އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރީ ގާނޫނީ ވެރިކަމެއް ވައްޓައިލަން ކަމަށް ބަލައި ފުލުހުން މައްސަލަ ތަހުގީގުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރީ ގާނޫނީ ވެރިކަމެއް ވައްޓައިލަން ކަމަށް ބަލައި ފުލުހުން މައްސަލަ ތަހުގީގުކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ހުއްޓާލުމަށް ނިންމި ނިންމުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލުމަށް ގޮވާލި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބީއެމްއެލްގެ ނިންމުމާ ދިމާކޮށް، ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، މީސް މީޑިއާގައި ސަރުކާރު ވައްޓާލުމަށް ގޮވާލާފައިވާ ކަމަށެވެ. އަދި މިއީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވުނު މަސައްކަތެއްކަމަށް ބެލެވޭތީ، މި މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި އިތުރު ތަފްސީލު ހާމަކުރެވޭނީ ތަހުގީގު ނިމުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ގައުމުގެ މަސްލަހަތަށް އިސްކަންދީ، ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމުގެ ބަދަލުގައި ޒިންމާދާރުކަމާއެކު ޢަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް ފުލުހުން ގޮވާލާފައިވެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވެސް ވިދާޅުވެފައިވަނީ ބީއެމްއެލްގެ ނިންމުމަކީ އިދިކޮޅުން ގެންނަންއުޅުނު މާލީ ބަޤާވާތެއްކަމަށެވެ.

ޝިޔާމް ވިދާޅުވީ ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އެމްޑީޕީއިން އިސްވެ ތިބި ކުރަންއުޅުނީ ވަރަށް ޒިންމާދާރުކަން ކުޑަ، އަދި އެތަށް ރައްޔިތެއްގެ ޙައްގަށް އަރައިގަތުމުގެ ބޮޑު ބަޣާވާތެއްކަމަށެވެ. ނަމަވެސް އެކަން ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތްތެރި ނިންމެވުމާއެކު ނާކާމިޔާބުކޮށްލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން