އެހެން މީހެއްގެ ބޭނުމެއް ފުއްދައިދޭން ތިބާއަށް ލިބޭ ފުރުޞަތަށް ފުރަގަސްނުދޭށެވެ! އެއީ ތިބާއާ ﷲ ތަޢާލާގެ ޙަޟްރަތާ ގުޅިފައިވާ ކަމުގެ ހެއްކެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
އެހެން މީހެއްގެ ބޭނުމެއް ފުއްދައިދޭން ތިބާއަށް ލިބޭ ފުރުޞަތަށް ފުރަގަސްނުދޭށެވެ! އެއީ ތިބާއާ ﷲ ތަޢާލާގެ ޙަޟްރަތާ ގުޅިފައިވާ ކަމުގެ ހެއްކެކެވެ!

ދަތިޙާލެއް ކުރިމަތިވުމުން އެހީތެރިކަމަށް އެދި ތަނަވަސް މީހުންގެ ގާތަށް ދާންޖެހޭ ގޮތަށް މިންވަރުކުރައްވަވާފައިވަނީ ތަނަވަސްކަން ލިބިގެންވާ މީހުންނަށް ތަނަވަސްކަން ދެއްވެވި ﷲ ތަޢާލާއެވެ. އެހެނަސް އެކަން ވިސްނެނީ މަދު މީހަކަށެވެ. ތަނަވަސްކަން ލިބިގެންވާ ގިނަ ބައަކަށް އެކަން ވިސްނޭނެނަމަ ނިކަމެތިޙާލުގައި އުޅެންޖެހޭނީ ހާދަ މަދު ބައަކަށެވެ. އަހުރެން ބުނާނީ އެއިރުން އެންމެންވެސް ތިބޭނީ ފުދިގެން ކަމަށެވެ. 

ހަމައެކަނި މި 2 އާޔަތަށް ވިސްނައިލި މީހަކުވެސް ޙާލުގައި ހުރި މީހަކަށް އެހީތެރިވާން ލިބޭ ފުރުޞަތު ދޫކޮށެއް ނުލާނެއެވެ! 

"އެއުރެންގެ މުދާ، ا ގެ މަގުގައި ހޭދަކޮށް، ދެން އެއަށްފަހު، އެއުރެން ހޭދަކުރި އެއްޗަކާ ގުޅިގެން ކަލަގޮވުމެއްނުވާ، އަދި (ބަހުން ނުވަތަ ޢަމަލުން ވިޔަސް) އުނދަގުލެއް ނުދޭ މީހުންނަށް އެއުރެންގެ އުޖޫރަ (އެބަހީ: ސަވާބު) އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތު ގައި އެއުރެންނަށް ވެއެވެ. އަދި، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބައަކު ކަމުގައިވެސް ނުމެވޭމެއެވެ." (އަލްބަޤަރާ: 262) 

"ތިއަބައިމީހުން، ލޯބިވާ އެއްޗަކުން ތިއަބައިމީހުން ހޭދަކޮށްފުމަށްދާނދެން، ތިއަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިއަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، ﷲ އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ." (އާލްޢިމްރާން: 92) 

ޙާލުގައި ޖެހިފައިވާ މީހަކު އެހީތެރިކަމަށް އެދިގެން ދިއުމުން ރުޅިގަދަވެ ތިއަ ބޭނުމުގައި ތިމަންނަ ގާތަށް ތިއައައީ ކީވެގެންތޯ ވެސް ބައެއް މީހުން އެބަ ސުވާލުކުރެއެވެ. އަދި އެމީހާގެ ބޭނުން ފުއްދައި ދެވެން އޮވެމެ މިވެނި މީހެއްގެ ގާތަށް ދާން އެބަ ބުނެއެވެ. އަދި އެމީހާގެ ބޭނުން ފުއްދައިދެވެން ނެތް ކަމަށްވެސް އެބަ ބުނެއެވެ. 

އަހަރެން ދެކޭ ގޮތުގައި އެފަދަ ގޮތްގޮތަށް އަމަލުކުރާ މީހުން އެ ނަގައިލަނީ ރަނާއި ޖަވާހިރަށްވުރެ މާ އަގުބޮޑު ފުރުޞަތެކެވެ. އެހެނީ ދުނިޔޭގައި އެތައް ބައަކު ތިއްބައި އޭނާގެ ގާތަށް ދިއުމުގެ ވިސްނުން ނިކަމެތި މީހާއަށް ލިބުނު ގޮތާއިމެދު ފުރަތަމަވެސް ވިސްނައިލާށެވެ! ސަބަބު އެނގޭނެއެވެ. 

އެ ނިކަމެތި މީހާއަށް އޭނާގެ ގާތަށް ދިއުމުގެ ވިސްނުން އެ ލިބުނީ ﷲ ތަޢާލާ އޭނާއަށް އެ ވިސްނުން ދެއްވެވީމައެވެ! އެއިން ޙާޞިލުކުރަންވީ ޢިބްރަތަކީ ނުވަތަ ލިބިގަންނަން ޖެހޭ ފިލާވަޅަކީ ތިމާ އާއި ﷲ ތަޢާލާގެ މަތިވެރި ޙަޟްރަތާއި ގުޅިފައިވާ ކަމެވެ. ﷲ ތަޢާލާ ތިމާއަށް އެ މިންވަރު ކުރެއްވެވީ އެ ނިކަމެތި މީހާގެ މުހްތާދް ފުއްދައިދީގެން އިތުރަށް ﷲ ތަޢާލާ އާއި ކުއްތަންވުމުގެ ފުރުޞަތުކަމެވެ. އެ މީހާގެ މުހްތާދު ފުއްދައި ނުދިނުމުން އެ ނަގައިލެވެނީ އެކަން ކޮށްދީގެން ﷲ ތަޢާލާގެ އިތުރު ރަޙްމަތް ތިމާއަށް ލިބެން އޮތް މަތިވެރި ފުރުޞަތު ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން