ﷲ ތަޢާލާއަށް ބިރުވެތިވާ އަޅުންގެ ގޮތުގަ ދަރިން ތަރުބިއްޔަތުކުރުން- މަރުވުމަށްފަހުގައި ޘަވާބު އިތުރުވަމުންދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ﷲ ތަޢާލާއަށް ބިރުވެތިވާ އަޅުންގެ ގޮތުގަ ދަރިން ތަރުބިއްޔަތުކުރުން- މަރުވުމަށްފަހުގައި ޘަވާބު އިތުރުވަމުންދާނެ ކަމެއް!

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މަރުވުމަށްފަހު ދަރިންގެ ފަރާތުން މަންފާ ކުރާނީ އެ ދަރިންގެ ހެޔޮ ދުޢާއިން އެކަނި ކަމަށެވެ. އެއީ އެއްވެސް ޝައްކެއް ހުރި ކަމެއް ނޫނެވެ. ޞާލިޙް ދަރިންގެ ދުޢާއިން މައިންބަފައިންނަށް ސަވާބު އިތުރުކޮށްދެއްވަވާނެތެވެ. އެއިގެ އިތުރުން އެދަރިން ކުރާ ކޮންމެ ހެޔޮ އަމަލަކުންވެސް އެދަރިންނަށް އުނިކުރެއްވެވުމެއް ނެތި މައިންބަފައިންނަށް ސަވާބު އިތުރުކޮށްދެއްވަވާނެތެވެ. އެހެނީ އެދަރިން ޞާލިޙް ދަރިންކަމުގައި ވެފައި އެތިބީ މައިން ބަފައިންގެ މަސައްކަތުން ކަމުގައި ވާތީއެވެ.  

ދަރިން މައިންބަފައިންނަށް އިހްތިރާމް ނުކުރުމާއި މައިން ބަފައިންގެ ބަސް ޤަބޫލު ނުކުރުމަކީ ފަހު ޒަމާނުގެ ޢަލާމާތެކެވެ. އެހެންކަމުން މައިން ބަފައިންނަށް އަޅައިލުމާއި ކިޔަމަންތެރިވުމާއި މައިން ބަފައިން މަރުވުމުން ހެޔޮ ދުޢާކުރުން މިދަނީ ނެތެމުންނެވެ. ނަމަވެސް މިއިން ކޮންމެ ކަމަކީވެސް އެކަމެއް ކުރުމުން ދަރިންނަށް ވެސް އެކަމުގެ ސަބަބުން ސަވާބު އިތުރުވާނެ ކަންކަމެވެ.  

ދަރިންނޭވެ! މިކަމަށް ހޭލުންތެރިވާށެވެ! މައިން ބަފައިން މަރުވުމުން އެމީހުންނަށްޓަކައި ހެޔޮ އަމަލުތައްކޮށް ހެޔޮ ދުޢާކުރުން ގިނަކުރާށެވެ! ޙައްޖު ނުވެތިބިނަމަ ޙައްޖުވާށެވެ! އެފަދަ ބޮޑު ޚަރަދެއް ކުރެވެން ނެތް ނަމަ ކުރެވެން އޮތް ކަމެއް ކުރާށެވެ! މީހަކަށް ދީނީ ޢިލްމު ލިބޭނެ ފޮތެއް ހަދިޔާ ކުރިނަމަވެސް މައިން ބަފައިންގެ ނަމުގައި ކޮށްފިނަމަ މައިންބަފައިންނަށާއި ތިމާއަށް އެކަމުގެ ފައިދާ ކުރާނެއެވެ. ވީމާ ވެވުނު ވަރަކުން މިސްކިތްތަކަށާއި މަދުރަސާތަކަށާއި ދަރިވަރުންނަށް އެހީތެރިވެދޭށެވެ.  

ދަރިންލައްވައި މިފަދަ ހެޔޮ އަމަލުތައް ކުރުވަން ބޭނުންނަމަ އެކަމުގައި ދަރިންނަށް ނަމޫނާ ދައްކާ މައިންބަފައިންނަށް ވާންޖެހޭނެއެވެ. އަހަރެމެން އެފަދަ އަމަލުތައްކޮށް ދަރިންނަށް ނަމޫނާ ނުދައްކާނަމަ އެކުދިންވެސް އެކަމަށް ޝައުޤުވެރިއެއް ނުވާނެއެވެ.  

މަރުވުމާއިއެކު ހެޔޮ އަމަލުތައް އިތުރަށްކޮށް ސަވާބު އިތުރުކުރުމުގެ މަގު ބަންދުވެގެންދެއެވެ. އެހެންކަމުން މަރުވުމުގެ ކުރިން ސަވާބު އިތުރުވާނެ މަގުތައް ހޯދައި އެކަމަށް މަގުފަހިކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.  

ޢިލްމު އުނގެނުމުގެ އިތުރުން ޢިލްމު ފަތުރަންވެސް ގަދައަޅައި މަސައްކަތްކުރާށެވެ. އެމީހެއްގެ ސަބަބުން ފެތުރުނު ޢިލްމުގެ ފައިދާ މީހުންނަށް ކުރާ ވަރަކަށް، ޢިލްމު ފެތުރި މީހާ މަރުވެފައި އޮތް ނަމަވެސް އެކަމުގެ ފައިދާ ކުރާނެއެވެ. ވީމާ ދީނުގެ ޢިލްމާއި މައުލޫމާތު ފަތުރާ ޓީވީތަކަށާއި މީޑިއާތަކަށްވެސް އެހީތެރިވެދޭށެވެ! އެ މީޑިއާއަކުން ފެތުރި ހެޔޮ ލަފާ ޢިލްމާއި މައުލޫމާތުގެ ސަބަބުން އެމީހަކަށް، ކައްވަޅުގައި އޮތް ނަމަވެސް ދާނީ ސަވާބު ލިބެމުންނެވެ.  

މިސާލަކަށް މީޑިއާއަކުން ފެތުރި މައުލޫމާތަކާއި ގުޅިގެން މީހަކަށް ހިދާޔަތް ލިބިއްޖެނަމަ، މީހަކު ޞަދަޤާތްކޮށްފިނަމަ، މީހެއްގެ ތަޤްވާވެރިކަން އިތުރުވެއްޖެނަމަ، މީހެއްގެ ޢަމަލުތައް އިޞްލާޙެވެއްޖެ ނަމަ އެ މައުލޫމާތު ފަތުރަން ވާގިވެރިވި އެންމެންނަށް އެކަމުގެ ސަބަބުން ސަވާބު ލިބޭނެއެވެ. ހަމަ އެފަދައިން އެ މައުލޫމާތު ފެތުރި ޢިލްމުވެރިޔާއަށް ވެސް އެކަމުގެ ސަވާބު ލިބޭނެއެވެ.  

- ޝައިޚް ޝަފްޔަތު މުޙައްމަދުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން