މޫސާގެފާނު ވާހަކަ- 24: ހާރޫނުގެފާނު އަވަހާރަވެ އުޑަށް އުފުއްލެވުމާ އުޑާ ބިމާ ދެމެދަށް ތިރިކުރައްވަވައި ދާންމަތިކޮޅު މީސްތަކުންނަށް ދެއްކެވުން-

ކިޔުމަށް ހޭދަވާނީ 2މ 35ސ
މޫސާގެފާނު ވާހަކަ- 24: ހާރޫނުގެފާނު އަވަހާރަވެ އުޑަށް އުފުއްލެވުމާ އުޑާ ބިމާ ދެމެދަށް ތިރިކުރައްވަވައި ދާންމަތިކޮޅު މީސްތަކުންނަށް ދެއްކެވުން-

ޢަލީ އިޙްޞާން ފިރާޤް

 

އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔާ ވައްނިހާޔާގައި ލިޔުއްވައިފައިވެއެވެ. އައްސުއްދީ އާއި އަބީ މާލިކާއި އަބީ ޞާލިޙު އިބުނު ޢައްބާސުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. ޞަޙާބީންގެ ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވިއެވެ. [މާތްالله މޫސާގެފާނަށް އެންގެވިއެވެ. ތިމަން ރަސްކަލާނގެ ކަލޭގެފާނާއި ހާރޫނުގެފާނުގެ މަރުހިއްޕަވާ ހުށީމެވެ. މިވެނި ފަރުބަދައެއްގެ ކައިރިއަށް ވަޑައިގަންނަވާށެވެ.] 

މޫސާގެފާނާއި ހާރޫނުގެފާނު އެ ފަރުބަދަ ކައިރިއަށް ވަޑައިގަތް އިރު އެ ތަނުން ފެނިވަޑައިގަތީ ގަހެކެވެ. އެ ގަހަކީ ދުވަހަކު ވެސް އެބޭކަލުން ދެކެވަޑައިގެންފައިވާ ކަހަލަ ގެހެއް ނޫނެވެ. އޭގެދެކަލުން އެތަނުގައި ބިނާ ކޮށްފައިވާ ގެއެއް ދެކެވަޑައިގަތެވެ. އަދި ގޭތެރޭގައި ވަރަށް ރީތި އެނދުދާންކޮޅެއް ހުއްޓެވެ. އެ ދާންމަތިން ވަރަށް މީރުވަސް އައިސް އައިސް ހުއްޓެވެ. ހާރޫނުގެފާނު އެ ފަރުބަދަ އަށާއި ގެޔަށް ބައްލަވައިލެއްވިއެވެ. އެކަލޭގެފާނު އެތަނާ ވަރަށް ހިތްޕުޅާ ހަމަ ކުރެއްވިއެވެ. މޫސާގެފާނާއި މުޚާޠަބު ކުރައްވައި ހާރޫނުގެފާނު ދެންނެވިއެވެ. [މި ދާންމަތީގައި ނިދައިލުމަށް ތިމަން ކަލޭގެފާނު ލޯބި ކުރަމެވެ.]  މޫސާގެފާނު ހާރޫނުގެފާނަށް ވިދާޅުވިއެވެ. [ކަލޭގެފާނު އެ ދާންމަތި ކޮޅުގައި އަވަހާރަފުޅު ލައްޕަވާށެވެ.] ހާރޫނުގެފާނު ވިދާޅުވިއެވެ. [މި ގޭގެ ވެރިމީހާ އައިސް ތިމަންކަލޭގެފާނު ދެކެ ރުޅިއަތުވެދާނެތީ ތިމަން ކަލޭގެފާނު ބިރުގަނެއެވެ.] މޫސާގެފާނު ވިދާޅުވިއެވެ. [ކަލޭގެފާނު ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. ތިމަން ކަލޭގެފާނު ގޭގެ ވެރިމީހާއަށް ފުދެއެވެ. ކަލޭގެފާނު އަވަރާފުޅު ލައްޕަވާށެވެ.] ހާރޫނުގެފާނު ވިދާޅުވިއެވެ. [ދެ ބެއިން އެކުގައި ނިދަމާ ހިނގާށެވެ. އޭރުން ގޭގެ ވެރިމީހާ ރުޅިއަޔަސް އަންނާނީ ދެ ބެއިން ދެކެއެވެ.] 

ދެން އޭގެ ދެކަލުން އެކުގައި އަވާހަރަފުޅު ލެއްޕެވުމުން، ހާރޫނުގެފާނު އަވަހާރަވިއެވެ. ملك الموت ގެފާނު ވަޑައިގެން ހާރޫނުގެފާނުގެ ފުރާނަފުޅު ހިއްޕެވިއެވެ. އެކަލޭގެފާނަށްއެކަމުގެ އިޙްސާސް ކުރެއްވުނެވެ. އަދި މޫސާގެފާނާއި މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [ކަލޭގެފާނު ތިމަންނާއަށް މަކަރު ހެއްދެވީއެވެ. ހާރޫނުގެފާނުގެ ފުރާނަ ފުޅު ހިއްޕެވުމާއިއެކު އެ ގެއާއި ފަރުބަދަ އުފުއްލެވިއެވެ. ގަސްވެސް ނެތިގެން ދިޔައެވެ. ދާންމަތިކޮޅު އުޑަށް އުފުއްލެވުނެވެ. 

މޫސާގެފާނު އެނބުރި ޤައުމަށް ވަޑައިގެތެވެ. ނަމަވެސް އެކަލޭގެފާނުގެ އަރިހުގައި ހާރޫނުގެފާނެއް އެނބުރި ވަޑައެއް ނުގަންނަވައެވެ. ބަނީ އިސްރާއީލުން ކިޔަން ފެށިއެވެ. ހަމަކަށަވަރުން މޫސާގެފާނު ހާރޫނުގެފާނު ޤަތުލުކޮށްލެއްވީއެވެ. އެއީ ބަނީއިސްރާއީލުން މޫސާގެފާނަށްވުރެ ބޮޑަށް ހާރޫނުގެފާނަށް ލޯބި ކުރައްވާތީ، އެ ހަސަދަވެރިކަމުގައެވެ. ހާރޫނުގެފާނަކީ ގިނައިން އިޢުތިކާފު ކުރައްވާ މޫސާގެފާނަށްވުރެ ހިތްޕުޅު މަޑު ބޭކަލެކެވެ. މޫސާގެފާނަކީ ހަރުކަށި ބޭކަލެކެވެ. ބަނީ އިސްރާއީލުންގެ މިވާހަކަތައް އަޑުއިވިވަޑައިގަތުމުން މޫސާގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުންނަށް ހަލާކު ހުއްޓެވެ! އެއީ ތިމަން ކަލޭގެފާނުގެ އަޚާއެވެ. ތިމަންކަލޭގެފާނު އޭނާ ޤާތުލު ކުރާނެ ހެއްޔެވެ؟] ބަނީ އިސްރާއީލުން ވާހަކަ ގިނަކުރަން ފެށުމުން މޫސާގެފާނު ދެ ރަކްޢަތް ނަމާދެއް ކުރައްވައި މާތްالله އަށް ދުޢާ ކުރެއްވިއެވެ. ބަނީ އިސްރާއީލުން ދުށުމަށްޓަކައި ހާރޫނުގެފާނު އަވަހާރަވެފައި އޮންނެވި ދާންކޮޅު ދައްކަވައި ދެއްވުމަށް އެދިވަޑައިގަތެވެ. މާތްالله އެ ދާންމަތިކޮޅު އުޑާއި ބިމާއި ދެމެދަށް ތިރިކޮށްދެއްވިއެވެ.

{އިބްނު ކަޘީރު، އަލްބިދާޔާ ވައްނިހާޔާ، ދެވަނަ ޖިލްދު، ޞަފްޙާ 224- 226}

 

 

 

މިއަދު އޮންލައިން