ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި ދިވެހި ފުލުހުން ދެއްވާ ޚިދުމަތާމެދު ފަޚުރުވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރިތާ 20 އަހަރު ފުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ދުވަހުގެ ތަހުނިޔާ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ފޮނުއްވާފައެވެ. އަދި މި ޚިދުމަތުގެ އަގު ޝުކުރުވެރިކަމާއެކު ވަޒަންކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި، ރެޔާއި ދުވާލު ދިވެހި ފުލުހުން އަދާކުރަމުންދާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވާ ކަމަށެވެ.
ފުލުހުންގެ ޚިދުމަތް ފެށިގެން އައިސްފައިވަނީ 1933 ވަނަ އަހަރުއެވެ. ނަމަވެސް ސިފައިންނާއި ފުލުހުންގެ ޚިދުމަތް އެއް ޚިދުމަތެއްގެ ގޮތުގައި ބައްޓަންވެގެން އައިސް، 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތް ވަކިވެ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުއައްސަސާ ޤާއިމްވެގެން ދިޔައެވެ.
މިގޮތުން، ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރެވުނުތާ މިއަދާ ހަމައަށް 20 އަހަރު ފުރިގެންދާއިރު، ރައީސުލްޖުމްހޫރިއްޔާގެ މި ބަސްފުޅުތަކުން ފުލުހުންގެ މަސައްކަތަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރެވެއެވެ.