ދެއަންތބަށް ކައިވެނިކުރުމަށްފަހު ދޮށީ އަނބިމީހާ ބާކީކޮށްލަން މަސައްކަތްކުރަން ހެޔޮނުވާނެ! އެއީ ހިތެއް އޮތް އަންހެނަކު ކުރާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ދެއަންތބަށް ކައިވެނިކުރުމަށްފަހު ދޮށީ އަނބިމީހާ ބާކީކޮށްލަން މަސައްކަތްކުރަން ހެޔޮނުވާނެ! އެއީ ހިތެއް އޮތް އަންހެނަކު ކުރާނެ ކަމެއް ނޫން!

ދެއަންތބަށް ކުރެވޭ ގިނަ ކައިވެނިތަކަށްބަލާއިރު ދެވަނަ އަންތބެއްގެ ގޮތުގައި ގިނަ ފިރިހެނުން ހޯދާނީ އެއިރު އިން އަނބިމީހާއަށްވުރެ ޒުވާން ނުވަތަ ތަނަވަސް އަންހެނެކެވެ. އެއިރު އިން އަނބިމީހާއަށްވުރެ ޢުމުރުން ދުވަސްވީ ނުވަތަ ތަނަވަސްކަން ކުޑަ އަންހެނަކާއި ދެވަނަ އަންތބަކަށް ކައިވެނިކުރާނީ ހަމަ ހާހަކުން އެކަކުހައި މަދު ފިރިހެނެކެވެ. 

އެހެންވެ ދެވަނަ އަންތބެއްގެ ގޮތުގައި ކައިވެނިކުރާ އަންހެނުންނަށްވެސް ބަހެއް ބުނެލާނަމެވެ. ދެވަނަ އަންތބެއްގެ ގޮތުގައި ކައިވެނިކޮށްފިނަމަ ދޮށީ އަނބިމީހާގެ ޙައްޤުތަކަށް އިޙްތިރާމްކުރާށެވެ! ތިބާއަކީ ޒުވާނަކަށްވީތީ ޢުމުރުން ދުވަސްވީ ދޮށީ އަނބިމީހާ ނިކަމެތިކޮށް ބާކީކޮށްލަން މަސައްކަތްނުކުރާށެވެ! 

އެންމެ ބޮޑު ސަބަބަކީ އެދެމަފިރިން އެކުގައި ހޭދަކުރި ދުވަސްތަކެވެ. އަނބިމީހާ ފިރިމީހާއަށްވެފައިވާ ޤުރްބާނީއެވެ. ކައިވެނީގައި ދަރިން ލިބިފައިވާނަމަ އެދަރިންގެ ޙައްޤުތަކެވެ. އެދަރިންގެ މަންމައަށް ދެރަ ނިކަމެތި ގޮތެއް މެދުވެރިވެއްޖެނަމަ (ކައިވެނިރޫޅުންފަދަ) އެކުދިންނަށް ލިބޭނެ ނިކަމެތިކަމުގެ ބޮޑުކަމެވެ. 

ވިސްނާލަންވީ އެކައިވެނި ރޫޅުމުން މިއަދު ތިބާއަށް ލިބެން އުފާތަކަކަށް ނޫނެވެ. އެއަންހެން މީހާގެ މަޤާމުގައި (ދޮށީ އަނބިމީހާގެ މަޤާމުގައި) ތިބާ ހުއްޓައި ފަހުން ފިރިމީހާ ކައިވެނިކުރާ ހަގު އަނބިމީހާގެ ނުފޫޒުގައި  ތިބާ ދެރަކޮށްލައި ނިކަމެތިކުރުވައިފިނަމަ ތިބާއަށް އެދުވަހު ކުރާނެ އިހްޞާޞްތަކަށެވެ. ތިބާއަށް ލިބިފައި ތިބި ދަރިންކޮޅަށް ޖެހޭނެ ނިކަމެތި ޙާލަށެވެ. ދަރިންނާއި ތިބާއަށް އަޅަންޖެހޭނެ ކަރުނައަށެވެ. 

ދެއަންތބަށް، ޚާއްޞަކޮށް ދަރިން ތިއްބައި ދެއަންތބަށް ކައިވެނިކުރާނަމަ ކުރަންވާނީ ދޮށީ އަނބިމީހާއާއި ލިބިފައިވާ ދަރިންގެ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ ހިތްވަރު ތިބާގެ ކިބައިގައި ހުރިނަމައެވެ. 

ދޮށީ އަނބިމީހާއަށްވެސް ބުނެލަން އޮތީ ފިރިމީހާ ދެވަނަ އަންތބަކު ހޯދައިފިނަމަ ފުންމައިނުގަނެ ކެތްތެރިވެލާށެވެ! ތިބާގެ ޙައްޤުތައް އަދާކުރާނަމަ ޝަކުވާނުކުރާށެވެ! ޝަކުވާ ކުރާނަމަ ލިބޭ ދެރަ އޮންނާނީ މާބޮޑުވެފައެވެ. އިސްލާމް ދީނުގައިވާ މަގުން ފިރިމީހާ އޭނާގެ ޒިންމާތައް އުފުލައި ދެއަނބިން ހަމަހަމަކުރާނަމަ އެންމެ ރަނގަޅު ގޮތަކީ ހަމަ ކެތްތެރިވެލުމެވެ. ކެތްތެރިވުމުގެ ރަހަ އަބަދުވެސް ފޮނިވާނެއެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން