ސައިބާ ކްރައިމާ ގުޅުންހުރި އަމަލުތައް އެއީ ކުށް ކަމުގައި ކަނޑައެޅުމަށްޓަކައި ޤާނޫނުލްޢުގުބޫތައް އިސްލާހެއް ހުށަހަޅައިފިއެވެ.
މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޟާ އާދަމް ހުށަހެޅުއްވި މި އިސްލާހުގައި ވަނީ ޤާނޫނުލްޢުޤޫބާތަށް ބާބެއް އިތުރު ކުރުމަށެވެ. އެގޮތުން 240 ވަނަ ބާބުގެ ގޮތުގައި ކޮމްޕިއުޓަރު އަދި ކޮމްޕިއުޓަރާ ގުޅުންހުރި ކުށްތައް ވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރުން، އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަކަށް އެކްސެސްވުމާއި، ހުއްދަ ނެތި، ސިސްޓަމަކަށް އިންޓަފިއާ ކުރުން، ސައިބާވަޔަލަންސްގެ އަމަލުތައް އަދި ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުމަކީ ވެސް ކުށުގެ ގޮތުގައި މި ބިލު ފާސްވުމާއެކު ކަނޑައެޅިގެންދާނެއެވެ.
މި ބިލުގައި ކުށުގެ ގޮތުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމުގެތެރޭގައި ކޮމްޕިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތަކާ، އޮޅުވާލުމުގެ އަމަލުތައް އަދި ކޮޕީރައިޓާ އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ހިމެނެއެވެ.
މިއިސްލާހަކީ މިދިޔަ ސަރުކާރުން ތައްޔާރުކޮށް، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހެކެވެ.