މުޞީބާތެއް ދިމާވުމުގެ ކުރީން ކަންތައް ކުރަން ޖެހޭނެ ގޮތް- 2

ކިޔުމަށް ހޭދަވާނީ 4މ 57ސ
މުޞީބާތެއް ދިމާވުމުގެ ކުރީން ކަންތައް ކުރަން ޖެހޭނެ ގޮތް- 2

ޢާއިޝަތު ރަފާޙް ޢަލީ

 

· ކެތްތެރިވުން 

މުޞީބާތެއް ކުރިމަތިވި ނަމަވެސް އެކަމަށް ކެތްތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. މުޞީބާތައް ކެތްތެރިވުމުގެ އަޖުރު ﷲ ތަޢާލާ ދެއްވާނެއެވެ. އިން ޝާ ﷲ. އެގޮތުން ބަލިމަޑުކަމާއި މުޞީބާތްތައް ﷲ ތަޢާލާ ދައްކަވަނީ އެއީ އިމްތިޙާން ކުރެއްވުމަށެވެ. ދުނިޔެއަކީ އިމްތިޙާނުން ފުރިފައިވާ ތަނެކެވެ. އެހެންކަމުން ރަނގަޅު އަޅުން ނަމަ އެކަމަށް އީމާންކަމުގައި ސާބިތުވެ ތިބޭނެއެވެ. 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 153 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ ﴿١٥٣﴾‏

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. (153)" 

މުޞީބާތްތަކުގެ ވަގުތުގައިވެސް ﷲ ތަޢާލާއަށް ގިނަ ގިނައިން ދުޢާ ކުރުމުގައި ހޭދަކުރަން ޖެހެއެވެ. އެގޮތުން އަޅުގަނޑުމެންނަށް ނަބީބޭކަލުންގެ ފަރާތުން ޢިބްރަތް ލިބިގަނެވޭނެއެވެ. ނަބީބޭކަލުންނާވެސް ވަރަށް ގިނަ ދަތިތަކާއި ދުނިޔޭގައި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ނަމަވެސް ދުޢާކުރައްވަވައި ﷲ ތަޢާލާގެ ޙަޟްރަތައް ދެންނެވުމުގައާއި ނަމާދުކުރެއްވުމާއި، ހެޔޮ ޢަމަލުތައް ކުރެއްވުމުގައި ވަގުތު ހޭދަކުރެއްވާފައިވެއެވެ. 

މިސާލަކަށް ބަލާނަމަ ޔޫނުސް ޢަލައިހިއްސަލާމް، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ދީނަށް ގޮވައިލެއްވުމުގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ދަޢުވަތައް އިޖާބަ ނުދެއްވުމުން އެކަމާ ހިތާމަ ކުރައްވާ ޤައުމު ދޫކޮށް ވަޑައިގެންނެވިއެވެ. 

ޔޫނުސްގެފާނު ޤައުމުން ނިކުމެވަޑައިގަތް ނަމަވެސް، ނާމާންކަމާއި ބިރުވެރިކަން ވެރިވެގަނެ، އުޑުމަތީގެ ކުލަ ބަދަލުވަމުންގޮސް ރަތް އަނގުރު އަލިފާންގަނޑެއް ފަދައިން އުޑު ރަތްވެގެން ދިޔުމުން، އެގައުމުގެ މީހުންނަށް އެބައިމީހުންގެ ހަލާކު އައީކަން ޔަގީންވިއެވެ. މުޅި ގައުމުގެ މީހުން ﷲގެ ހަޟްރަތުން މަޢާފަށް އެދި ތައުބާވިއެވެ. 

ﷲ ތަޢާލާ އެބައިމީހުންގެ ތައުބާ ޤަބޫލުކުރައްވައި އުޑުގެ ކުލަ ގެންނެވިއެވެ. އަދި އެ ގައުމުގެ މީހުން އެބައިމީހުންގެ ގެތަކަށް ދުރުވުމަށްފަހު ޔޫނުސްގެފާނު އަނބުރައި އެބައިމީހުންގެ ގައުމަށް ވަޑައިގަތުމަށް އެދި ދުޢާ ދެންނެވިއެވެ. އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައެވެ. އަދި ނައުކޮޅަށް އަރައިވަޑައިގެންނެވިއެވެ. 

ނަމަވެސް ނައު ޣަރަޤްވެދާނެހެން ހީވުމުން ހުރިހާ މުދާތަކެއް މޫދަށް އެއްލާލިއެވެ. ނަމަވެސް ނާކޮޅަށް އަރާ ބާރު ކުޑައެއް ނުވިއެވެ. ދެން ނަވަށް އަރާ ތިބި މީހުންގެ މެދުގައި ގުރު ނެގިއެވެ. ގުރުއަތުން ދެފަހަރުވެސް ދިމާވީ ޔޫނުސްގެފާނާއެވެ. ދެން ބޮޑު މަހަކަށް ޔޫނުސްގެފާނު ދިރުވާލުމަށް ﷲ ތަޢާލާ އަމުރުކުރެއްވިއެވެ.  

އެ ބޮޑުމަސް ޔޫނުސްގެފާނު އޮތްގޮތަށް ދިރުވާލިއެވެ. އަދި ކަނޑުގެ އެތައް ހިސާބަކަށް އެ ބޮޑުމަސް ދަތުރުކުރިއެވެ. ދެން ޔޫނުސްގެފާނު ބޮޑުމަހުގެ ތެރޭގައި އޮވެގެން ދުޢާކޮށްޛިކުރުކުރެއްވިއެވެ. 

އެވާހަކަ އަންބިޔާ ސޫރަތުގެ 87 އަދި 88 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ ﴿٨٧﴾‏ فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ ﴿٨٨﴾‏

މާނައީ: އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ. (87) ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ. (88)" 

ދެން ﷲ ތަޢާލާ ޔޫނުސްގެފާނުގެ ދުޢާ އިޖާބަ ކުރައްވާ ބޮޑުމަހުގެ ބަނޑުން ސަލާމަތް ކުރެއްވިއެވެ.

މިއަދު އޮންލައިން