ރާއްޖެއަށް އެތެރެކުރާ ބައެއް ބާވަތްތަކަށް ދެމުންދިޔަ ޢިނާޔަތްތައް ކަނޑާލުމަށް މޯލްޑިވްސް ކަސްޓަމްސްއިން ނިންމަވައިފިއެވެ.
މިކަމާގުޅުގެން މޯލްޑިވްސް ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު ނިޔާޒް ދައުލަތުގެ މީދިއާއަށް ވިދާޅުވީ، އަމިއްލަ ބޭނުންތަކަށް ރާއްޖެއަށް މުދާ އެތެރެކުރުމަށް ދައުލަތުން ދެމުންގެންދިޔަ އިނާޔަތް އެންމެ ބޮޑަށް ބޭނުންކުރަމުންދަނީ އެއްގަމު އުޅަނދު އެތެރެކުރުމަށްކަމަށެވެ. ޚާއްސަކޮށް ސައިކަލު އެތެރެކުރަމުންދާކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ، ކަސްޓަމްސްގެ އާއްމު ގަވާއިދަށް ގެނެވުނު އިސްލާހާއެކު އެއްގަމު އުޅަނދާއި ކަނޑު އުޅަނދު އެތެރެކުރުމުގެ ޢިނާޔަތް ކަނޑާލާ ކުރިއަށް އޮތްތަނުގައި އެތަކެތިން ޑިއުޓީ ނަގަމުންދާނެކަމަށެވެ.
"މާލެ ސަރަޙައްދަށް ބަލާއިރު ވެހިކަލް ގިނަވުމުގެ ސަބަބުން ވަރަށްބޮޑަށް އެބަ ބާރު ބޮޑުވޭ. އެހެންކަމުން އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ވެހިކަލް އެތެރެކުރެވޭ މިންވަރު މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިއިނާޔަތް މިކަނޑާލަނީ. ހަމަމިއާއެކު ކަނޑު އުޅަނދުތައް އެތެރެކުރުމުގައިވެސް މިގޮތަށް ޢަމަލުކުރާނީ." ނިޔާޒް ވިދާޅުވިއެވެ.
މީގެއިތުރުން ޞިއްޙީ ދާއިރާއަށް ބަލާއިރު ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެނަރޖީ ޑްރިންކް އެތެރެކުރުމަށް ދެމުންދިޔަ އިނާޔަތްތައް ވެސް އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަނޑާލާނެކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.