ކޮންމެ ބައްޔަކަށްވެސް އޮތް ފުރަތަމަ ފަރުވާ!: ބަލިވުމުން ފަރުވާ ހޯދަން ބޭސްކުރަމުންވެސް ޤުރްއާން ކިޔަވާށެވެ! ޤުރްއާނަކީ ކޮންމެ ބައްޔަކަށްވެސް އޮތް ޝިފާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ކޮންމެ ބައްޔަކަށްވެސް އޮތް ފުރަތަމަ ފަރުވާ!: ބަލިވުމުން ފަރުވާ ހޯދަން ބޭސްކުރަމުންވެސް ޤުރްއާން ކިޔަވާށެވެ! ޤުރްއާނަކީ ކޮންމެ ބައްޔަކަށްވެސް އޮތް ޝިފާއެއް!

ބަލިވުމުން ބޭސްކުރަންވާނެއެވެ. އެއީ ކުރަންޖެހޭ ކަމެކެވެ. ބޭސްކުރިނަމަވެސް ވީވަރަކުން ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ޝިފާލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.

ބައެއް މީހުންނަށް ވިސްނެނީ ބޮޑު ބައްޔެއް ޖެހުމުން ކިތަންމެ ގިނައިން ޤުރްއާން ކިޔެވި ނަމަވެސް ޝިފާއެއް ނުލިބޭނެ ކަމަށެވެ. އެފަދަ މީހުންނާއި ކޮސްލަން އޮތް ފުރަތަމަ ސުވާލަކީ ބޭސްފަރުވާ ކުރުމުން ޝިފާލިބޭނެކަން ޔަޤީންކުރާއިރު ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުން އެންމެ މޮޅު ބޭސްފަރުވާ ކުރަމުން ދަނިކޮށްވެސް ޝިފާ ނުލިބި މަރުވަނީ ކީއްވެގެން ހެއްޔެވެ؟

ބޭސްފަރުވާ ކުރިޔަސް ޝިފާ ލިބުންވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ﷲ ތަޢާލާއީ އެއްވެސް ބޭސްފަރުވާއެއް ނުކުރިނަމަވެސް ޝިފާދެއްވެވުމަށް ކުޅަދުންވަންތަވެވޮޑިގެންވާ އިލާހްއެވެ. ވީއިރު ކީރިތި ޤުރްއާން ކިޔެވުމުން ޝިފާ ނުލިބޭނެކަމަށް ހީކުރަންވެސް ހެޔޮނުވާނެއެވެ.

"ތިމަންރަސްކަލާނގެ ޤުރްއާނުން މުއުމިނުންނަށް ރަޙްމަތާއި، ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ޤުރްއާނުން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ." (އަލް އިސްރާ: 82)

ކީރިތި ޤުރްއާނަކީ ޖެހޭ ބަލިތަކަށް އޮތް ޝިފާއެއްގެ އިތުރުން ހިތްދަތިވުމާ އެފަދަ މައްސަލަތަކަށްވެސް އޮތް ޝިފާއެކެވެ.

"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުތަކުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ." (ޔޫނުސް: 57)

"އެއީ )ކީރިތި ޤުރްއާނަކީ) ހަށިގަނޑާއި ހިތުގެ ހުރިހާ ބަލިތަކަށްވާ ފުރިހަމަ ޝިފާއެވެ. އެކަމަކު ތައުފީޤުލިބިގެންވާ ބައަކަށް މެނުވީ އެއިން ރަނގަޅު ގޮތުގައި ފަރުވާކުރާކަށް ނޭނގޭނެއެވެ.": އިމާމުލް މަނާވީ

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުން ކީރިތި ޤުރްއާނަކީ ޝިފާއެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަޤީންކުރެވެން އޮތުމުން ބުނެލަން އޮތީ ކޮންމެ ބައްޔެއްވިޔަސް ސަބަބުތަކުގައި ހިފަހައްޓައިގެން ބޭސްފަރުވާކުރާށެވެ! އަދި އެންމެ ފުރަތަމަ ކުރާ ފަރުވާއަކީވެސް ޤުރްއާން ކިޔެވުން ކަމުގައި ހަދާށެވެ! އަދި ދުޢާކުރަމުން ގެންދާށެވެ! ޝިފާ ދެއްވަވާނެތެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން