ތިމާއަށް ކުށެއް ކުރެވުމުން އެކަން ޤަބޫލުނުކުރެވޭ ފަދައިން ދަރިން ކުށެއް ކުރީމާ އެކުރީ ކުށެއް ކަމަށް ޤަބޫލުރަންވެސް މިއަދު މިއުޅެނީ އުނދަގޫކަމަކަށްވެގެންނެވެ. ގިނަ ބެލެނިވެރިން ބަލަނީ އަވަހަށް އެކަން ކޮންމެވެސް އެހެން ކުއްޖެއްގެ ކިބައި އަޅުވައިލެވޭތޯއެވެ. ތިމާގެ ދަރިފުޅު އެކުށްކުރީ މިވެނި އެވެނި ކުއްޖެއެއްގެ ސަބަބުންކަމަށް ބުނެ ނިންމައިލެވޭތޯއެވެ.
ފަހަރެއްގައި ތިބާގެ ދަރިފުޅަށް އެކަން ކުރެވުނީ އެކުގައި އުޅެވުނު ކުއްޖެއް ނުވަތަ ކުދިބައެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެއީއަކީ ތިބާގެ ދަރިފުޅު ކުރީ ކުށަކަށް ނުވާނެ ސަބަބެއް ނޫނެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ތިބާގެ ދަރިފުޅު ކުރީ ކުށެއްކަމަށް ޤަބޫލުކުރާށެވެ! އެއަށްފަހު އެފަދަ ކުށެއް ތަކުރާރުނުކުރާނެ ގޮތަށް ކަންކަންކުރަން މަސައްކަތްކުރާށެވެ!
ނަޞޭޙަތްދޭށެވެ! އަނިޔާއަކަށް ނުވާނެ ގޮތަށް އަދަބުދޭށެވެ! ދަރިފުޅަށް ކޮށްދެމުން އަންނަ ކަންކަމުން އުނިކުރަންޖެހޭނަމަ އެކަންވެސް ކުރާށެވެ!
"އެންމެ ލޯބިވާ ދަރިންވެސް ނުރަގަޅު ކަމެއްކުރީމާ އެކަމާ ނުރުހުންފާޅުކޮށް އެކަން ރަގަޅު ކުރުވަން މަސައްކަތްކުރަންޖެހޭނެއެވެ. އަދި ރަގަޅު ކަމެއްކޮށްފިނަމަ އެކަމަށް ހިތްވަރުދީ އެފަދަކަންކަމުގައި ދެމިހުރުމަށް ހިތްވަރުދޭންޖެހޭނެއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟްގެ މިބަސްފުޅުން އެނގިގެންދަނީ ދަރިން ކުށެއް ކުރުމުން އެކަންފާހަގަކުރާ ފަދައިން ދަރިން ރަނގަޅުކަމެއް ކުރުމުން އެކަންވެސް ފާހަގަކޮށް ތައްރީފްކޮށް ހިތްވަރުދޭންޖެހޭނެ ކަމެވެ. އިނާމުވެސް ދޭންޖެހޭނެ ކަމެވެ.