ބޭސްފަރުވާއަށް މާލެއަށް އައިސްހުރި މީހަކު ކުއްޔަށްހުރި ކޮޓަރިއަށްވަދެ ބިރުދެއްކުމަށްފަހު، ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، މިހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ބޭސްފަރުވާއަށް މާލެއަށް އައިސްއުޅެނިކޮށް ކުށްޔަށް ހުރި ކޮޓަރިއަށްވަދެ އަނިޔާކޮށް ބިރުދައްކާ ފޭރިގެންފައިވަނީ ޢުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުންނެވެ.
ފުލުހުން އިތުރަށް ވިދާޅުވިގޮތުގައި، މިމާރާމާރީގައި އެފަރާތުގެ ފޯނާއި ފައިސާ ވަނީ ފޭރިގެންގޮސްފައެވެ. މިމައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިހާތަނަށް މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިމައްސަލަ މިހާރު ތަޙުގީގުކުރަމުންދާކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މީގެއިތުރުން މިއަދުގެ ވަގުތެއްގައި މާލޭގެ އެޕާޓްމަންޓަކަށް ވަދެ ފައިސާތަކެއް ފޭރުނު ކަމުގެ ތުހުމަތުގައި 32 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި، ހައްޔަރުކުރެވުނު މީހާއަކީ ކ. މާލެ، މ. ދިންމަނަ، ޢަބްދުﷲ ތިލްމީޒެވެ.

މި މައްސަލައިގައި ފޭރުނު ކަމަށް ބެލެވޭ 26,960 ރުފިޔާ ވަނީ ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައެވެ. މިހާރު ފުލުހުން ދަނީ މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގެންދަމުންނެވެ.
މި ފަދަ މައްސަލަތައް އިތުރުވަމުން ދާތީ، ރައްޔިތުން ސަމާލުވުމަށާއި، ގޭގެއާއި އެޕާޓްމަންޓްތަކުގެ ސަލާމަތީ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށްވެސް އެދިފައިވެއެވެ.