ހުޅުމާލޭ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން 3 ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓްތައް ކައިރީގައެވެ. މި ހާދިސާގައި ކާރަކުން ސައިކަލެއްގައި ޖެހުމުން، ސައިކަލުގައި ދުއްވަމުންދިޔަ 31 އަހަރުގެ ދިވެހި ފިރިހެނަކަށް އެކި ވަރުގެ ޒަޚަމްތަކެއް ލިބިފައިވެއެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށާއި، އޭގެ ފަހުން އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 3 މީހުންނަކީ އިކްރާމުއްރަހްމާން (ހ. ނޫރަަންމާގެއާގެ، ކ. މާލެ)، އިބްރާހީމް އިކްރާމް (މ. ލޭންޑްއޮފްގާރޑް، ކ.މާލެ)، އަދި ޖިނާހް އިސްމާޢީލް (އާޒާދުގެ، ގދ. ކަނޑުހުޅުދޫ) އެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މީހާ އެކްސިޑެންޓްވުމާއެކު އެންމެ ފުރަތަމަ ވަނީ އެ ސަރަޙައްދު ދޫކޮށް ފިލާފައެވެ.