އަހުރެމެންނަށް ހީވަނީ އަހުރެމެންނަށް ވަރަށް ގިނަ އަޅުކަން ކުރެވޭ ކަމަށެވެ. ދުނިޔޭގައި ހުރެ ކިތަންމެ ގިނަ އަޅުކަންކުރެވޭކަމަށް ހީކުރެވުނު ނަމަވެސް އެއީ ކުށްހީއެކެވެ. ކުރެވުނު އަޅުކަން މަދުވެގެން ހިތާމަ ނުކުރާނޭ ހަމައެކަކުވެސް ނުހުންނާނެއެވެ.
ޙަޤީޤަތަކީ ކޮންމެ މީހަކަށްވެސް މަރުވެގެން ކައްވަޅަށް ދާން ޖެހެނީ ކުރެވުނު ނުހަނު މަދު އަޅުކަން ހިފައިގެންކަމެވެ. މާނައަކީ ދުނިޔޭގައި ހުރެ ކުރެވޭ އަޅުކަން ކޮންމެ މީހަކަށް ވެސް އޮންނާނީ މަދުވެފައެވެ. އަޅުކަން ކުރެވެނީ ވަރަށް މަދުން ކަމެވެ. އެކަން އެންމެ ރަނގަޅަށް އެނގި ތިމާއަށް ޤަބޫލުކުރެވޭނީ މަރުވުމުންނެވެ! މިހާރުވެސް ޔަޤީނަށް އެނގޭ މިންވަރަކީ މަދުވާނެ ކަމެވެ!
ކަން މިހެން އޮތްއިރު ތިމާ މަރުވުމުން ވެސް ތިމާއަށް ސަވާބު ލިބޭނެ އެންމެ ފަސޭހަ އެއް މަގަކީ ދަރިންނަށް ޛިކުރުތައް ދަސްކޮށްދިނުމާއި ޛުކުރުކުރަން އާދަކުރުވުމެވެ. އަދި ދަރިންގެ އިތުރުން އެހެން މީހުންނަށްވެސް ދަސްކޮށް ދިނުމެވެ! އެމީހުން ކިޔަވާ ވަރަކަށް ތިމާއަށްވެސް އެކަމުގެ ފައިދާކުރާނެތީއެވެ! ސަވާބު އިތުރުވަމުންދާނެތީއެވެ!
ތިރީގައި މިވަނީ މިކަމާއި ބެހޭ ގޮތުން ޝައިޚް މުޙައްމަދު ޝާފިޢު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ!
ކުދީން ކުޑައިރުއްސުރެ ފެށިގެން ﷲ ގެ ޛިކްރުގެ މަތީގައި ތަރުބިއްޔަތުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އެކުދީންނަށް އަޅުގަނޑުމެން ޛިކްރުތައް އުނގަންނައިދިނުމުން އެކުދީން އެ ޛިކްރުތައް ކިޔާ ކޮންމެ ފަހަރަކު ﷲ ތަޢާލާ އަހަރެމެންނަށްވެސް އަޖުރު ލިޔެދެއްވާނެއެވެ. އަހަރެމެން މަރުވުމަށްފަހުވެސް އެކުދީންގެ އެޛިކްރުތަކުގެ މަތީގައިވާނަމަ، އަހަރެމެން މަރުވުމަށްފަހުގައި އަހަރެމެންނަށް ޘަވާބު ލިބޭ ވަޞީލަތަކަށް އެކަން ވެދާނެއެވެ.
މިފަދަ ފައިދާހުރި ތަކެތި ދަރިންނަށް ދަސްކޮށްދޭށެވެ. ބައެއް މީހުން އެބައިމީހުންގެ ދަރީންނަށް ދަސްކޮށްދެނީ އެއްވެސް ފައިދާއެއް ނެތް ތަކެއްޗެވެ. ފާޑުފާޑުގެ މަޖާކަންތައްތަކާއި ކާރޓޫނުތަކެވެ. ނުވަތަ ގޭމުތަކެވެ. ފައިދާއެއް ނެތް ތާނގައި ގެއްލުން އެކުލެވިގެންވާ ތަކެތިވެސް ބައެއް މީހުން އެބައިމީހުންގެ ދަރީންނަށް ދަސްކޮށްދެއެވެ.
ދަރީން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރެވޭނީ ބޭކާރު ކަންތައްތަކުން އެކުދީންގެ ސިކުނޑި ނުފުރާ ފައިދާހުރި މައުލޫމާތުން އެކުދިންގެ ސިކުނޑި ތަނަވަސްކޮށްގެންނެވެ.
الشيخ محمد شافع