ކޮންމެވެސް ބާވަތެއްގެ ކަންތައްތަކެއް ކުރިމަތިވެ ކަންބޮޑުވާންޖެހިފައިނުވާ މީހަކު ވަރަށް މަދުވާނެއެވެ. އެނޫން ހުންނާނީ ހަމަ ޙާލަކުން މީހެކެވެ. ވީމާ ޖުމުލަކޮށް ބުނާނަމަ އެންމެންނަށްވެސް އުޅެންޖެހިފައި މިވަނީ ކޮންމެވެސް ބާވަތެއްގެ ކަންބޮޑުވުންތަކެއްގެ ތެރޭގައެވެ. އެކި މީހުންނަށް އެކިމިންވަރަށެވެ.
އެކުވެރިންތެރޭގައިވެސް ތަފާތު މިޒާޖުގެ މީހުން އުޅޭނެއެވެ. އެންމެ ގާތް އެކުވެރިންގެ ތެރޭގައިވެސް ދަތި އުނދަގޫތައް ކުރިމަތިކުރުވައި ހިތްދަތިކަން ދޭން މަސައްކަތްކުރާ ބައަކު އަބަދުވެސް އުޅޭނެއެވެ. ކަމެއް ކުރިމަތިވުމުން އެއީ ބޮޑު މުޞީބާތެއް ކަމަށް ވިސްނައިދީ ކަންބޮޑުވުން އިތުރުކުރުވަން މަސައްކަތްކުރާ ބައަކުވެސް އުޅޭނެއެވެ.
އެފަދަ މީހުން އަބަދުވެސް ބަލާނީ ތިބާގެ ކިބައި ހުންނަ އުނިސިފަތަކަށެވެ! ތިބާއަށް ޙާޞިލުނުކުރެވި ހުންނަ ކަންކަމަށެވެ! ފާޑުކިޔައި ކަންބޮޑުވުން އުފައްދާނީ އެފަދަ ކަންކަމަށެވެ! ތިބާގެ ކިބައިގައި ހުންނަ އެއްވެސް ރަނގަޅު ސިފައެއް ނުވަތަ ތިބާއަށް ރަނގަޅަށް ކުރެވޭ ކަންކަން ފާހަގަވެސް ނުކުރާނެއެވެ! އަދި ތިބާއަށް ކުރިމަތިވާ ދަތިތަކުގެ ވާހަކަ ދައްކައި ކަންބޮޑުވުން އިތުރުކުރުވާއިރު ތިބާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކުގެ ވާހަކަ ދައްކައި ހިތްވަރެއްވެސް ނުދޭނެއެވެ.
އެފަދަ މީހުން އެ މަސައްކަތްކުރަނީ ތިބާއަށް ހިތްދަތިކަން އިތުރުކުރުވާށެވެ! މާޔޫސްކަން އިތުރުކުރުވާށެވެ! އެބައިމީހުން އެ ނަގައިލަނީ ތިބާގެ އަގުހުރި ވަގުތުތަކެވެ. އެމީހުން ދައްކާ ވާހަކަ އަޑުއަހަން ވަގުތުތައް ބޭކާރުކޮށް ނަގައިނުލާށެވެ!
އެފަދަ މީހުން ދައްކާ ވާހަކަތަކަށް ސަމާލުވާށެވެ! ތިބާ ﷲ ތަޢާލާ އާއި އިތުރަށް ގާތް ކުރުވާފަދަ ބަހެއް ބުނެފިނަމަ އެބަހެއް ބަލައިގަންނާށެވެ! އިތުރުވާހަކަތަކަށް ސަމާލުކަން ނުދޭށެވެ! ކޮންމެހެން ޖަދަލުކޮށް ޒުވާބު ކުރުމުގެ ބޭނުމެއް ނެތެވެ. އޭނާ ދައްކާ ވާހަކަތަކަށް ކަންބޮޑުނުވެ އަޅާ ނުލައި ހުރުމުން އޭނާއަށް ފިލާވަޅެއް ލިބޭނެއެވެ! އެފިލާވަޅު ފޯރުކޮށްދެމުން ގެންދާށެވެ!
ތިމާއަށް ކުރިމަތިވާ ހުރިހާ ކަންކަމުގެ ވާހަކަތައް އެންމެންނަށް ކިޔައިނުދޭން ބުނަންޖެހޭ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. އެހީތެރިވެދޭނީ މަދު މީހަކު ކަމަށްވެފައި ގިނަ މީހުން ބަލާނީ އެމީހަކު އިތުރަށް މާޔޫސްކުރުވޭތޯކަމަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން