ޒަވާޖީ ޙަޔާތެއްގައި ދިރިއުޅެމުން އަންނައިރު ދެމަހޫންގެ ގުޅުމަށް ބުރޫއަރައި ފައިދާނުކުރާނެ، ޚާއްޞަކޮށް އެކުގައި ކުރިއަށްދާން ހުރަސްއެޅޭނެފަދަ ކަންކަން އަނެކާގެ ކިބައިން ފެންނަނަމަ އެކަން އިޞްލާޙްކުރަން ދެމީހުންވެސް ބުނަންވާނެއެވެ. އެކަކު އަނެކާގެ ކިބައިން އެދެންވާނެއެވެ.
މިކަމުގައި ދެމީހުންވެސް ޒިންމާދާރުވާންޖެހޭނެއެވެ. އަދި އަނެކާއަށް ފުރުޞަތުދޭންވެސް ޖެހޭނެއެވެ. އެގޮތަށް ކަންތައް ކުރުމުން ޤަބޫލުނުކުރާނަމަ، އެކަމެއް އިޞްލާޙްނުކުރާނަމަ އާދޭސްކުރުމެއްވެސް ނެތެވެ. އޮތީ ކަންކަން ގޯހުން ގޯހަށްގޮސް ބޮޑު ދެރައެއް ލިބުމުގެ ކުރިން ދެމީހުން ޞުލްޙައިގައި ވަކިވުމެވެ.
މިޘާލަކަށް ބުނާނަމަ ޙަޤީޤަތް ޤަބޫލުކޮށް އެފަދަ ނުރަނގަޅު ކަންކަން އިޞްލާޙް ނުކުރާނަމަ އެއިގެ މާނައަކީ އޭނާއަކީ ގޮތްދޫކުރާނެ މީހަކު ނޫންކަމެވެ. އަދި ބައިވެރިޔާގެ އިޙްޞާޞްތަކަށް އިޙްތިރާމްވެސް ކުރާނެ މީހަކު ނޫންކަމެވެ. އެކަމުން އެއެނގެނީ އެމީހަކު އަނެކާއާއިއެކުގައި ދިރިއުޅެން ބޭނުން ނުވާކަމެވެ.
ކުރެވޭ ކުށް ފާހަގަކުރުމަކީ ހަމައެކަނި ފިރިންނަށް އޮތް ކަމެއް ނޫނެވެ. އެއީ އަނބިންވެސް ކުރަންޖެހޭނެ ކަމެކެވެ. ކައިވެނީގެ އެންމެ ބޮޑު އެއްބޭނުމަކީވެސް ރަނގަޅު ގޮތުގައި ދިރިއުޅެން އެކަކު އަނެކަކަށް އެހީތެރިވުމެވެ. ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވާނެ ގޮތަށް ކަންކަން ކުރަން އެކަކު އަނެކަކަށް ހިތްވަރުދިނުމެވެ. އެމަތިވެރި މަޤްޞަދު ޙާޞިލުކުރެވެން އޮތީ ދެމަފިރިންވެސް އެކަކު އަނެކަކަށް ޙައްޤު އިޙްތިރާމާއި ޤަދަރުކޮށްގެންނެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ. އެވާހަކައަކީ ޢަމަލުތައް އިޞްލާޙްކުރަން ދެމަފިރިން އެކަކު އަނެކަކަށް އެހީތެރިވުމަކީވެސް ދީނަށް ނަޞްރުދިނުމުގެ ތެރެއިން ހިމެނިގެންދާނެކަމެކެވެ. ވީމާ އެކަންވާނީ ﷲ ތަޢާލާ ޘަވާބު ދެއްވަވާނެ އަޅުކަމަކަށެވެ. އިން ޝާ ﷲ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން