ޤުރްއާން ޖަހާފައި ހުރިނަމަ އެއްދާންކުރަންވުމުން އޮތީ ނިއްވާލުން! ކިޔަންއޮތް ޛިކުރުކިޔުމުން ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ދެއްވަވާނެ! އިން ޝާ ﷲ

އަހުމަދު
ކިޔުމަށް ހޭދަވާނީ 5މ 47ސ
ޤުރްއާން ޖަހާފައި ހުރިނަމަ އެއްދާންކުރަންވުމުން އޮތީ ނިއްވާލުން! ކިޔަންއޮތް ޛިކުރުކިޔުމުން ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ދެއްވަވާނެ! އިން ޝާ ﷲ

ފޯނުން، ޓީވީން، ރޭޑިޔޯއިން ނުވަތަ އެހެންވެސް ގޮތަކުން ކީރިތި ޤުރްއާން ޖަހާފައި ހުރި ތަނެއްގައި، ނުވަތަ ކީރިތި ޤުރްއާންގެ އަޑު އިވޭ ތަނެއްގައި ޖިމާޢުވުމުގެ ޙުކުމް: 

ﷲ ގެ ކަލާމްފުޅަކީ އެންމެ ޝަރަފުވެރި، އެންމެ މާތް އަދި އެންމެ މަތިވެރި ބަސްފުޅެވެ. އެހެންކަމުން، އެއަށް މާތްކޮށް ހިތުމީ މުސްލިމުންނަށް ވާޖިބުވެގެންވާ ކަމެކެވެ. 

ކީރިތި ޤުރްއާނާ ލާއިޤުވެގެންނުވާ ޙާލަތްތަކުގައި، ކީރިތި ޤުރްއާން ނުކިޔެވުމާއި، އެފަދަ ޙާލަތްތަކުގައި ކީރިތި ޤުރްއާން އަޑުނޭހުމަކީ، ކީރިތި ޤުރްއާނަށް މާތްކޮށް ހިތުމުގެ ތެރެއިން ހިމެނޭކަމެކެވެ. ޖިމާޢުވުމުގެ ޙާލަތް ހިމެނެނީ މީގެ ތެރެއިންނެވެ. މުސްލިމަކު އޭނާގެ އަނބިމީހާއާ ޖިމާޢުވާން ބޭނުންވެއްޖެނަމަ، ޤުރްއާން ޖަހާފައި ހުރި އެއްޗެއް ނިއްވާލުމަކީ، ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނޭކަމެކެވެ. 

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީއާ ސުވާލު ކުރެވުނެވެ. 

"ރޭޑިޔޯއިން ޤުރްއާން ޖަހާފައި ހުއްޓާ އެ އަޑުއިވޭ ޙާލު ޖިމާޢުވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަހަރެން އެކަން ކުރަނީ ޝުބަހައެއްގެ ސަބަބުންނެވެ. އެ ޝުބުހައަކީ އަހަރެން ދެކޭގޮތުގައި، އެގޮތަށް ޤުރްއާން ޖަހާފައި ބެހެއްޓިމާ ލަޢުނަތްލެއްވިގެންވާ ޝައިޠާނާ ގެއިން ދާނެއެވެ." 

ޖަވާބުގައި ވިދާޅުވިއެވެ.

"ޖިމާޢުވާ ހިނދުގައި ކިޔާނޭ ދުޢާ ނަބިއްޔާ صلى الله عليه وسلم ވަނީ މިއުންމަތަށް އުނގަންނަވައިދެއްވާފައެވެ. އެއީ އަންނަނިވި ޙަދީޘެވެ. 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَوْ أَنَّ أَحَدَهُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْلَهُ قَالَ بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا ، فَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ لَمْ يَضُرَّهُ شَيْطَانٌ أَبَدًا )- رواه البخاري (6388) ومسلم (1434) 

މާނައީ: އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންކުރެ މީހަކު އެމީހެއްގެ އަނބިމީހާއާ ޖިމާޢުވާން ބޭނުންވެއްޖެހިނދު މިފަދައިން ކިޔާށެވެ. 

بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا 

(މިދުޢާގެ މާނައީ: ﷲގެ އިސްމުފުޅުގެ ބަރަކާތުން (މިކަންކުރަމެވެ.) ޔާ ﷲ! އަޅަމެން ޝައިޠާނާއާ ދުރުކޮށްދެއްވާނދޭވެ! އަދި އ އަޅަމެންނަށް ދެއްވާ ރިޒްޤުންވެސް (އެބަހީ: ދަރިންގެ ކިބައިންވެސް) ޝައިޠާނާ ދުރުކޮށްދެއްވާނދޭވެ!) ފަހެ ހަމަކަށަވަރުން އެދެމީހުންގެ ދެމެދުން ދަރިއަކު އުފަންވުމަށް މިންވަރު ކުރެވިފައިވާނަމަ، އެކުއްޖާއަށް އެއްގޮތަކަށްވެސް ޝައިޠާނާގެ އުނދަގޫ ނުފޯރާނެއެވެ." 

އެންމެ ރަނގަޅުގޮތަކީ މިކަންކަމުގައި ވާރިދުވެފައިވާ ޛިކްރުތަކުން ފުއްދާލުމެވެ. ފަހެ، ގެއިން ޝައިޠާނާ ދުރުކުރުމަށްޓަކައި، ޖިމާޢުވާ ހިނދު ޤުރްއާން އަޑުއެހުމަކީ ޝަރުޢުކުރައްވާފައިވާ މިންވަރަށްވުރެ އިތުރުކުރުމެވެ. 

ޤުރްއާނަކީ އެއަށްވުރެ ބޮޑަށް ޤަދަރުކުރަންޖެހޭ އަދި ޙުރުމަތްތެރިކޮށް ހިތަން ޖެހޭ އެއްޗެކެވެ. والله أعلم. 

"فتاوى اللجنة الدائمة – المجموعة الأولى" (19 / 357).

ޖަވާބުގެ ޚުލާޞާ: 

ކީރިތި ޤުރްއާނާ ލާއިޤުވެގެން ނުވާ ޙާލަތްތަކުގައި، ކީރިތި ޤުރްއާން ނުކިޔެވުމާއި ކީރިތި ޤުރްއާން އަޑުނޭހުމަކީ ކީރިތި ޤުރްއާނަށް މާތްކޮށް ހިތުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޖިމާޢުވާ ޙާލަތަކީ މީގެތެރެއިން ހިމެނޭ ޙާލަތެކެވެ. މުސްލިމަކު އޭނާގެ އަނބިމީހާއާ ޖިމާޢުވާން ބޭނުންވެއްޖެނަމަ، ކީރިތި ޤުރްއާން ޖަހާފައި ހުރި އެއްޗެއް ނިއްވާލުމަކީ ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. 

އައްޝައިޚު މުޙައްމަދު ޝާފިޢު

މަރްޖިޢު

https://islamqa.info/ar/answers/349718

މިއަދު އޮންލައިން