ދަރިން ފަތިސްނަމާދަށް ހޭލެއްވުމުން ކުދިންގެ ނިދިމަދުވެ ގެއްލުން ލިބޭނެކަމަށް އެބުނަނީ ތެދެއްތޯ؟
މިފަދަ ސުވާލުތައް ބައެއް ބެލެނިވެރިން ކުރައްވައެވެ. ޖަވާބަކީ އެކަމެއް ކުރުމުން އެއްވެސް ގެއްލުމެއް ލިބޭނެ ކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައި ނުވާނެ ކަމެވެ. ސްކޫލުން ބުނެފިނަމަ ގަޔަށް ފެންޖަހައިގެން ގަދަކަމުންވެސް ކުދިން ހޭއްލަވައި ސްޓޭޑިއަމަށް ނުވަތަ ސްކޫލަށް ގެންދެއެވެ. އެކަމަކު ﷲ ތަޢާލާގެ އަމުރުފުޅަކަށް ޢަމަލުކުރަންވުމުން ފަސްޖެހެވެނީއެވެ. އެއީ ޝައިޠޯނާގެ ބަހަށް ހެއްލކެވޭތީއެވެ.
ދެން އޮތީ ނިދިމަދުވުމުގެ މައްސަލައެވެ. އެކަމަށް އޮތް ޙައްލަކީ ވީހާއަވަހަކަށް ކުދިން ނިންދެވުމެވެ. އަދި ބެލެނިވެރިންވެސް ނިދުމެވެ. ރޭގަނޑުގެ ކެއުމަށްފަހު ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ނޫނީ ރޭގަނޑު ހޭލައި ނުތިބުމެވެ. އެކަމަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ކުރައްވަވާފައިވާ ޙަދީޘްފުޅަށް ޢަމަލުކުރުމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
މިއަދަކީވެސް ވަރަށް ޚާއްޞަ މެހްމާނަކާއި މިސްކިތުން ބައްދަލުވި ދުވަހެކެވެ. ވަރަށް ކުޑަ ކުއްޖެއެއްގެ ޢަމަލުތައް ފެނުނު ގޮތުން ލިބުނު އުފާވެރިކަމުގައި ކުއްޖާ ގޮވައިގެން ގޮސްހުރި ބައްޕަ އާއި ވާހަކަ ދައްކާލުމުން ބުނި އެއް ވާހަކައަކީ "ކޮންމެ ރެއަކުވެސް ފަތިސްނަމާދު ވަގުތުޖެހެން ބައިގަޑިއެއްހައި އިރަށް ކައިރިވުމުން ދަރިފުޅު އަމިއްލައަށް ހޭލައިގެން އައިސް އަޅުގަނޑުމެން ދެމަފިރިން ފަތިސް ނަމާދަށް ހޭލައްވާނެ" ކަމަށެވެ.
"އަޞްލު ވީގޮތަކީ ކޮވިޑުތެރޭގަ އަބަދު ގޭގައި ތިބިއިރު ދަރިފުޅުގެ އުމުރަކީ 3 އަހަރު. ބައެއް ރޭރޭ ދެމަފިރިން ފަތިސްނަމާދަށް ހޭލުމުން ތެދުވާނެ. ދަރިފުޅު ކުޑަނަމަވެސް ޝައުޤުވެރިކަމާއެކު ތެދުވާތީ އަޅުގަނޑުމެންވެސް ގޮވަންފެށީ. މިހާރު އަޅުގަނޑުމެންނަށް ގޮވަނީ ދަރިފުޅު. އިން ޝާ ﷲ" ބައްޕަ ކިޔައިދިނެވެ.
މީގެކުރިންވެސް މިފަދަ ކުއްޖެއްގެ ވާހަކަ މިއަދުނޫހުގައި ވާނީ ޝާއިޢުކޮށްފައެވެ.
އެކުއްޖާގެ ވާހަކަ:
މާތް ﷲގެ ވާގިފުޅާއިއެކު އިއްޔެގެ ޢަޞްރު ނަމާދުގައި ހުންނަން ޖެހުނީ ވަރަށް ކުޑަކުއްޖަކާ ޖެހިގެންނެވެ. އެ ކުއްޖާގެ ކުޑަކަމާއިއެކުވެސް ވަށް ފުރިހައަމަށް ނަމާދުކުރިއެވެ.
ސަލާމް ދިނުމަށްފަހު އޭނާ ގޮވައިގެން މިސްކިތަށް ގޮސް އިން ކާފަ އާއި ޝަކުވާތަކެއް ކުރާތީ ފެނުނެވެ. އެހެންވެ ނަމާދުގެ ކަންކަން ނިންމައި ނުކުންނަންތެދުވުމުން ކާފަ ގާތު ކުއްޖާގެ އުމުރާއި އަދި އޭނާ ނަމާދު ނިމިގެން ދެއްކީ ކޮން ވާހަކައެއްތޯ އަހައިލީމެވެ.
"ދަރިފުޅުގެ ޢުމުރަކީ 3 އަހަރު. ޝަކުވާ އެކުރީ ސަލާމްދިނުމުން ދުޢާ ނުކިޔައި މީހުން މިސްކިތުން ފައިބައިގެންދާތީ! އިރާދަ ކުރެއްވިއްޔާ ކޮންމެ ރެއަކު ފަތިސް ނަމާދަށް ވެސް ހޭލާނެ. މިސްކިތަށް ޖަމާއަތަށް ނުގެންގޮސްފި ނަމަ ރުޅިވެސް އަންނާނެ!" ކާފަގެ ޖަވާބާއިއެކު އަޅުގަނޑަށް އުފަލުން ރޮވުނެވެ.
އެކުއްޖާޢަށާއި ކުއްޖާގެ މައިންބަފައިންނަށާއި ޢާއިލާގެ އެންމެންނަށްޓަކައި ހެޔޮ ދުޢާކުރަމެވެ. ދިވެހި ހުރިހާ މައިންބަފައިންނަކީ ވެސް މިފަދައިން ދަރިން ތަރުބިއްޔަތުކުރަން ޝައުޤުވެރިވާ ބައަކު ކަމުގައި ލެއްވެވުން އެދި ދުޢާ ކުރަމެވެ. އާމީން