ފުލުހުންގެ ޒިންމާ އަދާކުރުމުން އެ ތަނުގެ ހައިބަތު ގެއްލޭގޮތަށް ވާހަކަ ނުދެއްކުމަށް ސިޔާސީ ފަރާތްތަކަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އިލްތިމާސްކުރައްވައިިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑެބިޓް ކާޑުތަކުން ޑޮލަރު ބޭނުންކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށާއި މިހާރު ހުރި ކްރެޑިޓް ކާޑުތަކުގެ ލިމިޓު ކުޑަކުރުމަށް ނިންމި ނިންމުމާ ގުޅިގެން ވެރިކަން ބަދަލުކުރުމަށް މަސައްކަތްކޮށްފައިވޭތޯ ބެލުމަށް ފުލުހުންގެ ތަހުގީގު ފެށުމުން ސޯޝަލް މީޑިއާގައި ސިޔާސީ ބައެއް ފަރާތްތަކުން ފުލުހުންނަށް އަމާޒުކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދާޚިލީ ވަޒީރު މިހެން ވިދާޅުވެފައިވަނީ އިއްޔެއެވެ.
ވަޒީރު ވިދާޅުވީ ބޭންކުގެ ނިންމުމަކީ ރައްޔިތުންގެ ވަރަށް ގިނަ ބަޔަކަށް އަސަރުކުރާނެ ނިންމުމެއް ކަމަށާއި އެނިންމުމާއެކު ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެގަޑީގައި ސޯޝަލް މީޑިއާގައި "ބޮޓު" އެކައުންޓުތަކެއް ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ގޮވާލާފައިވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އޭގެ ތެރޭގައި ރައީސް އިސްތިއުފާ ދެއްވަންޖެހޭ ކަމަށާއި މީހުން މަގުމައްޗަށް ނުކުތުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު ކައިރިއަށް އެއްވެ ގެކޮޅަށް ވަންނަން ގޮވާލާފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ދާޚިލީ ވަޒީރު އިތުރަށް ވިދާޅުވީ އެހާ ގިނަ އިއްތިފާގުތައް އެއްފަހަރާ ކުރިމަތިވުމުން ރައްޔިތުންގެ ސުވާލުތައް ހުންނާނެ ކަމަށާއި އެސުވާލުތަކަށް ޖަވާބުދާރީވާނެ ތަހުގީގީ އިދާރާއަކީ ފުލުހުންގެ ޚިދުމަތް ކަމަށެވެ. އެހެންކަމުން، ފުލުހުންގެ ޒިންމާ އަދާކުރުމުން އެ ތަނުގެ ހައިބަތު ގެއްލޭގޮތަށް ވާހަކަ ނުދެއްކުމަށް ސިޔާސީ ފަރާތްތަކަށް ވަޒީރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
"މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގެއް ކުރަން ފެށުން އޭގެ މާނައަކީ ގޮތެއް ނިންމުމެއް ނޫން. އޭގެ މާނައަކީ އެކަން ބަލާނަމޭ. ބަލާފަ ކަމެއް އޮތިއްޔާ އެކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަމޭ. ކަމެއް ނެތިއްޔާ ނެތްވާހަކަވެސް ދިވެހި ރައްޔިތުންނަށް އަންގަދޭނަމޭ. މިއީ ތަހުގީގު ކުރުމުގެ ބޭނުމަކީ. އެކަމަކު މި ތަހުގީގު ފެށުމުން ކޮމިޝަނަރގެ އިސްތިއުފާއަށް ގޮވަން ފަށައިފި. މިއީ ވަރަށް ޣައިރު ޒިންމާދާރުކަމެއް،" ވަޒީރު ވިދާޅުވިއެވެ.