ލޯކަލް ކައުންސިލްތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިކާބުކުރުމަށް ބޭއްވި 6 ބައި އިލެކްޝަންގެ ތެރެއިން ފަސް ގޮނޑިއާ އެކު، ޕީއެންސީ އަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.
ބައި އިލެކްޝަންގައި މާލެ ސިޓީ ކައުންސިލްގެ 2 ގޮނޑިވެސް ވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ. އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލް ބައި އިލެކްޝަން އިންތިހާބު ތަފާތު ބޮޑު ނަތީޖާއަކުން ވަނީ ޕީއެންސީން ކާމިޔާބުކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުން ޕީއެންސީ ނެގީ ހުޅުމާލެ ދާއިރާގެ ގޮނޑި އާއި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި އާއި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއެވެ. ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު ޝައުފާ ސަލީމެވެ. ޝައުފާ އާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު އަލީ ޖިނާދުއެވެ. މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު އިޝާން އަލީއެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ހައްވާ ޝިފާނާއެވެ. ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަލީ އައިމަންއެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރަޝީދު އާއެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ ބައި އިލެކްޝަން މިއަދު ބާއްވާފައި ވަނީ، އެ ގޮނޑި ކުރިން ތަމްސީލު ކުރައްވަމުން ގެންދެވި މުހައްމަދު ދާއޫދު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމުންނެވެ.
ޕީއެންސީގެ ފަސް ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބުކުރުމާއި ގުޅިގެން ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށާއި ވޯޓު ދެއްވި ރައްޔިތުންނަށް ޝުކުރާއި މަރުޙަބާ ވިދާޅުވެފައެވެ.