އިސްލާމް ދީނަށް ނަޞްރުދީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތުގައި ސާބިތުވުމަށް މަސައްކަތްކުރާ ނަމަ އެމީހަކާއި ދިމާއަށް ވަރަށް ގިނަ ބާވަތުގެ ބަސްތައް ބުނާނެ ބައަކު ތިބޭނެއެވެ! އެމީހުން ތިބާއަށް ވަރުގަދަ ހަމަލާތައް ދޭން މަސައްކަތްކުރާނެއެވެ. އެމީހުންގެ ބިރު ދެއްކުންތަކަށް ފަސް ނުޖެހިއްޖެނަމަ ފުރާނައަށް ވެސް ނުރައްކާ ކޮށްފާނެ ކަމުގެ ބިރުވެސް ދައްކައިފާނެއެވެ. ދިރިއުޅުން ބަރުބާދުކޮށްލައިފާނެ ކަމުގެ ބިރުވެސް ދައްކައިފާނެއެވެ.
މުސްލިމުން އަބަދުވެސް ތިބެންވާނީ މިބުނި ކަންކަމަށް ފިސާރި ރަނގަޅަށް ތައްޔާރުވެގެންނެވެ. ފުލުފުލުގައި މިސައިލްތައް ފޮނުވި ނަމަވެސް ހަމަ އަޅައިވެސް ނުލާށެވެ! ފުރިހަމަ މުސްލިމަކު ނަމަ ފަސް އެނބުރި ބަލައިވެސް ނުލާނެއެވެ.
ވީމާ ތިބާ ހެޔޮ އަމަލެއް ކުރުމުން އެކަމާއިމެދު ރުޅި އައިސް ނަފްރަތުކުރީ ކިތައް މީހުން ކަމާއިމެދު ކަންބޮޑުނުވާށެވެ! އެ ޢަމަލުގެ ސަބަބުން ތިބާ ޤިޔާމަތް ދުވަހު ސުވަރުގެ ވައްދަވާއިރު އެކަން ބަލަހައްޓަން ތިބޭނީ އެމީހުންނެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ މަޙްޝަރުގެ މައިދާނުގައި އެމީހުންނަށް ތިބާ އާއި ހަމައަށް ވެސް ނާދެވޭނެއެވެ!
އެމީހުން މަޙްޝަރުކުރައްވަވާފައި ތިބޭނީ އެމީހުން ފަދައިން ނުބައި އަމަލުތައް ކޮށް އިސްލާމް ދީނަށް ގެއްލުންދޭން މަސައްކަތްކުރި މީހުންނާއިއެކުގައެވެ. ވީމާ ކޮންމެވެސް ސަބަބެއް އޮތުމުން ﷲ ތަޢާލާ މިންވަރު ނުކުރައްވަވައިފިނަމަ އެމީހުންނަށް ތިބާ ނުވެސް ފެންނާނެއެވެ!
ނަމަވެސް ތިބާގެ ޙިމާޔަތުގައި ތިބާގެ ވަށައިގެން ރަހްމަތުގެ މަލާއިކަތުން ތިއްބަވާނެތެ! ވީމާ އެއްވެސް މީހަކު ދައްކާ ވާހަކައަކަށް ނުވަތަ ކުރާ ކޮމެންޓަކަށް ހަމަ އަޅައިވެސް ނުލާށެވެ! ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ! ދުނިޔެ އާއި އާޚީރަތުގެ ބާއްޖެވެރިންނަކީ އެއީ އެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން