"ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބްރަތްތެރި ޢުޤޫބާތެއްގެ ގޮތުންނެވެ. ﷲ އީ، ޢަޒީޒްވަންތަ ޙަކީމްވަންތަ ވަންތަ ރަސްކަލާނގެއެވެ." (އަލް މާއިދާ: 38)
މިއާޔަތްވެސް ބާވައިލެއްވެވީ:
ٱلْعَزِيزُ: އެއްވެސް ފަރާތަކަށް އެއިލާހުގެ މައްޗަށް ގަދަވެ ނުގަނެވޭ, ގަދަފަދަވަންތަ އިލާހުއެވެ.
ٱلْحَكَمُ: ޚަލްގުތަކުންގެ މެދުގައި ޙުކުމް ކުރައްވާ ނިޔާކަނޑައަޅުއްވާ އިލާހުއެވެ.
ٱلْحَكِيمُ: ހުރިހާ ކަމެއް ފުރިހަމައަށް ކުރައްވާ, ޙިކްމަތްވަންތަ އިލާހުއެވެ.
ޢިލްމްވެރިން ދިދާޅުވާ ގޮތުގައި ވައްކަން ހުއްޓުވޭނެ ހަމައެކަނި ޙައްލަކީ މިއީއެވެ. ޝަރަފުވެރިއެއް އަދައިގެ ނިކަމެއްޗެއް ތަފާތުކުރުމެއްނެތި ޙައްޤު އަދަބު ދޭންވީއެވެ. މިވާހަކަ ކުރިން ޚުޠުބާގައި ކިޔައެވެ. ނަމަވެސް މިހާރަކަސް އައިސް އެވާހަކައިގެ އަޑު ނުއިވޭތާ އަހަރުތަކެއް ފާއިތުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާތަކަށް ދޭތެރެދޭތެރެއިން ހޯމް މިނިސްޓަރު ޙާޒިރުކޮށް ޤިޞާޞް ހިފުމުގެ ކަންކަން ކުރިއަށްދާ ގޮތާއިބެހޭ ގޮތުން ސުވާލުކުރެއެވެ. ނަމަވެސް ޤިޞާޞް ހިފުމަށްވެސް އެންގެވި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ މިއާޔަތުގެ ވާހަކަ ދައްކާއަޑެއް ނުއިވެއެވެ. ސުވާލެއްވެސް ނުކުރެއެވެ.
އެހެންކަމުން އުފެދޭ ސުވާލަކީ ޤިޞާޞް ހިފުމާއިބެހޭ ގޮތުން ސުވާލުކުރަނީ މީހުން މެރުމުގައި މަޖިލިސް މެންބަރުން ބައިވެރި ނުވާތީ އާއި މިއާޔަތުގައިވާ ޙުކުމުގެ ވާހަކަ ނުދައްކަނީ ވައްކަން ކުރުމުގައި މަޖިލިސް މެންބަރުން ބައިވެރިވާތީ ހެއްޔެވެ؟ ކުރީގެ ދައުރުތަކާއިބެހޭ ގޮތުން ރައްޔިތުން އުފައްދާފައިވާ މިފަދަ ސުވާލުތަކަށް މިދައުރުގެ މެންބަރުން ވިސްނަވައި ޙައްލެއް ހޯއްދަވާނެކަމަށް ގިން ބައަކު އުންމީދުކުރެއެވެ.
ހަމަ ޔަޤީނުންވެސް މުސްލިމުންނަށް އޮތީ ޤުރްއާނުގެ ހުރިހާ އާޔަތްތަކަށް ޢަމަލުކުރުމެވެ. ބޭނުން އާޔަތަކަށް ޢަމަލުކޮށްފައި ބޭނުން ނޫން އާޔަތްތަކަށް ޢަމަލުނުކޮށް ދޫކޮށްލާކަށް ނެތެވެ.
މަރަށް މަރުހިފުމުގެ ޤާނޫނު އޮތްއިރު ވައްކަންކުރުމުން އަތްކެނޑުން ހުއްދަކުރާ ޤާނޫނެއްވެސް މަޖިލީހުން ފާސްކޮށްފައެއް ނެތެވެ. ފަހަރަކަށްވުރެ ފަހަރަކު ގެންދަނީ ވައްކަންކުރުމުގެ އަދަބު ލުއިކުރަމުންނެވެ. މިހާރު ކުޑަކުޑަ ޖުރިމަނާއަކުންވެސް ފުދެއެވެ!