ހެޔޮ ޢަމަލުކުރާ މީހުންގެ ފުރާނަ ހިއްޕަވާ ވަޤުތު މަލާއިކަތުން ދެއްވަވާ ޚަބަރު- ޤުރްއާނުން

ކިޔުމަށް ހޭދަވާނީ 5މ 2ސ
ހެޔޮ ޢަމަލުކުރާ މީހުންގެ ފުރާނަ ހިއްޕަވާ ވަޤުތު މަލާއިކަތުން ދެއްވަވާ ޚަބަރު- ޤުރްއާނުން

ޢާއިޝަތު ރަފާޙް ޢަލީ

 

ހެޔޮ ޢަމަލު ކުރުމަކީ ވަރަށް މުހިއްމު ކަމަކަށްވަނީ ހެޔޮ ޢަމަލުގެ ސަބަބުން ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެކަމުގެ އަޖުރު ދެއްވަވާތީއެވެ. ﷲ ތަޢާލާ ހެޔޮ އަމަލު ކުރާ އިންސާނުންނަށް އެބައިމީހުން، ދުނިޔެ ދޫކުރާހިނދު ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވަވައެވެ. 

އެގޮތުން ފުއްޞިލަތު ސޫރަތުގެ 30، 31 އަދި 32 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ ﴿٣٠﴾‏ نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ ﴿٣١﴾‏ نُزُلًا مِّنْ غَفُورٍ رَّحِيمٍ ﴿٣٢﴾‏

މާނައީ: "ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللَّه އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް ملائكة ން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް وعد ކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ خبر ލިބިގަންނާށެވެ! (30) ތިމަންބޭކަލުންނީ ދުނިޔޭގެ حياة ގައްޔާއި، آخرة ގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ نفس ތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައިވެއެވެ. އަދި (އުފަލާއި، އަރާމުގެތެރެއިން) ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ. (31) ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ. (32)" 

އަޅުގަނޑުމެން ކުރި ހެޔޮ ޢަމަލަކުން ނޫނީ އަޅުގަނޑުމެންނަށް ފައިދާއެއް ނުކުރާނެއެވެ. އެހެންކަމުން ދުނިޔޭގައި އުޅޭއިރުވެސް ހެޔޮ ޢަމަލު ވީހާވެސް ގިނައިން ކުރެވޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

އެގޮތުން އަބަދުވެސް ޛިކުރުކުރުން މަތީގައި ދެމިހުރުމާއި ކިތަންމެ ކުޑަ ހެޔޮ ކަމެއްވެސް، ނުވަތަ މީހަކަށް ޞަދަޤާތެއް ދިނުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. އޭގެ ސަބަބުން މަރުވުމަށް ފަހުގައިވެސް އާޚިރަތުގައިވެސް އެމީހަކަށް ހެޔޮ ޖަޒާ ލިބިގެން ދާނެއެވެ. 

ﷲ ތަޢާލާ ކަހަފް ސޫރަތުގެ 110 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا ﴿١١٠﴾‏

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ آدم ގެދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް وحى އިއްވަވަނީ، ތިޔަބައިމީހުންގެ إله އަކީ، އެއް إله އެއް ކަމުގައެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ صالح عمل ން عمل ކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ! (110)"

މިއަދު އޮންލައިން