ޝަރީޢަތް ނިމެންދެން މާފުށީ ޖަލުގައި ހުއްޓާ ނިޔާވި ށ. ފުނަދޫ، މުހައްމަދު ޖަމީލު މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި ހަށިގަނޑަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަން ޑޮކްޓަރުން ކަށަވަރުކޮށްދޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެންބުނެފައިވަނީ މިހާދިސާއާ ގުޅޭ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަރެކްޝަންސް ގުޅިގެން އިސްކަންދަރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ފުލުހުން ވިދާޅުވީ، ނިޔާވެފައިވާ މުޙައްމަދު ޖަމީލުގެ ހަށިގަނޑު ބެލި ޑޮކްޓަރުން އޭނާގެ މަރުގެ ސަބަބެއްކަމަށް ނިންމާފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުންވެސް އަދި އިންޓަރނަލް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަން ޑޮކްޓަރުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ޖަލުގައި ހުރި ގައިދީއަކު ނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ފޮޓޯތަކުގައި ހަށިގަނޑުގެ އެކި ތަންތަނަށް ލޭ ކުލަ އަރާފައިވާ މަންޒަރު ފެންނަނީ އެއީ މަރުވުމަށްފަހު އިންސާނާގެ ހަށިގަނޑު ޑީކޮމްޕޯސްވަމުންދާއިރު އާއްމުކޮށްވެސް ފެންނަން ހުންނާނެ ގޮތްކަމަށެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ އިޙްސާން ވިދާޅުވީ މީގެ ފަހުން ޖަލުގައި އެއްވެސް މީހަކު ނިޔާވެއްޖެނަމަ، އެމީހެއްގެ އާއިލާއަށް ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި ރިޕޯޓުތައް ލިބި، މުއައްސަސާތަކަށް ފުރިހަމައަށް ޖަވާބުދާރީވެވޭނެ ހާލަތުގައި ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ޖަމީލުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްވެސް އާއިލާގައި އެދުނު ނަމަވެސް އެ މީހުން އެގޮތް ބޭނުންނުވީ ކަމަށެވެ.
ގައިދީއަކު އެހާ ގިނައިރު ހަރަކާތެއް ނެތި އޮތްކަން ނޭނގުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ މިއަދުން ފެށިގެން ކަރެކްޝަނަލް ސާވިސްއިން ކޮންމެ ގަޑިއިރަކު ގައިދީންގެ ކަންކަން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ މުޙައްމަދު ޖަމީލު ނިޔާވިތާ ގިނަ އިރުތަކެއްވުމަށްފަހު އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަށިގަނޑު އާއިލާ އާއި ހަވާލުވިފަހުން ސަހަރާގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.
ފޮޓޯތައް ދައުރުކުރަން ފެށުމާއެކު އޭގެ ސަބަބުން ރައްޔިތުންގެ ހިތުގައި އެމުއައްސަސާއާ މެދު ޝައްކު އުފެއްދުމަށް ޖާގަ ނުދިނުމުގެ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އޮޓޯޕްސީ ހެދުމަށް އަލުން ހަށިގަނޑު ފުލުހުންނާއި ޙަވާލުކުރުމަށް އެދިފައިވާ ކަމަށެވެ.
އެހެންނަމަވެސް ތަކުރާރުކޮށް ފުލުހުންނާއި ވަޒީރު އަމިއްލަފުޅަށް އެދުމުންވެސް އެގޮތަށް ޢަމަލުކުރަން އާއިލާއިން ދެކޮޅު ހަދާފައިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.
ފުލުހުން ވަނީ މުހައްމަދު ޖަމީލް ގޮޅިގައި ހޭދަކުރި ފަހު ވަގުތުތައް ފެންނަ ސީސީޓީވީ ފުޓޭޖްވެސް ނޫސްވެރިންނަށް ދައްކާފައެވެ. އަދި މައްޔިތާގެ ޙުރުމަތް ކެނޑޭގޮތަށް ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުން: