ގިނަބައަކަށް މިވަނީ ﷲ ތަޢާލާ ލައްވަވާނެ އެންމެ ބޮޑު ކޯފާ ލައްވަވައިފައިކަން އެނގޭ ހެއްޔެވެ؟ ބުއްދީގެ ބޭނުންކޮށް ތިމާ ސަލާމަތްވެ ހުންނަން މަސައްކަތްކުރާށެވެ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ގިނަބައަކަށް މިވަނީ ﷲ ތަޢާލާ ލައްވަވާނެ އެންމެ ބޮޑު ކޯފާ ލައްވަވައިފައިކަން އެނގޭ ހެއްޔެވެ؟ ބުއްދީގެ ބޭނުންކޮށް ތިމާ ސަލާމަތްވެ ހުންނަން މަސައްކަތްކުރާށެވެ!: ބިލާލް އައްސަދު

މީސްތަކުން ނުބައި މަގުތަކުން ކުރިއަށްދާނަމަ ތަފާތު އިންޒާރުތައް ﷲ ތަޢާލާ ދެއްވަވާނެތެވެ. މީހަކަށް އެތައް ބައިވަރު އިންޒާރުތަކެއް ދެއްވެވީއެވެ. އެތައް ކަންތައްތަކެއް ކުރިމަތިކުރެއްވެވީއެވެ. ނަމަވެސް އޭނާ އެއިން އެއްވެސް ކަމަކަށް ނުވެސް ވިސްނިއެވެ. ފާފަކުރުމާއިގެން ކުރިއަށްދަނީއެވެ.

ސުވާލަކީ ދެން އެހިސާބުން އޭނާގެ ބޮލަށް ހޮނުއަޅުއްވަވާނީ ހެއްޔެވެ؟ ނުވަތަ ކޮންމެވެސް ބާވަތެއްގެ ކޯފާއެއް ބާވާލައްވަވައި އޭނާ ނެތިކުރައްވަވާނީ ހެއްޔެވެ؟ އާނއެކެވެ! ބައެއް މީހުންނަށް އެގޮތްވެސް ކުރިމަތިކުރައްވަވައެވެ. ނަމަވެސް ވަރަށް މަދުމީހަކަށެވެ.

ވީމާ އެއްގޮތަކަށްވެސް އެގޮތަށް ނުވިސްނާށެވެ! އޭނާއަށް އެހިސާބުން ކުރިމަތިކުރައްވަވާނީ އެންމެ ބޮޑު އެއްކޯފާއެވެ. އެއީ ފާފަކޮށް އޭނާ އުޅެން ބޭނުންވާހައި ގޮތަކަށް އުޅެން އޭނާ ދޫކޮށްލެއްވެވުމެވެ. އޭނާއަށް އިންޒާރުތައް ދެއްވެވުމުންވެސް ބަލައި ނުގަނެ އޭނާ ބޭނުންވާހައި ގޮތަކަށް އުޅެ، ކުރަން ބޭނުންވާހައި ކަންކަން ކުރަން ފެށުމުން އޭނާ ދޫކޮށްލެއްވެވުމަކީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.

ސަބަބަކީ އޭނާއަށް ދުނިޔޭގައި ޙާޞިލުކުރެވުނަސް ޙާޞިލުކުރެވޭނީ އުފަލުގެ ވަރަށް ކުޑަކުޑަމިންވަރެކެވެ. އެކަމަކު އޭނާއަކީ ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ މީހުންގެ ތެރެއިން މީހެކެވެ. ޤިޔާމަތް ދުވަހު އޭނާ ދަންނަވާނެ އާދޭހެއް ނުއޮންނާނެއެވެ. ކުރި ފާފަތައް ކޮނޑުޖަހައިގެން ޖެހޭނީ ނަރަކައަށް ވަންނާށެވެ! މީހަކަސް ލިބޭނެ އެއަށްވުރެ ބޮޑު ދެރައަކީ ކޮބައިހެއްޔެވެ؟

ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ! ހުރި ބިރުވެރިކަމެއްގެ ބޮޑުކަމާއެވެ! ގިނަބައަކަށް މިއަދު މިވަނީ ކުރިން މިބުނި މަގުން ﷲ ތަޢާލާ ލައްވަވާނެ އެންމެ ބޮޑު ކޯފާ ލައްވަވައިފައި ކަމަށް ބުނުން ނޫން ގޮތެއް ނެތެވެ. އެހެނީ ﷲ ތަޢާލާ ދެއްވަވާ އިންޒާރުތަކަށް އެއްވެސް ބިރެއް ނެތި ގިނަ ބައަކު އެގެންދަނީ ފާފަތައް ކުރަމުންނެވެ. އެންމެ ބޮޑެތި ފާފަތައް ކުރަމުންނެވެ. އެމީހުން ކުރާނެ ވަރަކަށް ފާފަތައް ކުރަން އެވަނީ ދޫކޮށްލައްވަވައިފައެވެ. އެމީހުންނަށް ޤިޔާމަތް ދުވަހު ކުރިމަތި ކުރައްވަވާނެ ކަންކަމަށް ވިސްނައިލުމުގެ ކުޅަދާނަކަންވެސް އެވަނީ އެމީހުން އަމިއްލައަށް ދޫކޮށްލައިފައެވެ. ނަރަކަ ނޫން ތަނެއް އެމީހުންނަށް ޙައްޤުވާނީ ކިހިނަކުން ހެއްޔެވެ؟ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ! ހުރި ބިރުވެރިކަމެއްގެ ބޮޑުކަމާއެވެ!

- ބިލާލް އައްސަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން