ޕީއެސްޖީގެ ލެޖެންޑް ޖޭޖޭ އޮކޯޗާއާއެކު ބޭއްވި "ޕްލޭ ފުޓްސަލް ވިތު އޮކޯޗާ" އެގްޒިބިޝަން ފުޓްސަލް މެޗު މާޒިޔާ އިން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅުދަނޑުގައި ކުޅުނު މިމެޗުގައި ވާދަކުރީ އުރީދޫގެ ސްޕޮންސާޝިޕުގައި ހިމެނޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކުޅުންތެރިން ހިމެނޭ ޓީމަކާއި ލެޖެންޑުންގެ ޓީމެކެވެ. މިމެޗުގައި އޮކާޗާގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގާއި ކަލީމް ކުޅުނުއިރު އޮކޯޗާ ވެސް ރާއްޖޭގެ ތަރިންގެ ޓީމަށް ވަނީ ކުޅެފައެވެ.

ރާއްޖޭގެ ލެޖެންޑުންގެ ޓީމުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވެސް ހިމެނެއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވެސް މި ޓީމުގައި ހިމެނުނެވެ.
މި މެޗު މާޒިޔާ ކާމިޔާބުކުރީ 8-5 ގެ ނަތީޖާއަކުންނެވެ.