ޤާނޫނީ ސަރުކާރު ބަދަލުކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފުލުހުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޤާނޫނީ ސަރުކާރު ބަދަލުކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފުލުހުން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑުތަކުގެ ޑޮލަރު ލިމިޓަށް ގެނައި ބަދަލާ ގުޅިގެން، ޤާނޫނީ ސަރުކާރު ބަދަލުކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވި ގޮތުގައި، މި މައްސަލައިގެ ތަޙްޤީޤުގައި ހޯދަންޖެހޭ މަޢުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ ހުރިހާ ކަމެއް ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ފިޔަވަޅު އަޅަންޖެހޭ މީހުން ތިބިތޯ ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ބީއެމްއެލުން މި މަހުގެ 25 ވަނަ ދުވަހު ވަނީ ދިވެހި ފައިސާ ކާޑުތަކުން ބޭރު ފައިސާގެ އެއްވެސް މުޢާމަލާތެއް ނުކުރެވޭނެ ގޮތަށް ނިންމާފައެވެ. ނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލަފަޔާއެކު އެ ބޭންކުން ވަނީ އެ ނިންމުން ފަހުން ބަދަލުކޮށްފައެވެ.

ސަރުކާރުން ވަނީ ބީއެމްއެލްގެ މި ނިންމުމަކީ ސަރުކާރުން އެކަމާ ގުޅިގެން ދެއްވާފައިވާ ލަފައާ ދެކޮޅަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ޤާނޫނީ ސަރުކާރު ބަދަލުކުރަން މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭތީ، ފުލުހުން ވަނީ މައްސަލަ ތަޙްޤީޤުކުރަން ފަށާފައެވެ. އަދި މި މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށް މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިއަދު އޮންލައިން