މަސްތުވާތަކެތީގެ ވަބާއިން މިންޖުވުމާއި ގޭންގު ކުށްތައް ހުއްޓުވުމާއި ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަކީ މިވަގުތު އެންމެ އިސްކަންދޭ ތިން ކަންތައް: ދާޚިލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މަސްތުވާތަކެތީގެ ވަބާއިން މިންޖުވުމާއި ގޭންގު ކުށްތައް ހުއްޓުވުމާއި ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަކީ މިވަގުތު އެންމެ އިސްކަންދޭ ތިން ކަންތައް: ދާޚިލީ ވަޒީރު

ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ތިން ކަމެއް ވާ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. އެއީ ދިވެހިރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމާއި، ގޭންގު ހަދައިގެން ކުށްތައް ކުރުން ހުއްޓުވުމާއި، ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތަކުން ހަގީގީ ނަތީޖާއެއް ފެންނާނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމުގައި މިހާރު އާންމު ކަމެއްގެ ގޮތުގައި ދެކޭ ކަންކަމާއި، އޯކޭ ކަމެއް ކަމަށް ދެކޭ ކަންކަން ބަދަލުވާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގިނަ ޤާނޫނުތައް ތަންފީޒުވެގެން އަންނައިރު ބައެއް މީހުންނަށް އުނދަގޫ ވާނެ ކަމަށާއި، މިހާތަނަށް ޤާނޫނުތައް ތަންފީޒު ނުވެ ދިޔުމުން ފައިދާތަކެއް ލިބެމުންދިޔަ ބަޔަކު ތިބެދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ޤާނޫނުތައް ނަގަހައްޓަން ކުރާ މަސައްކަތްތަކުން ކޮންމެވެސް ބަޔަކަށް ވަގުތީގޮތުން ތަކުލީފެއް އަންނާނެ ކަމަށާއި ނަމަވެސް އެކަން ތަހައްމަލު ކުރަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު މި ވާހަކަތައް ދެއްކެވީ ރައްކާ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިއަދު އޮންލައިން