ރުޅިއަންނައިރަށް އެކުވެރިޔާގެ ކުށް ހޯދައި ފަޟީޙަތްކުރަން އުޅޭއިރު ﷲ ތަޢާލާ ތިމާ ފަޟީޙަތް ކުރައްވަވައިފާނެކަމަށް ބިރުނުގަންނަނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ރުޅިއަންނައިރަށް އެކުވެރިޔާގެ ކުށް ހޯދައި ފަޟީޙަތްކުރަން އުޅޭއިރު ﷲ ތަޢާލާ ތިމާ ފަޟީޙަތް ކުރައްވަވައިފާނެކަމަށް ބިރުނުގަންނަނީތަ؟

ފުރަތަމަ ކަމަކަށް ބުނެލަން އޮތީ ޤިޔާމަތް ދުވަހު މީސްތަކުންގެ ހިސާބުބައްލަވާއިރު އެއްވެސް އެެހން މީހަކު ކުރިކުށެއްގެ ޒިންމާ އުފުލާކަށް ހަމައެކަކަށްވެސް ނުޖެހޭނެއެވެ. އުފުލަންޖެހޭނީ އެމީހަކު ކުރި ކުށެއްގެ ޒިންމާއެވެ.  

ދެން ބުނެލަން އޮތީ އަނެކާ ކުރާ ކުށްތައް ހޯދަން ފާރަލާކަށްވެސް ނެތެވެ. އެއީވެސް ކުރެވޭ ފާފައެކެވެ. ކޮންމެ މީހަކުވެސް ފާރަވެރިވާންޖެހޭނީ ތިމާގެ އަމިއްލަ ނަފްސަށާއި ތިމާގެ ބެލުމުގެދަށުގައިވާ މީހުންނަށެވެ. އެނޫން މީހަކަށް ފާރަވެރިވުމެއް ނެތެވެ.  

އެހެނަސް ކުރުކޮށް ބުނާނަމަ މީސްތަކުންގެ ތެރެއިން ގިނަބައަކު އެންމެ އަވަދިނެތި އުޅެނީ އެހެން މީހުންގެ ކުށްތައް ހޯދާށެވެ! އެކަންކަން ހޯދައި ފަޟީޙަތްކުރާށެވެ! މިއީ މިހާރަކަށް އައިސް އެންމެ ގިނަ ބައަކަށް ކުރެވޭ ވަރަށް ބޮޑު ކުށެކެވެ! ހިތާމައަކީ އެ ކުށް ކުރެވޭކަން ޚުދު އެމީހާއަށްވެސް ނުއެނގޭ ކަމެވެ. ނުއެނގި ހުރެ އެ ކުށް ކުރެވެމުންދާ ކަމެވެ.

އެކުށަކީ އެހެން މީހުންގެ ކުށް ހޯދަން މަސައްކަތްކުރެވޭ ކަމެވެ. މިއަދުގެ ޢާންމު ޙާލަތަށް ބަލައިފިނަމަ ތިމާއަށް ކުރެވޭ ކުށްތައް ދެނެގަންނާކަށް ނުވަތަ އެނގޭކަށް ބޭނުމެއް ވެސް ނުވެއެވެ. ނަމަވެސް އެހެން އެންމެން ކުރާ ހުރިހާ ކުށެއް ކޮންމެހެންވެސް އެނގެން ބޭނުންވެއެވެ. ރައްތެއްސަކު އެހެން ރައްތެއްސެއްގެ ގާތުގައި ވާހަކައެއް ދައްކަނިކޮށް ފެނުނަސް އެވާހަކަވެސް އެނގެން ބޭނުންވެއެވެ. މިހުރީ ހާދަ ނުބައި ސިފަތަކެވެ.  

ތިމާއަށް ކުރެވޭ ކުށްތައް ދެނެގަނެ އިޞްލާޙްކުރަން މަސައްކަތް ނުކޮށް އެހެން މީހުންގެ ކުށްތައް ހޯދަން ވަގުތުތައް ހޭދަކުރީމާ ފުރަތަމަ ކަމަކަށް ގެއްލިގެން އެދަނީ ތިމާ ސުވަރުގެދިއުމަށްޓަކައި ގަދައަޅައި މަސައްކަތްކުރަންހުރި އަގުހުރި ވަގުތުތަކެވެ. ހަމަ އެއާއިއެކު އެހެން މީހުންގެ ކުށްތައް ހޯދަން މަސައްކަތްކުރުމުން އެކުރެވެނީ ފާފައެކެވެ.  

ވީމާ މިހިސާބުން އުފައްދަން ޖެހޭ ސުވާލަކީ ތިބާ ބޭނުންވެގެން ތިއަ އުޅެނީ އެހެން މީހުންގެ ކުށްތައް ހޯދައި އެމީހުން އިޞްލާޙްކޮށްފައި ތިބާ ނަރަކައަށް ދާން ހެއްޔެވެ؟ މިސުވާލު މިގޮތަށް ކުރަން މިޖެހެނީ ތިމާގެ ކުށްތައް އިޞްލާޙް ނުކުރާނަމަ ތިމާއަށް ޢަޒާބު ލިބޭނެކަން އެނގެން އޮތަތީއެވެ! ސުވަރުގެ ދިއުމަށްޓަކައި ތިމާއަށް ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވުމުން ތިމާއަށް ސުވަރުގެ ނުލިބިދާނެކަމަށް އޮތަތީއެވެ!

މީހަކަށް ކުށެއް ކުރެވޭކަން އެނގިއްޖެނަމަ ނަޞޭޙަތް ދިނުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. ނަމަވެސް މީހުން ފަޟީޙަތް ކުރުމުގެ ބޭނުމުގައި މީހުންގެ ކުށް ހޯދަން މަސައްކަތްކުރުމަކީ ކުރެވޭ ފާފައެކެވެ. މުސްލިމުންނަށް އޮތީ އަޚުންގެ ކުށް ހޯދައި ފަޟީޙަތްކުރުމެއް ނޫނެވެ! އިޞްލާޙްވާން އެހީތެރިވެދިނުމެވެ.  

އެއިގެ ކުރިއަށް ވެސް ގެންނަން ޖެހޭނީ ތިމާ އިޞްލާޙްވުމެވެ! ތިމާ ހެޔޮ ޢަމަލުތައް ކުރުމެވެ. ތިމާ ފާފަ ނުކުރުމެވެ. އެހެން މީހުން އިޞްލާޙްކުރުމުގެ މަސައްކަތް ގެންނަންވާނީ އެއިގެ ފަހަތުންނެވެ! އެހެނީ ތިމާއަށް ސުވަރުގެ ލިބުމުން ވަނީ އެކަމަށްޓަކައި ތިމާ ކުރި މަސައްކަތަކުން ކަމުގައިވާތީއެވެ! ވީމާ ފުރަތަމަ ކަމަކަށް ތިމާއަށް ކުރެވޭ ކުށްތައް ދެނެގަނެ ތިމާ އިޞްލާޙްވާށެވެ! ތިމާއަކީ ހެޔޮ އަމަލުކުރާ މީހަކަށްވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން