބިމީހާއަށް ދެއްވަވާނެ ކަމަށް އަހަރެން އުންމީދުކުރަމެވެ. އެހެނީ އަހަރެންނަކީ ދަރުސް ދިނުމަށް ތަފާތު ޤައުމުތަކަށް ދަތުރުކުރާ މީހަކީމެވެ. ދަތުރުގައި ބައެއް ފަހަރު ގިނަ ދުވަސްތައް ވެސް ހޭދަކުރަން ޖެހެއެވެ. އަހަރެންނަށް މިދަތުރުތައް ކުރެވެނީ އަނބިމީހާ އެކަމަށް ހިތަވްރުދީ މަގުފަހިކޮށްދޭތީއެވެ. ގޭތެރޭގެ ކަންކަން ބަލަހައްޓައިދީ އަދި ދަރިންގެ ކަންކަންވެސް ބަލަހައްޓައިދޭތީއެވެ. 

މިހުރިހާ ކަމަކަށް ބެލިނަމަވެސް ދަރުސް ދޭން އަހަރެން ކުރާ މަސައްކަތަށްވުރެ އެކަން ކުރަން އަހަރެންނަށް މަގުފަހިކޮށްދޭން އަނބިމީހާ ކުރާ މަސައްކަތްތައް މާގިނައެވެ. ރަނގަޅަށް ވިސްނާށެވެ! މީހަކު ކުރި ހެޔޮ އެމަލެއްގެ ޒައްރެއްގެ މިންވަރުވެސް އެމީހަކަށް ގެއްލިގެނެއް ނުދާނެއެވެ. ވީމާ ދަރުސް ދޭން އަހަރެންނަށް މަގުފަހިކޮށްދޭން އަނބިމީހާ އުފުލާ ކޮންމެ ބުރައަކަށް އޭނާއަށް އެކަމަށް ޙައްޤުވެގެންވާ މިންވަރަށް ސަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ!"

 

މިއަދު އޮންލައިން