ކިތަންމެ ތަނަވަސް ނަމަވެސް މީހަކު އެދޭ ކޮންމެ ކަމެއް ކޮށްނުދެވިދާނެ ޙާލަތެއް އަތުވެދާނެއެވެ. ވީމާ ކޮންމެ މީހެއްގެ ގާތުން ކަމަކަށް އެދުނު ނަމަވެސް ފުރަތަމަ ކަމަކަށް ސުރުޚީ އަޅާލައި އެކަން ކޮށްދެވިދާނެތޯ އަހައިލުމަކީ ރިވެތި އަދަބުތަކުގެ ތެރެއިންވާ ކަމެކެވެ.
މީހެއްގެ ގާތުގައި ކަމަކަށް އެދުމުގެ ކުރިން އެއީ އެމީހާއަށް ކޮށްދެވިދާނެ ކަމެއްކަމާއިމެދު ވިސްނާލަންވެސްވާނެއެވެ. ކޮންމެ މީހަކީ މީހަކު އެދޭ ކޮންމެ ކަމެއް ކޮށްދެވިދާނެ މީހެއް ނޫނެވެ. ވީމާ މީހުން ގާތު ކަންކަމަށް އެދޭއިރު އެކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ! މީގެމާނައަކީ އޭނާގެ ހުރިހާ ޙަޤީޤަތްތައް ހޯދައިގެން ކަންކަމުގައި އެދުމެއް ނޫނެވެ! އެއީ އޭނާގެ ފެންވަރު ކަމަށް ޤަބޫލުކުރެވޭ ފެންވަރުން ކަންކަމަށް އެދުމެވެ.
މީހަކު ކަމަކަށް އެދުމުން އެކަން ތިމާއަށް ކޮށް ނުދެވޭނެއިރުގައިވެސް ނޫނެކެވެ ބުނަން ބައެއް މީހުން ބޭނުމެއް ނުވެއެވެ. ނުވަތަ ލަދު ގަނެއެވެ. އެއީ ވެސް ވަރަށް ނުބައި ސިފައެކެވެ. ތިމާއަށް އެކަން ކޮށްދެވެން ނެތް ނަމަ ފުރަތަމަވެސް އެކަން ހާމަކުރާށެވެ! އަދި އެހެން މީހަކު މެދުވެރިކޮށްގެން ދެވޭތޯ ބަލައިދޭނަމަ އެކަން އެގޮތަށްވެސް ބުނާށެވެ!
އެހެނީ ކަމަކަށް އެދިގެން ހުންނަ މީހާއަށް އުންމީދުގައި އިންތިޒާރުކުރަން ޖެއްސުވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ!
ބަނޑުހައި ކަމުގައި ހުރި މީހަކު ކާނެ އެތިކޮޅަކަށް އެދުމަކީ މުޅިން ތަފާތު ކަމެކެވެ. ނަމަވެސް އެނޫން ބޭނުންތަކުގައި އެދޭއިރު މިބުނި ކަންކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ.
މީހުން ގާތު ކަންކަމަށް އެދޭއިރު އެމީހަކަށް ކޮށްނުދެވޭނެ ވަރުގެ ކަންކަމަށް އެދޭނަމަ އެމީހާގެ މަތިން ފޫހިވާގޮތް ވެސް މެދުވެރިވެއެވެ. ދެމީހުންގެ ގުޅުން ދުރުވެއެވެ. ވީމާ ކިތަންމެ ގާތް މީހެއްގެ ކިބައިންނަމަވެސް ކަމަކަށް އެދުމުގެ ކުރިން މަޝްވަރާކޮށްލައި އޭނާގެ ވިސްނުމާއި ޙާލަތު ބަލައިލުމަކީ ވަރަށް މުހިންމު ކަމެކެވެ.
ޙަދީޘްފުޅުގައި އޮތީ މީހުންގެ ގާތު ކަންކަމަށް އެދުމަށްވުރެ އަމިއްލަ ބުރަކަށިމަތީގައި ދަރުއުފުލުންވެސް މާ ހެޔޮކަން ބޮޑު ކަމަށެވެ. ވީމާ މީހުން ގާތު ކަންކަމަށް އެދެންވާނީ ދެން އެހެން ގޮތެއް ނެތިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން