އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރިއަށްދާ ދަ ގެމްބިއާ ވ. މިޔަންމާ މައްސަލައަށް ތަދައްޚުލުވުމަށް އެދި ރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން އެ ކޯޓުން ބަލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރިއަށްދާ ދަ ގެމްބިއާ ވ. މިޔަންމާ މައްސަލައަށް ތަދައްޚުލުވުމަށް އެދި ރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން އެ ކޯޓުން ބަލައިގެންފި

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައަށް ތަދައްޚުލުވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ބަލައިގެންނެވުމަށް އައި.ސީ.ޖޭ. ގެ ފަނޑިޔާރުންގެ އިއްތިފާޤުން 3 ޖުލައި 2024 ގައި ވަނީ ނިންމަވައިފައެވެ.

އެގޮތުން، ޤަތުލުޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާގެ މާއްދާތައް މާނަކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ގައި ހުރި ކަންކަމަކީ އެ ކޯޓަށް ބެއްލެވޭނެ ކަންކަން ކަމަށް އެ ކޯޓުން ނިންމަވާފައިވެއެވެ. އެ ކޯޓުން މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިންޓަރވެންޝަން ބަލައިގެންނެވުމާމެދު މިޔަންމާއިން އިޢުތިރާޟެއް ހުށަހަޅާފައިވަނިކޮށެވެ.

ދިވެހިރާއްޖެއިން ތަދައްޚުލުވުމުގެ ފުރުޞަތު ލިބުނު މި މައްސަލައަކީ، މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން، މިޔަންމާއާ ދެކޮޅަށް 11 ނޮވެމްބަރ 2019 ގައި، އައި.ސީ.ޖޭ. އަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ރޮހިންޖާގެ މުސްލިމުންނަށް ޢަދުލު އިންސާފު ހޯދައިދިނުމަށާއި، ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާ ތަންފީޛުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން